ޓެކްސީގެ ޚިދުމަތަށް އަލަށް ނުކުންނަ މީހުންނާއި ޓެކްސީ ޑްރައިވަރުން އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކަށް އިތުރަށް އަހުލުވެރިކުރުވުމަށް ކުރިއަށްގެންދާ، ޓެކްސީ ޑްރައިވަރުން ތަމްރީނުކުރުމާއި ތާޒާކުރުމުގެ ޕްރޮގްރާމް ހދ. ކުޅުދުއްފުށީގައި ކުރިއަށް ގެންގޮސްފިއެވެ.
ކުޅުދުއްފުށި ޕޮލިހާއި ރޯޑް ޕޮލިސް ގުޅިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި، އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވާކަމަށް ފުލުހުން ބުނެއެވެ. އަދި އެކްސިޑެންޓްތަކާއި މަގުމަތީގައި ދިމާވާ އެކި މައްސަލަތައް ހައްލުކުރުމުގައި ޓެކްސީ ޑްރައިވަރުންގެ ދައުރާ ގުޅޭގޮތުން މައުލޫމާތު ދީފައިވާކަމަށާއި، އެފަދަ ހާލަތުގައި ޑްރައިވަރުންގެ އަމަލުތައް ބަހައްޓަންވީގޮތާ ގުޅޭގޮތުން ވެސް މައުލޫމާތު ދީ، ޓެކްސީ ގަވާއިދަށް އަލިއަޅުވާލައި އޭގައިވާ މުހިންމު ކަންކާ ގުޅޭގޮތުން މައުލޫމާތު ދީފައިވާކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ވަކިވަކިން ކުރިއަށްގެންދިޔަ އެ ދެ ޕްރޮގްރާމްގެ ތެރެއިން ޓެކްސީ ޑްރައިވަރުން ތާޒާކުރުމަށް ފެބުރުވަރީ 1 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ޕްރޮގްރާމްގައި 31 މީހުން ބައިވެރިވިކަމަށާއި ޓެކްސީ ޑްރައިވަރުން ތަމްރީނުކުރުމަށް ޖަނަވަރީ 31 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ޕްރޮގްރާމްގައި ޓެކްސީގެ ޚިދުމަތާ އަލަށް ގުޅޭ 21 މީހުން ބައިވެރިވި ކަމަށެވެ.
ޓެކްސީ ޑްރައިވަރުން ތަމްރީނު ކުރުމުގެ މި އަހަރުގެ ފުރަތަމަ ޕްރޮގްރާމް ފުލުހުން ވަނީ ޖަނަވަރީ މަހުގެ 10 އަދި 11 ގައި މާލޭގައި ހިންގާފައެވެ. ރޯޑް ޕޮލިހުން ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމުގައި ޓެކްސީގެ ހިދުމަތާ އަލަށް ގުޅޭ 543 މީހުން ބައިވެރިވެފައިވެއެވެ.
ޓެކްސީ ޑްރައިވަރުންގެ ތަމްރީނު ޕްރޮގްރާމުގެ ހަތަރު ބުރެއް ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދެއެވެ. މި ތަމްރީނަކީ ޓެކްސީ ޑްރައިވަރުން ޓެކްސީކުރުމުގެ ލައިސަންސަށް އެދޭއިރު ފުރިހަމަކުރުމަށް ގަވާއިދުގައި ކަނޑައަޅާފައިވާ ތަމްރީނެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް