އިންޑިއާގެ ރިޔާސީ ބަޔާނަށް ރާހުލް ގާންދީ ދިނީ ވަރުގަދަ ރައްދެއް – ބުނީ ގައުމުގެ މުސްތަގުބަލު ކަމުގައިވާ ޒުވާނުންގެ ވާހަކަ ނުވެސް ނެތް ކަމަށް

އިންޑިއާގެ ޕްރެސިޑެންޝަލް އެޑްރެސް އަށް އިދިކޮޅު ލީޑަރު ރާހުލް ގާންދީ ވަރުގަދަ ރައްދުތަކެއް ދީފިއެވެ. މި ރައްދުތައް އޭނާ ދިނީ ލޮކް ޝަބާގައި ވާހަކަ ދައްކަމުންނެވެ. ރާހުލް ގާންދީ ބުނެފައިވަނީ އިންޑިއާގެ...

04 Feb 2025 | 01:35

އިންޑިއާގެ ޕްރެސިޑެންޝަލް އެޑްރެސް އަށް އިދިކޮޅު ލީޑަރު ރާހުލް ގާންދީ ވަރުގަދަ ރައްދުތަކެއް ދީފިއެވެ.

މި ރައްދުތައް އޭނާ ދިނީ ލޮކް ޝަބާގައި ވާހަކަ ދައްކަމުންނެވެ.

ރާހުލް ގާންދީ ބުނެފައިވަނީ އިންޑިއާގެ ރައީސް ދުރްޕަތީ މަމްރޫގެ ރިޔާސީ ބަޔާން އަޑުއެހި ކަމަށާއި އިވުނީ ހަމަ މީގެ ކުރިންވެސް ދެއްކި ވާހަކަތައް ކަމަށެވެ. ކޮށްދިން ކަންތަކުގެ އެތައް ސަތޭކަ ކަމެއް ކިޔާ ނިންމާލިއިރު ގައުމުގެ މުސްތަގްބަލަކީ ޒުވާނުން ކަމުގައިވާއިރު ޒުވާނުންނާއި ޒުވާނުންގެ މުސްތަގުބަލުގެ ވާހަކަ ނެތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަން ފާހަގަކުރިއެވެ.

އުފެއްދުންތެރިކަމާއި ޓެކްނޮލޮޖީގެ ރޮނގުން ޗައިނާ އިންޑިއާއަށްވުރެ 10 އަހަރު ކުރީގައި އުޅެނީ އަދި ޒުވާނުންނަށް ވަޒީފާ ނުއުފެއްދެނީ އިންޑިއާއިން އުފެއްދުންތެރި ކަމަށް އިސްކަން ދިނުމުގެ ބަދަލުގައި އެހެން ގައުމުތަކުގެ އުފެއްދުންތަކަށް ބަރޯސާވެފައިވާ މިންވަރު އިންތިހާއަށް އިތުރުވެފައިވާތީ ކަމުގައި ރާހުލް ފާހަގަކުރިއެވެ.

"ޔޫކްރޭން ރަޝިޔާ ހަނގުރާމައަށް ބަލައިލަމާ ހިނގާ، ފެންނަނީ ޑްރޯންތައް ބޮޑެތި ޓޭންކުތައް ސުންނާފަތި ކުރާ މަންޒަރު، ޑްރޯން އަކީ ކޮބާ، އެއީ މޯޓަރާއި ބެޓެރީއާއި ކެމެރާ އަދި އޭއައި، އިންޑިއާއިން ކުރަންވީ ކަމަކީ އެތަކެތި އުފެއްދުމަށް ޒުވާނުން ބާރުވެރި ކުރުވަންވީ" ރާހުލް ބުނެފައިވެއެވެ.

އޭނާ ބުނެފައިވަނީ އޭއައި އަކީ ބާރުގަދަ އެއްޗަކަށް ވަނީ ޑާޓާއާ އެކު ކަމަށާއި އިންޑިއާގައި އަދި ޑާޓާވެސް ނެތް ކަމަށެވެ. ފޭސްބުކާއި އިންސްޓަގްރާމާއި އެކްސް ބޭނުންކުރާއިރު ހުރިހާ ޕްރޮޑަކްޝަން ޑާޓާއެއްވެސް ހުރީ އެމެރިކާ ޗައިނާގައި ކަމަށާއި ޒުވާނުންނަށް ލޯނުގެ ފުރުސަތުތައް ފަހިކޮށް ބާރުވެރިކޮށް އުފެއްދުންތެރިކަމަށް ޒުވާނުން ނެރެގެން ނޫނީ ގަދަ ބާރަކަށް ވެވެން އިންޑިއާއަށް ނެތް ކަމަށެވެ.

ގަދަ ބާރަކަށް ނުވެވޭކަން ހާމަކުރުމުގެ ގޮތުން ޖޯކެއްގެ ސިފައިގައި ރާހުލް ބުނީ މިހާރު އެމެރިކާގެ ރައީސް އިންޑިއާއަށް އައުމަށް ދައުވަތު އަރުވަން އިންޑިއާގެ ޚާރިޖީ ވަޒީރު ހައެއްކަ ބުރަށް އެމެރިކާ ރައީސަށް އާދޭސްކުރަން ފޮނުވަންޖެހޭ ކަމަށާއި ނަމަވެސް އުފެއްދުންތެރިކަމުގެ ގަދަ ބާރަކަށް އިންޑިއާ ވެއްޖެނަމަ ދައުވަތަކާ ނުލާ އަމިއްލައަށް އެދިގެން އެމެރިކާގެ ރައީސް އިންޑިއާއަށް އަންނާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް