ނަޝީދުގެ މައްޗަށް ކުރެވެނީ އިންސާފުވެރި ޝަރީއަތެއް ނޫން: އެމްނެސްޓީ

ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއާއި ގުޅިގެން ކަންކަން ހިނގަމުންދާ ގޮތުން އެއީ އިންސާފުވެރި ޝަރީއަތެއް ކަމަށް ބެލެވެން ނެތް ކަމަށް އ...

04 Mar 2015 | 08:20

ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއާއި ގުޅިގެން ކަންކަން ހިނގަމުންދާ ގޮތުން އެއީ އިންސާފުވެރި ޝަރީއަތެއް ކަމަށް ބެލެވެން ނެތް ކަމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ބުނެފި އެވެ.

ރައީސް ނަޝީދުގެ ޝަރީއަތް ކުރިއަށްދާ ގޮތާއި ބެހޭގޮތުން އެމްނެސްޓީން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ރައީސް ނަޝީދު ހައްޔަރުކުރުމުގައި ފުލުހުން އަމަލުކުރި ގޮތާއި ފުލުހުންގެ ބަންދުގައި ބަހައްޓައިގެން އެމަނިކުފާނު ކޯޓަށް ހާޒިރުކުރުމުގައި ފުލުހުން އަމަލުކުރި ގޮތަކީ އެ ޖަމިއްޔާއިން ކަންބޮޑުވާ ކަމެއް ކަމަށެވެ. އެ ދުވަހުގެ ވީޑީއޯ އެޖަމިއްޔާއިން ދިރާސާކޮށްފައިވާ ކަމަށާއި ރައީސް ނަޝީދާ މެދު ފުލުހުން އެ ދުވަހު އަމަލުކޮށްފައިވަނީ ހަރުކަށިކޮށް ކަމަށް ބަޔާނުގައިވެ އެވެ.

އެބަޔާނުގައި ވަނީ ރައީސް ނަޝީދުގެ މައްޗަށް ކުރިން އުފުލުނު ދައުވާ ބަދަލުކޮށް ފަހުން ޓެރަރިޒަމްގެ ދައުވާ ކުރެވިފައިވާ ކަމާއި އެ ދައުވާ ސާބިތުވެއްޖެ ނަަމަ އެމަނިކުފާނުގެ މައްޗަށް 15 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށާއި އަދި އެހުކުމުގެ ނަތީޖާއެއްގެ ގޮތުން ކުރިއަށް އޮތް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ވާދަނުކުރެއްވޭނެ ކަން ފާހަގަކޮށްފަ އެވެ.

ރައީސް ނަޝީދުގެ މައްޗަށް އުފުލާފައިވާ ދައުވާއާއި ގުޅިގެން އެމަނިކުފާނުގެ ގާނޫނީ ޓީމަށް ވެސް ތަފާތު ހުރަސްތައް ކުރިމަތިވަމުންދާ ކަމަށާއި އުފުލާފައިވާ ދައުވާއާ ގުޅިގެން ރައީސް ނަޝީދު އެންމެ ފުރަތަމަ ކޯޓަށް ހާޒިރުކުރެއްވި ދުވަހު އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ވަކީލަކު ހަމަޖެއްސުމުގެ ހައްގުން މަހްރޫމް ކޮށްފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.

އެމްނެސްޓީގެ ބަޔާނުގައި ބުނެފައިވަނީ ރައީސް ނަޝީދު ހައްޔަރުކޮށްފައި ހުންނަވަނިކޮށް އެމަނިކުފާނަށް އަނިޔާވެރިވި މީހުންނާ، އެމަނިކުފާނަށް ސިއްހީ ފަރުވާ ހަމަޖައްސައިދިނުމަށް ދެކޮޅު ހެދި މީހުންގެ މައްސަލަތައް ވަކި ފަރާތަކަށް ނުޖެހި ތަހުގީގު ކުރުމަށްފަހު އިންސާފުގެ ކުރިމައްޗަށް ގެންނަންޖެހޭނެ ކަަމަށެވެ. އަދި ނަޝީދުގެ މައްޗަށް ކުރެވޭ ޝަރީއަތަކީ ގާނޫނީ ހަމަތަކަށް ފެތޭ އަދި ބައިނަލްއަގްވާމީ ގޮތުން ގަބޫލުކުރެވޭ އުސޫލުތަކުގެ ތެރެއިން ކުރިއަށް ގެންދެވޭ ޝަރީއަތަކަށް ހަދަން ޖެހޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް