މި އަހަރުގެ ރަމަޟާން މަހުން ފެށިގެން، ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށް ހިނގާ ދުވަސްތަކަކީ، ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށް ހަމަޖައްސައި، އެކަމާ ގުޅޭ ރަސްމީ ދެންނެވުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރެފިއެވެ.
ރައީސް އޮފީހުން ބުނީ މިގޮތަށް ހަމަޖެއްސީ، ރާއްޖޭގައި އިސްލާމީ އުޞޫލުތައް ޤާއިމުކުރުމާއި، ދީނީ ކަންކަމަށް އިސްކަންދިނުމަށް ފުރުޞަތު ދެއްވުމުގެ ގޮތުން، ރަމަޟާން މަހުގެ ފަހުދިހައިގެ ދުވަސްތައް ބަންދުކުރެއްވުމަކީ، މި ސަރުކާރުގެ ރިޔާސީ ވަޢުދަކަށްވާތީއެވެ.
ރަމަޟާން މަހުގެ ފަހުދިހަޔާ ގުޅިގެން ސަރުކާރު ބަންދުވާ ދުވަސްތަކުގައި، އެކިއެކި މުއައްސަސާތަކުން ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް، އެ މުއައްސަސާތަކުން ކަނޑައަޅާ ގޮތެއްގެ މަތިން ދިނުމުގެ އިންތިޒާމު ހަމަޖެއްސުމަށްވެސް ރައީސް އޮފީހުން މިއަދު ނެރުނު ދެންނެވުމުގައި ވަނީ އަންގާފައެވެ.
މިކަމާ ގުޅޭގޮތުން ރައީސް އޮފީހުން މިހާރުވަނީ ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ އަސާސީ އެކި ޚިދުމަތްތައް ދެމުން ގެންދާ ސަރުކާރުގެ މުއައްސަސާތަކާއި އަދި ކުންފުނިތަކާ ބައްދަލުކޮށް، ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކުގައި ޚިދުމަތްތައް ދިނުމުގައި ހަމަޖައްސަންޖެހޭ އިންތިޒާމުތައް ހަމަޖެއްސުމާ ގުޅޭގޮތުން މަޝްވަރާ ކޮށްފައެވެ.
ރައީސް އޮފީހުން ބުނީ މުއައްސަސާތަކުން އެ ޚިދުމަތްތައް ދިނުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފްޞީލް، އެކި ވަސީލަތްތައް މެދުވެރިކޮށް، ރައްޔިތުންނަށް ވީހާވެސް ބޮޑަކަށް ސާފުކޮށްދިނުމަށާއި، އެކަންކަމުގެ މަޢުލޫމާތު، ރައީސް އޮފީހާ ޙިއްޞާކުރުމަށްވެސް މި ބައްދަލުވުންތަކުގައި އެދިފައިވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް