މިސްކިތްތަކުގައި ޤުނޫތުލް ނާޒިލާ ކިޔުން ވަގުތީ ގޮތުން ހުއްޓާލުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ނެރުނު ސަރކިއުލައެއްގައި ބުނީ މިއަދުގެ މަޣްރިބް ނަމާދުން ފެށިގެން ޤުނޫތުލް ނާޒިލާ ކިޔުން ވަގުތީ ގޮތުން ހުއްޓާލުމަށް މިސްކިތްތަކުގެ އިމާމުންނަށާއި މުދިމުންނަށް އަންގަވާފައިވާ ކަމަށެވެ.
ޤުނޫތުލް ނާޒިލާ ކިޔަމުން އައީ އިޒްރޭލުގެ ޔަހޫދިންގެ ފަރާތުން ފަލަސްތީނުގެ ރައްޔިތުންނަށް ލިބެމުންދާ އަނިޔާތަކާއި ކުރިމަތިވަމުންދާ ލާއިންސާނީ އަމަލުތަކުން ސަލާމަތްކޮށްދިނުގެ ގޮތުންނެވެ. ޤުނޫތުލް ނާޒިލާ ކިޔުން ވަގުތީ ގޮތުން ހުއްޓާލުމާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ޤުނޫތުލް ނާޒިލާއަކީ ދާއިމީކޮށް ފަރުޟު ފަސް ނަމާދުގައި ކިޔަން އޮންނަ ޤުނޫތެއްނޫން ކަމަށާއި، ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ މުޞީބާތުގެ ވަގުތުގައި ޤުނޫތުއްނާޒިލާ 1 މަސް ދުވަސް ވަންދެން ކިޔުއްވުމަށް ފަހު ދޫކޮށްލެއްވި ކަމަށެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ފަލަސްތީނަށް ދެމުން އަންނަ ލާއިންސާނީ ހަމަލާތަކުގައި މިހާތަނަށް 27,000 އަށް ވުރެ ގިނަ މީހުން ޝަހީދުވެ، 66,100 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.
މި ހަމަލާތަކުގެ ސަބަބުން ފަލަސްތީނު ރައްޔިތުންގެ ބަނޑުހައިހޫނުކަން ފުރާނައަށް ނުރައްކާވާ މިންވަރަށް ކުރިމަތިވެފައިވާ ކަމަށް އދ އިން ވަނީ ބުނެފައެވެ. އިޒްރޭލުން ދިން ހަމަލާތަކުގައި ގާޒާގެ ހޮސްޕިޓަލްތައްވެސް ހިދުމަތް ނުދެވޭ މިންވަރަށް ހަލާކުކޮށްލާފައިވާއިރު، ހަމަލާތަކުގެ ސަބަބުން ލިބޭ އަނިޔާއަށް ފަރުވާ ނުލިބުމުގެ ސަބަބުންވެސް އެތައް ބަޔަކު ނިޔާވަމުން އަންނަ ކަމަށް ގާޒާގެ ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް