ރައީސް މުޢިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވުން މާދަމާ!

ރައްޔިތުންގެ މަޖިލީހުގެ އައު ދައުރުގެ ފުރަތަމަ ޖަލްސާގައި މާދަމާ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވުމަށް ވަނީ ހަމަޖެހިފައެވެ. ރައީސް ޑރ. މުޢިއްޒުގެ ފުރަތަމަ ރިޔ...

04 Feb 2024 | 07:44

ރައްޔިތުންގެ މަޖިލީހުގެ އައު ދައުރުގެ ފުރަތަމަ ޖަލްސާގައި މާދަމާ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސް ޑރ. މުޢިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވަވަން ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 9:00 ގައެވެ. ޖަލްސާ ފައްޓަވައިދެއްވާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމެވެ. އެއަށްފަހު އެ ޖަލްސާގައި އޮންނާނީ ރައީސް މުޢިއްޒުގެ ރިޔާސީ ބަޔާން އިއްވެވުމެވެ.

ޤާނޫނު އަސާސީގެ 84 ވަނަ މާއްދާގެ ދަށުން، ކޮންމެ އަހަރަކުވެސް މަޖިލީހުގެ ޖަލްސާތައް ފެށުމަށް ބާއްވާ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާއަށް އެ މާއްދާގައި ބަޔާންކުރާ ކަންކަމުގެ މައްޗަށް އެކުލެވޭ ބަޔާނެއް އިއްވެވުމަކީ ލާޒިމް ކަމެކެވެ.

އެ މާއްދާގައި ބުނެފައިވަނީ ކޮންމެ އަހަރަކު، ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ޤައުމުގެ ޙާލަތު ބަޔާންކޮށްދެއްވައި، ޙާލަތު އިތުރަށް ރަނގަޅުކުރުމަށް ސަރުކާރުން ކުރެއްވުމަށް ނިންމަވާފައިވާ ކަންކަމާ ގުޅޭ ސިޔާސަތުތައް ހާމަކުރައްވައި ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންކަމުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް އިއްވަވަންވާނެ ކަމަށެވެ.

މާދަމާގެ ޖަލްސާގެ އެޖެންޑާގައި އޮންނާނެ ހަމައެކަނި މަސައްކަތަކީ ރައީސްގެ ރިޔާސީ ބަޔާން އިއްވެވުމެވެ. އެ ބަޔާން އިއްވަވައި ނިމުމުން ޖަލްސާވެސް ނިމުމަކަށް އަންނާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް