ކެންސަރަށް ފަރުވާ ހޯއްދެވުމަށްފަހު މިނިސްޓަރ ރަމީލާ އޮފީހަށް ނުކުންނަވަން ފައްޓަވައިފި

ކެންސަރަށް ފަރުވާ ހޯއްދެއްވުމަށްފަހު ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ މިނިސްޓަރ ޑރ އައިޝަތު ރަމީލާ އޮފީހަށް ނުކުންނަވަން ފައްޓަވައިފިއެވެ. މިނިސްޓަރ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަރު...

04 Feb 2024 | 09:12

ކެންސަރަށް ފަރުވާ ހޯއްދެއްވުމަށްފަހު ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ މިނިސްޓަރ ޑރ އައިޝަތު ރަމީލާ އޮފީހަށް ނުކުންނަވަން ފައްޓަވައިފިއެވެ.

މިނިސްޓަރ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަރުވާގެ ފުރަތަމަ ފޭސް ނިންމާލުމަށްފަހު އެނބުރި އާއިލާ ގާތަށް އާދެވުމުން މާތް ﷲ އަށް ހަމްދުކުރާ ކަމަށެވެ. ކީމޯތެރަޕީގެ 9 ސެޝަންވެސް ފުރިހަމަކުރި އިރު، މާ ބޮޑު ސައިޑް އިފެކްޓެއް ތަޖުރިބާކުރަން ނުޖެހުނު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ފަރުވާގެ ދެވަނަ ފޭސްގެ ކުރިން ކުރިއަށް އޮތް ހަފްތާތަކުގައި މުހިންމު މަސައްކަތްތައް ކުރުމަށް އުއްމީދުކުރައްވާ ކަމަށެވެ.

ފަރުވާއަށްފަހު މިނިސްޓަރ އޮފީހަށް ނުކުންނަވަން ފައްޓަވާފައިވާއިރު، މިއަދަކީ ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހެވެ.

ކެންސަރު ބައްޔަށް ފަރުވާ ހޯއްދެވުމަށް މިނިސްޓަރ ރާއްޖެއިން ބޭރަށް ފުރާވަޑައިގަތީ މީގެ ދެމަސް ކުރިންނެވެ. އޭރު މިނިސްޓަރ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކެންސަރު ބަލި ޖެހިފައިވާ ކަމަށާއި އެ ބަލި މިހާރު ހުރީ އެޑްވާންސް ސްޓޭޖުގައި ކަމަށެވެ. ނަމަވެސް ޖެހިފައިވަނީ ކޮން ބާވަތެއްގެ ކެންސަރެއް ކަމެއް ވިދާޅުވެފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް