ދިވެހިރާއްޖޭގައި އެންމެ ގިނައިން މީހުން މަރުވާ 3 ސަބަބުގެ ތެރޭގައި ކެންސަރު ހިމެނޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
ދުނިޔޭގެ ކެންސަރު ބަލީގެ ދުވަސް މިއަދު ފާހަގަކުރަމުން އަންނަ އިރު، މި އަހަރު ކަނޑައަޅާފައިވާ ޝިއާރަކީ "ފަރުވާގެ ފަރަގު ކުޑަކުރަމާ" އެވެ.
އެޗްޕީއޭ އިން ބުނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އަންދާޒާކުރާ 2020 ވަނަ އަހަރުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގައި އަހަރަކު މަރުވާ މީހުންގެ ތެރެއިން %17 މީހުން މަރުވަނީ ކެންސަރު ބަލީގައެވެ.
ކެންސަރު ބަލިން ރައްކާތެރިވުމަށާއި، މި ބަލި ކޮންޓްރޯލްކުރުމުގެ ގޮތުން އެޗްޕީއޭ އިން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، ކެންސަރު ބަލީގެ ރަޖިސްޓްރީ ޤާއިމްކޮށް "ނެޝަނަލް ކެންސަރ ރެޖިސްޓްރީ" ޑިޖިޓަލައިޒްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުންޏެވެ. އަދި 2019 ވަނަ އަހަރުން ފެށިގެން ހޮސްޕިޓަލުތަކުގެ ރެޖިސްޓްރީގައި ތިބި ކެންސަރު ބަލި މީހުން މި ރަޖިސްޓްރީއަށް އަޅާ އަދާ ހަމަކުރުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
އެޗްޕީއޭ އިން ބުނީ ކެންސަރު ބަލީގެ ރަޖިސްޓްރީއަށް ބަލާއިރު ރާއްޖޭގައި އެންމެ ގިނައިން ފެންނަ ކެންސަރުގެ ބާވަތްތަކުގެ ތެރޭގައި އުރަމަތީގެ ނުވަތަ ބްރެސްޓް ކެންސަރާއި، ފުއްޕާމޭގެ ކެންސަރާއި، ލޭގެ ކެންސަރާއި، ތައިރޮއިޑް އަދި ޕްރޮސްޓޭޓް ކެންސަރު އިތުރުކަން ފާހަގަކުރެވޭ ކަމަށެވެ.
ކެންސަރު ބައްޔަކީ ދުނިޔޭގެ ދެވަނައަށް އެންމެ ގިނައިން މީހުން މަރުވާ ސަބަބެވެ. ދުނިޔޭގައި އަހަރަކު 10 މިލިއަން މީހުން މި ބަލީގައި މަރުވާއިރު، މީގެ ތެރެއިން %40 މީހުންނަކީ ދިރިއުޅުމުގެ ވައްޓަފާޅީގައި ގެންގުޅޭ ނުރަނގަޅު އެކި އާދަތަކުގެ ސަބަބުން ކެންސަރު ބަލިޖެހި މަރުވާ މީހުންނެވެ.
އެޗްޕީއޭ އިން ބުނީ ކެންސަރު ޖެހުމަށް ގިނައިން މަގުފަހިވަނީ ދިރިއުޅުމާ ގުޅުންހުރި ހިރާސްތަކުގެ ސަބަބުން ކަމުން، މިފަދަ އަމަލުތަކުން ދުރުވުމާއެކު ކެންސަރު ބައްޔަށް ސްކްރީންކޮށް، ބަލީގެ ކުރީކޮޅުގައި ބަލި ދެނެގަނެވުމުން ކެންސަރު ޖެހުމުގެ ނިސްބަތް ތިންބައިކުޅަ އެއްބައި ދަށްކުރެވޭ ކަމަށެވެ.
ކެންސަރު ބަލި ޖެހުމަށް މަގުފަހިވާ ހިރާސްތަކާއި ދިރިއުޅުމުގެ އާދަކާދައާއި ވައްޓަފާޅިއާ ގުޅިފައިވާއިރު، އޭގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރުމާއި، ކެއިން ބުއިމުގައި ނުރަނގަޅު އާދަތައް ގެންގުޅުމާއި، ދުފުމާއި، އެކަށީގެންވާ މިންވަރަށް ކަސްރަތު ނުކުރުމާއި، ބަރުދަން އިތުރުވުމާއި، ބަނގުރާ ބުއިމާއި އަތްވަށް ހުށަހެޅުން ހިމެނޭ ކަމަށް އެޗްޕީއޭ އިން މައުލޫމާތުދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް