އެއްވެސް މީހަކު ބާކީ ނުކޮށް، ގޯތީގެ ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ: ރައީސް

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސަރުކާރުގައި މާލެ ސަރަހައްދުން ދޫކޮށްފައިވާ ގޯތިތަކަށް ރެޖިސްޓްރީ އާއި ލިޔުން ދޫކުރުމުގައި އެއްވެސް މީހަކު ބާކީ ނުކުރާނެ ކަމަށާއި އެ މަސައްކަތް ކުރަމުން އަންނަ ކަމަ...

04 Feb 2024 | 07:02

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސަރުކާރުގައި މާލެ ސަރަހައްދުން ދޫކޮށްފައިވާ ގޯތިތަކަށް ރެޖިސްޓްރީ އާއި ލިޔުން ދޫކުރުމުގައި އެއްވެސް މީހަކު ބާކީ ނުކުރާނެ ކަމަށާއި އެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ސަރުކާރުން ކުރިއަށްގެންދާ "ރައީސްގެ ޖަވާބު" ސިލްސިލާގައި މާލެ ސިޓީއަށް ނިސްބަތްވާ އިބްރާހިމް ސަމާހު ވަނީ މާލޭގެ ރައްޔިތުންނަށް ގޯތި ހަވާލުކުރުމުގެ ކަންކަން ކުރިއަށްދާ ގޮތާ މެދު ރައީސުލްޖުމްހޫރިއްޔާއާ ސުވާލުކުރައްވާފައެވެ.

އެ ސުވާލަށް ދެއްވި ޖަވާބުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ގުޅީފަޅުން އަދި ގިރާވަރު ފަޅުންވެސް ގޯތި ލިބުނު ހަމަ ހުރިހާ އެންމެންގެ ގޯތިތަކަށް ދޭންޖެހޭ ލިޔެކިޔުންތަކުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. އެގޮތުން ރަޖިސްޓްރީ ހެދުމާއި ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ނުހިއްކާ އޮތް ސަރަހައްދުތަކުން ދޫކޮށްފައިވާ ގޯތިތަކަށް ގާނޫނީ ގޮތުން ރަޖިސްޓްރީއެއް ހެދެނީ ބިން ހިކުނީމަ ކަމަށެވެ. ނަމަވެސް ނުހިއްކާ އޮތް ސަރަހައްދުތަކުން ދޫކޮށްފައިވާ ގޯތިތަކަށް، ގޯތި ލިބުނުކަން ކަށަވަރުވާ ވަރުގެ ވަގުތީ ލިޔުމެއް ދޫކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ގުޅީފަޅުން، ގިރާވަރުފަޅުން އަދި ހުޅުމާލޭގެ ފަޅު ތެރެއިން ހިއްކަމުން ދާ ބައިން ވިޔަސް، އެއްވެސް މީހަކު ބާކީ ނުކޮށް ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ކުރިއަށްގެންދާ ކަމަށެވެ.

މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް ކުރީ ސަރުކާރުން ފަށާފައިވާ ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރު ފަޅުން މިހާތަނަށް 50 ހެކްޓަރު ހިއްކާފައިވާއިރު، ގުޅީފަޅުން ވަނީ 100 އަށްވުރެ ގިނަ ހެކްޓަރު ހިއްކާފައެވެ. މި ސްކީމްގެ ދަށުން ހުޅުމާލެއިން 1351 ބިމާއި، ގުޅީފަޅުން 2218 ބިން އަދި ގިރާވަރުފަޅުން 5432 ބިން ދީފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް