ސްކޫލް ދަރިވަރުން ތެލެސީމިއާއަށް ސްކްރީން ކުރަން ފަށައިފި

ތެލެސީމިއާއަށް ހޭލުންތެރިކުރުމުގެ ގައުމީ ކެމްޕެއިންގެ ދަށުން، ސްކޫލް ދަރިވަރުން ތެލެސީމިއާއަށް ސްކްރީން ކުރަން ފަށައިފިއެވެ. ހެލްތު މިނިސްޓްރީއާއި މޯލްޑިވިއަން ބްލަޑް ސާވިސަސް އަދި އެޑިއުކޭޝަން މިނިސް...

04 Feb 2024 | 12:19

ތެލެސީމިއާއަށް ހޭލުންތެރިކުރުމުގެ ގައުމީ ކެމްޕެއިންގެ ދަށުން، ސްކޫލް ދަރިވަރުން ތެލެސީމިއާއަށް ސްކްރީން ކުރަން ފަށައިފިއެވެ.

ހެލްތު މިނިސްޓްރީއާއި މޯލްޑިވިއަން ބްލަޑް ސާވިސަސް އަދި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދާ ތެލެސީމިއާ ސްކްރީނިންގ ޕްރޮގްރާމް އިފްތިތާހުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޢާއިޝަތު ޞަފޫރާއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ޕްރޮގްރާމްގައި ތެލެސީމިއާއަށް ސްކްރީން ކުރުމަށް ހަމަޖެހިފައިވަނީ ގްރޭޑް 10 ގައި ތައުލީމް ހާސިލްކުރަމުން އަންނަ ދަރިވަރުން ކަމަށެވެ. އެގޮތުން ފުރަތަމަ ޕްރޮގްރާމް ފަށާފައިވަނީ އަރަބިއްޔާ ސްކޫލްގެ ދަރިވަރުންނަށެވެ. މި ޕްރޮގްރާމްގެ ދަށުން ބެލެނިވެރިންވެސް ތެލެސީމިއާއަށް ހޭލުންތެރިކުރުވުމާއި ޓެސްޓުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ތެލެސީމިއާއަށް ހޭލުންތެރިކުރުމުގެ ގައުމީ ކެމްޕެއިން މި މަހުގެ އެއް ވަނަ ދުވަހު ފެށި އިރު، ހެލްތު މިނިސްޓްރީން ބުނެފައިވަނީ މި ކެމްޕެއިނުގެ މަގުސަދަކީ ތެލެސީމިއާއާއި ގުޅިގެން ލޭ އަޅާ ކުދިން އުފަންވާ ނިސްބަތް ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި %50 އަށް ދަށްކުރުން ކަމަށެވެ. އަދި ގައުމީ ފެންވަރުގައާއި ފަރުދީ ފެންވަރުގައި ގިނަ ބަޔަކަށް ތެލެސީމިއާއާއި ބެހޭ މައުލޫމާތު ފޯރުކޮށްދިނުން ކަމަށް މިނިސްޓްރީން ބުންޏެވެ.

ތެލެސީމިއާ ބަލީގެ 650 ކުދިން މިހާރުވެސް ރާއްޖޭގައި އެބަ ތިއްބެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް