މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތާއާ ބެހޭ ވުޒާރާގެ ފެހިފަހި ކްލަބުން އިންތިޒާމުކުރި އެފްއެފްސީ ފުޓްސަލް ޗެލެންޖް ކަޕުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން އެޕްސީ ހަކަތަރިން އަދި އަންހެން ބައިގެ ޗެމްޕިއަންކަން އުރަ ގާލްސް ހޯދައިފިއެވެ.
ވުޒާރާގެ އެނާޖީ ޑިޕާޓްމަންޓުގެ މުވައްޒަފުން ހިމެނޭ ހަކަތަރިން ތަށި ހޯދީ މެޓް އޮފީހުގެ ނިމުތު ޓީމު އަތުން 1-0 އިން މޮޅުވެގެންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ހަކަތަރިންގެ އަހުމަދު މުއާދު (އާދު) އެވެ.
މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަންކަން އުރަ ގާލްސް ހޯދީ ކޯ ގާލްސް އަތުން ހަމަ އެ ނަތީޖާ އިން މޮޅުވެގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އުރަ ގާލްސްގެ ފާތިމަތު ހަޔާއު އެވެ.
ފިރިހެން ބައިގެ ޗެމްޕިއަންކަން ހަކަތަރިންނަށް ހޯދައިދިނުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރި އެ ޓީމުގެ ކެޕްޓަން ދާނިޝް މުހައްމަދު އަލީ (ޑެނީ) ބުނީ މިއީ ވަރަށް ދިގު އިންތިޒާރެއްގެ ނިމުން ކަމަށެވެ. އަދި ތަށި ހޯދީ ރަނގަޅު ޓީމެއް އެކުލަވާލައި, ރަނގަޅު ރޭވުންތެރިކަމާ އެކު ވެސް ކަމަށެވެ.
"ފުޓްބޯޅަ ކެރިއަރުގައި އެއްމެ ދެކެން ބޭނުންވާ ދުވަހަކީ އެނާޖީ ޑިޕާޓްމަންޓަށް އެފްސީއެފްސީ ޗެލެންޖް ކަޕް ހޯދައިދިނުން. އިރާދަކުރެއްވީތީ މިކަން ކާމިޔާބުވުމުން ވަރަށް ބޮޑަށް އުފާވި." އޭނާ ބުންޏެވެ.
އެފްއެފްސީ ޗެލެންޖް ކަޕަކީ ތިމާވެއްޓާއި ބެހޭ ވުޒާރާގެ ރެކްރިއޭޝަން ކްލަބުން މީގެ 16 އަހަރު ކުރިން ފެށިގެން ބާއްވަމުން އަންނަ ފުޓްސެލް މުބާރާތެކެވެ. މި މުބާރާތުގެ ސަބަބުން ވުޒާރާގެ އެކި ޑިޕާޓްމަންޓްތަކާއި ވުޒާރާގެ ދަށުން ހިންގާ އެކި އޮފީސްތަކުގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަން ބަދަހިވެގެންދާ ކަމަށް މުބާރާތް އިންތިޒާމުކުރި ފެހިފަހި ކްލަބްއިން ބުނެ އެވެ.
ފެބްރުއަރީ 1 އިން 3 އަށް ބޭއްވި މި އަހަރުގެ މުބާރާތުގައި ފިރިހެން ހަ ޓީމާއި އަންހެން ހަތަރު ޓީމު ބައިވެރިވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް