ހަމްޒާގެ އަތުތެރެއިން ނޫރާ، އޭނާގެ އަތް ދަމައިގަތެވެ. އެހެނަސް ހަމްޒާ ދެވަނަ ފަހަރަށްވެސް ނޫރާގެ އަތުގައި ހިފަހައްޓައިފިއެވެ. ކުރިން ހިފެހެއްޓިވަރަށްވުރެ ބާރަށެވެ. އެ އަތަށް އެއްވެސް ގުޑުމެއް އަރުވާ ނުލެވޭހާ ބާރަށެވެ.
ނޫރާ ބިރުން ތެޅިގަތެވެ. އޭނާގެ ރީތި ދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބައިގަތެވެ. ދެލޯ ބޮޑުކޮއްލަމުން ހަމްޒާގެ މޫނަށް ނޫރާ ބަލާލިއެވެ. ހަމްޒާގެ މޫނަށް ބަލަން އިންނަމަވެސް، އެ ރީތި ދެލޯ ފުރިފައިވާ ކަރުނައިގެ ތެރެއިން ނޫރާއަކަށް އެއްވެސް ތަނެއް ފެންނާނެހެނެއް ހިޔެއްނުވެއެވެ.
''ސޮރީ........'' ނޫރާގެ އަތުން ދޫކޮށްލަމުން ހަމްޒާ ބުނެލިއެވެ. މަޑުމައިތިރިކަމާ އެކުގައެވެ. ހަމަ ހަޤީގަތުގައިވެސް ހަމްޒާ އެ ކުރެވުނުކަމަކުން ދެރަވެފައި އިންހެން އޭނާގެ އަޑުންވެސް ހީވެއެވެ.
''އަހަންނަށް މާފުކުރޭ ނޫރާ........ ގަސްދުގަ ކުރެވުނު ކަމެއްނޫން.......... ނޭނގެ ކީއްވެކަމެއް އެގޮތަށް އެކަން އެކުރެވުނީ........ސޮރީ........'' ހަމްޒާ އިސްޖަހާލިއެވެ.
ނޫރާ ހަމައެއްވެސް އެއްޗެކޭ ނުބުނެއެވެ. ދަބަހުން ޓިޝޫއެއް ނަގައިގެން، ލޮލުން ފައިބަމުންދާ ކަރުނަތައް ފޮހެލިއެވެ. އަދި ނޭފަތް ސާފުކޮއްލާ މޫނުމަތި ފޮހެލިއެވެ. ކިތަންމެ ވަރަކަށް ފޮހުނަސް ލޮލަށް ކަރުނަ ޖަމާ ނުވާގޮތެއް ނުވިއެވެ. އެހެންނަމަވެސް، އަވަސް އަވަހަށް ޖަހަމުންދިޔަ އެސްފިޔަތަކުގެ ސަބަބުން ކޯތާފަތް މައްޗަށް ނުފައިބާ ލޯތެރޭގައި ކަރުނަތައް މަޑުޖެހިފައި ހުއްޓެވެ.
''ނޫރާ........... މަޑުކޮށްބަލަ ........... އަހަރެން ހަމަ އެއްމެ ވާހަކައެއް ބުނަންބޭނުން........... ޕްލީސް........'' ކާރުން ފައިބަންވެގެން ދޮރު ހުޅުވާލިތަނުން ހަމްޒާ ނިކަން އާދޭހާއެކު އެދުނެވެ. ނޫރާގެ ހަރަކާތް ހުއްޓުނެވެ. ވެހެމުންދިޔަ ވާރޭގައި ކާރުގެ ދޮރު ހުޅުވައިގެން ނޫރާ އިނީ ހަމްޒާއާ ދުރަށް އެނބުރިގެންނެވެ. އޭނާ އިންގޮތުން ހީވަނީ ދެންމެ ދެންމެ ކާރުން ފައިބައިގެން ދުއްވައިގެންފާނެހެނެވެ.
''އަހަރެން ހަމަ އެންމެ ވާހަކައެއް ބުނަންދެން މަޑުކޮށްލާ........ހަމަ އެންމެ ވާހަކައެއް.......... ނޫރާ ގާތު މި ވާހަކަ ނުބުނެވިގެން އަހަރެން ހުންނަތާ ދެތިން މަސްދުވަހަށް ވުރެ ގިނަވެއްޖެ.......އުންމީދު ކުރަން އަހަރެން ބުނަން މިއުޅޭ ވާހަކަ ބުނުމަށް އަހަންނަށް ވަގުތުކޮޅެއް ދޭނެކަމަށް.......'' ހަމްޒާގެ އަޑުގައިވަނީ އިންތިހާ މަޑުމޮޅުކަމެވެ. އެ އާދޭހުގައި ހަޤީގަތުގައިވެސް އަސަރު އެބަހުއްޓެވެ.
ހަމްޒާ އެހާދުވަހުއްސުރެ ނޫރާ ދަންނަނީ ކިހިނެއްކަމާމެދު ނޫރާގެ ހިތުގައި ސުވާލު އުފެދުނެވެ. ހަމަގައިމުވެސް މީގެ ކުރިއަކުން ނޫރާއަށް ހަމްޒާ ފެނިފައެއް ނުވެއެވެ. ހަމްޒާ ނުފެންނަތާނގައި ހަމްޒާގެ ނަންވެސް މީހަކު ކިޔާތީ އިވިފައެއް ނެތެވެ. ނޫރާގެ ހިތުގައި އުފެދުނު ސުވާލުގެ ޖަވާބު އޭނާ ބޭނުންވިއެވެ. ހަމްޒާ އެބުނާ އެއްޗެއް އަޑުއަހާލަން ނޫރާވެސް ބޭނުންވިއެވެ.
''ތި ދޮރުފަތް ލައްޕާލަފާނަންތަ.........ވާރޭ ވެހި މިހާރު ބޮޑުބައި އެއޮތީ ތެމިފަ........ މީ ލަޔާލް ހާދަ ބަލައިގެން ގެންގުޅޭ ކާރެކޭ.........'' ހަމްޒާ ވާހަކަދެއްކީ މަޑުންނެވެ.
''އަހަރެން ދެން ނޫރާ ގަޔަކު އަތެއް ނުލާނަން....... '' ހަމްޒާ ބޭނުންވީ ނޫރާގެ ކަންބޮޑުވުން ފިލުވައިދޭށެވެ.
ނޫރާ ދޮރުފަތް ލައްޕާލިއެވެ. އެހެންނަމަވެސް އެއްވެސް އެއްޗެކޭ އޭނާ ނުބުނިތާނގައި އިސްއުފުލާވެސް ނުލައެވެ.
''އަހަންނަށް، ނޫރާ ފެނުނުތާ އެތައް ދުވަހެއް ވެއްޖެ........ މިއީ މިރަށަށް އަހަރެން އައި ފުރަތަމަ ފަހަރެއް ނޫން....... މީގެ ކުރިންވެސް އެތަށްފަހަރަކު އަހަރެން މިރަށަށް އަތުވެއްޖައިން ........ އަހަރެންގެ ބައްޕަ ހިއްސާވާ ވިޔަފާރިތައް މިރަށުގައި ހިނގާތާ އެތައް އަހަރެއް ވެއްޖެ.......... ބައެއް ދަތުރު ތަކުގަ ބައްޕަޔާއެކު އަހަރެން މިރަށަށް އަންނަން....... ނޫރާ އަހަންނަށް ފެނުނީވެސް އެގޮތަށް މިރަށަށް ކުރި ދަތުރެއްގަ........ ނޫރާ ތި މަސައްކަތް ކުރާ ސައުދުބޭގެ ފިހާރަޔަކީވެސް އަހަރެންގެ ބައްޕަގެ ހިއްސާ އޮންނަތަނެއް........'' ހަމްޒާ ވާހަކަ މެދުކަނޑާލިއެވެ. އޭނާއަށް ހުއްޓުން އެރީ ނޫރާ އޭނާގެ މޫނަށް ބަލާލުމުންނެވެ. އެތައް ސުވާލެއް ކުރަން ނޫރާ ބޭނުންވާ ކަހަލައެވެ. އެހެނަސް އޭނާ ހަމަ އެއްވެސް އެއްޗެކޭ ނުބުނެއެވެ.
''ނޫރާގެ ނަމްބަރު އަހަރެން ފޯނުގައި ރައްކާކޮށްފައި އޮންނަތާ ވީ ދުވަހެއް ބުނަން އަހަންނަށް ދަތި......... އެކަމަކުވެސް އަހަރެން ނޫރާއަށް ގުޅަން ބޭނުން ނުވީ...... ގުޅައިގެން އަހަރެން ފެއިލް ވާން ބޭނުން ނުވާތީ ......އަހަންނަށް ނޫރާގެ މިޒާޖު ވަރަށް ރަނގަޅަށް އެނގޭތީ........ މީގެ އެތަށް ދުވަހެއް ކުރިން ނޫރާ އަހަންނަށް ވަރަށް ހާއްސަ ވެއްޖެ......... އަހަންނަށް ނޫރާ ވަރަށް ކަމުދޭ........ މީ އަހަރެން ބުނަން ބޭނުންވި ވާހަކަ........ ދެން ހިނގާ ގެޔަށްދަމާ..........'' ހަމްޒާ ކާރުން ފޭބުމަށްފަހު ޑްރައިވަރު ޝީޓުގައި ހަމަޖެހިލަމުން ކާރު ދުއްވާލިއެވެ. ނޫރާ ދޭނެ ޖަވާބަކަށް އޭނާ އިންތިޒާރެއް ނުކުރެއެވެ.
ފަރިތަކަމާއެކު މަގުތަކާ ގޯޅިތަކުން ދުއްވަމުންދިޔައިރު ހަމްޒާއަކީ މިރަށު އުޅެބޮޑުވި މީހެކޭ ތަފާތެއް ނެތެވެ. މާ ގިނައިރުތަކެއްނުވެ، އޭނާ ކާރު މަޑުކޮއްލީ ސީދާ ނޫރާގެ ގޭގެ ދޮރުމައްޗަށެވެ.
''މި އާދެވުނީ........ ވަރަށް ބޮޑަށް ތޭންކްސް އަހަންނަށް ނޫރާ ގާތު އެއްޗެއް ބުނަން ފުރުސަތު ދިނީތީ.........'' ކުރިމަތީގައި ހުރި ލޯގަނޑުން ނޫރާގެ މޫނަށް ބަލަން އިނދެ ހަމްޒާ ވާހަކަދެއްކިއެވެ.
މަޑުމަޑުން ދޮރު ހުޅުވާލުމަށްފަހު ނޫރާ ކާރުން ފައިބައިފިއެވެ. އަދި ނިކަން އަވަސް ފިޔަވަޅުތަކެއް އަޅަމުން ގޭތެރެއަށް ވަނުމަށްޓަކައި ހިނގައިގަތެވެ.
*******
''ދަރިފުޅު ހާދަ ލަސްވެއްޖެއޭ......... ފިހާރައިގަ މާ މީހުން ގިނައީދޯ ........ އެހެނެއްނު ވާނީ........ ބަންގިގޮވަންފެށީމަ ވިއްޔަ ފިހާރަޔަށް ވަންނަންތިބޭނީ ގިނަ މީހުން........... މަންމަ މިހުންނަނީ ދަރިފުޅު ލަސްވެގެން ވަރަށް ކަންބޮޑުވެފަ........އެކަމަކު އެނގޭ ދަރިފުޅު ނުނިމޭތީކަން ލަސްވީ........ އެހެންވެ ގުޅާލަން އުޅެފަވެސް މި މަޑުކޮއްލީ.......'' ގޯތިތެރެއަށް ވަދެގެންއައި ނޫރާ ފެނުމުން އުނދޯލީގައި އިން ޒަރީނާ ތެދުވިއެވެ. ނޫރާގެ ފަހަތުން އެހެންމީހަކު އާދޭތޯ ބަލާފަދައަކުން އޭނާ ބަލާލިއެވެ.
''ކޮބާ ލަޔާލް........ ނުވެސް ވަދެ ދިޔައީތަ........ މަންމަ މިހުންނަނީ ދެކުދިންނަށް ކާންހަދައިގެން........ މަސްފިހެފަ ހުންނާނެ ލަޔާލް އަންނާނަމޭ ބުނީމަ.........'' ޒަރީނާ ނޫރާގެ ފަހަތުން ގެއަށް ވަންނަށް ހިގައިގަތެވެ.
''ދަރިފުޅު ނުބުނަންތަ ލަޔާލްގާތު ގެއަށް ވަންނަންވެސް....... މިހާރު އެސޮރު މިގެއިން އެއްޗެއް ނުކާތާވެސް ދުވަސްކޮޅެއް ވެއްޖެއެއްނު.......'' ލަޔާލް އަންނާނެކަމަށް ވަރަށް މީރުކޮށް ކައްކާ، ކާންހަދައިގެންހުރި ޒަރީނާ މާޔޫސްވާގޮތްވިއެވެ.
''ނޭނގެ........'' ނޫރާ އަށް ދެވުނީ ދެއްކި ވާހަކައާ މާބޮޑު ގުޅުމެއް ހުރި ޖަވާބެއް ނޫނެވެ. ވާނީވެސް އެހެންތާއެވެ. ނޫރާގެ މަންމަ ދެއްކި އެއްވެސް ވާހަކައަކަށް، ނޫރާއަށް ސަމާލުކަމެއް ނުދެވުނެވެ. ނޫރާގެ ސިނކުޑީ ތެރޭގައި އެނބުރެމުންދިޔައީ ދާދި ދެންމެއަކު ހަމްޒާ ދެއްކި ވާހަކަތަކެވެ. އޭނާގެ ކަންފަތުގައި ހަރުލާފައިވަނީ ހަމްޒާގެ އަޑެވެ. އޭނާގެ ހިތަށް ސިފަވަމުންދިޔައީ ހަމްޒާގެ ސޫރައެވެ. އެހިތުގައިވާ އެތަށް ސުވާލަކަށް ނޫރާ ޖަވާބު ބޭނުންވެއެވެ.
''ނަމާދުކޮއްލަން މިދަނީ......... މިއަދު މެންދުރުފަހު ފިހާރައަށް ދާން ނުޖެހޭތީ ދެން ކާނީ ހަވީރުން....... މަންމަ ކާލާ........'' ނޫރާ އޭނާގެ ކޮޓަރިއާ ދިމާއަށް ދަމުން ބުންޏެވެ. ޒަރީނާގެ ހިތުގައި ނުތަނަވަސް ކަމެއް އުފެދުނު ނަމަވެސް އޭނާ އެއްވެސް ސުވާލެއް ނުކުރެއެވެ.
*****
ކުޑަކޮށް ނިދާލުމަށްފަހު ނޫރާއަށް ހޭލެވުނީ ހަވީރު ފަހެއްވެސް ޖެހިފަހުންނެވެ. ހަމަ ހޭލެވުމާއެކު ނޫރާގެ ޚިޔާލަށް އައީ ހަމްޒާއެވެ. އޭނާ ނިދީވެސް އެ ޚިޔާލުތަކާ ދުރުވެވޭނެ ކަމަށް ހީކޮށެވެ. އެހެނަސް އެހެނެއް ނުވިއެވެ.
ނޫރާ އެނދުން ތެދުވިއެވެ. ހޭވިފައިވާ އޭނާގެ ދިގު އިސްތަށިގަނޑު އަތުން ތަރުތީބުކޮއްލިއެވެ. މޭޒުމަތީގައި ޗާޖަށް ޖަހާފައިވާ ފޯނު ބަލާލީ އެއްވެސް ބޭނުމެއްގައެއް ނޫނަސް، ނުދަންނަ ނަމްބަރަކުން އައިސްފައިވާ މެސެޖެއް ނޫރާއަށް ފެނުނެވެ.
''އައިޑީކާޑު ބޭނުން......... ނުފުރިފަ މިހުރީ .........'' ނޫރާ މެސެޖްކިޔާލިއެވެ. ހަމަހިމޭނުން ވިންދުޖަހަމުންދިޔަ ނޫރާގެ ހިތަށް ހީވީ ތޫފާނެއް އައިހެންނެވެ. އެ ހިތުގެ ހިނގުން އިންތިހާއަށް އަވަސްވީ ކީއްވެކަމެއް ޚުދު ނޫރާއަކަށްވެސް ނޭނގެއެވެ. އެއީ ހަމްޒާގެ މެސެޖެއްކަން ނޫރާއަށް ޔަޤީންވިއެވެ.
އަވަސްއަވަހާ އޭނާ ތެދުވެގެންގޮސް ދަބަހުގައި އޮތް އައިޑީކާޑު ނަގައިފިއެވެ. މިއަދު ހަމްޒާއާ ދިމާވިވަގުތު، އެ ކާޑު ދެވުނުނަމައޭ ނޫރާގެ ހިތަށްއެރިއެވެ. އެހެންނަމަވެސް އެވަގުތު އޭނާ ހާސްވެ ކަންބޮޑުވެފައިހުރިވަރުން އެކާޑުމަތިން ހަނދާނެއް ނުވިއެވެ.
ދެވަނަ ސިކުންތުގައި ނޫރާގެ ހިތުގައި ސުވާލު އުފެދުނީ އެ ކާޑު ނޫރާއަތުގައި އޮތްކަން ހަމްޒާ އަށް އެނގުނުގޮތަކާމެދުގައެވެ. ކުރިންވެސް އެތަކެއް ސުވާލެއް އުފެދިފައިވާ ހިތުގައި އެތަކެއް ސުވާލުމާކުތަކެއް އިތުރުވެ ސިކުނޑި ހަލަބޮލިކޮއްލައިފިއެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، 06 ފެބްރުއަރީ، ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ....
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް