މިއަހަރުގެ ފުރަތަމަ 25 ދުވަހު ދައުލަތުގެ ޚަރަދަށްވުރެ އާމްދަނީ 414.2 މިލިއަން ރުފިޔާ އިތުރުވެއްޖެ

މިއަހަރުގެ ފުރަތަމަ 25 ދުވަހު ދައުލަތުގެ ޚަރަދަށްވުރެ އާމްދަނީ 414.2 މިލިއަން ރުފިޔާ އިތުރުވެފައިވާކަމަށް ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު ނެރޭ ފިޒިކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކައިފިއެވެ. ...

04 Feb 2024 | 09:47

މިއަހަރުގެ ފުރަތަމަ 25 ދުވަހު ދައުލަތުގެ ޚަރަދަށްވުރެ އާމްދަނީ 414.2 މިލިއަން ރުފިޔާ އިތުރުވެފައިވާކަމަށް ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު ނެރޭ ފިޒިކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކައިފިއެވެ.

އެ ރިޕޯޓުން ދައްކާގޮތުގައި މި އަހަރުގެ ޖަނަވަރީ މަހުގެ 1 އިން 25 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ އާމްދަނީގެ ގޮތުގައި 1.8 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހުރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 1 ބިލިއަން އިތުރު އަދަދެކެވެ.

މި އަހަރުގެ ފުރަތަމަ 25 ވަނަ ދުވަހު ދައުލަތުގެ ޚަރަދު 1.4 ބިލިއަން ރުފިޔާގައި ހުރި އިރު، އެ މުއްދަތުގައި މިދިޔަ އަހަރުގެ ދައުލަތުގެ ޚަރަދަކީ 1.9 ބިލިއަން ރުފިޔާއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މި އަހަރުގެ ފުރަތަމަ 25 ދުވަހު ދައުލަތަށް ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައި ހިއްސާކުރަނީ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ކަމަށެވެ. މި 25 ދުވަހުގެ ތެރޭގައި ޓެކްސްގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރު އެ މުއްދަތުގައި ލިބިފައިވަނީ 1.2 ބިލިއަން ރުފިޔާއެވެ.

މިދިޔަ އަހަރުގެ ފުރަތަމަ 25 ވަނަ ދުވަހާއި އަޅާބަލާއިރު ދައުލަތުގެ ޚަރަދުގެ އިތުރުން ރިކަރަންޓް ޚަރަދާއި ކެޕިޓަލް ޚަރަދުވެސް ވަނީ ދަށްވެފައެވެ. ފިނޭންސް މިނިސްޓްރީގެ ރިޕޯޓުން ދައްކާގޮތުގައި ރިކަރަންޓް ޚަރަދުގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، ކެޕިޓަލް ޚަރަދަކީ 326 މިލިއަން ރުފިޔާއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް