އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ވުލްވަހެމްޕްޓަން ވެންޑަރާސް އާއި ދެކޮޅަށް ކުޅުނު މެޗުން ލިވަޕޫލް ބަލިވެއްޖެއެވެ.
ރަށުން ބޭރުގައި ވުލްވްސްއާއި ދެކޮޅަށް ކުޅެ ލިވަޕޫލް ބަލިވެފައިވަނީ 0-3 ގެ ނަތީޖާއިންނެވެ.
މެޗު ފެށިގެން ރަނގަޅު ކުޅުމެއް ލިވަޕޫލްގެ ފަރާތުން ފެނުނު ނަމަވެސް މެޗުގެ ވަކި ހިސާބަކުން ވުލްވްސް އިން ވަނީ މެޗުގެ ކޮންޓްރޯލް އަތުލާ ރަނގަޅަށް ކުޅެފައެވެ. އެގޮތުން މެޗުގެ ފުރަތަމަ ފަސް މިނެޓުގެ ތެރޭގައި ލިވަޕޫލްގެ ޖޯލް މަޓިޕް އަތުން ބައިކޮޅަށް ވަތް ލަނޑަކުން ވުލްވްސް އިން މެޗުގެ ލީޑު ނެގިއެވެ.
މި ލަނޑަށް ފަހުވެސް ވުލްވްސް އިން ރަނގަޅަށް ކުޅުނުއިރު، އެޓީމުގެ ދެވަނަ ލަނޑު ޖަހާ މެޗުގެ ލީޑު ފުޅާކުރީ މެޗުގެ 12 ވަނަ މިނެޓުގައި ކްރެއިގް ޑޯސަން ކާމިޔާބު ކޮށްދިން ލަނޑުންނެވެ.
ދެ ލަނޑުގެ ލީޑަކާއި އެކު ވުލްވްސް އިން މެޗުގެ ފުރަތަމަ ހާފު ނިންމާލިއިރު އެޓީމުގެ ތިން ވަނަ ލަނޑު މެޗުގެ 70 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޓްރައުރޭގެ އެހީތެރިކަމާއި އެކު ރުބެން ނެވޭސްއެވެ.
މި ނަތީޖާއާއި އެކު ވުލްވްސް ތާވަލްގެ 15 ވަނައަށް ޖެހިލިއިރު، ލިވަޕޫލް ވަނީ މި މެޗުން ވި ބައްޔާއި އެކު ތާވަލްގެ 10 ވަނައަށް ވެއްޓިފައެވެ. ވުލްވްސް 15 ވަނާގައި އޮތީ ކުޅުނު 21 މެޗުން 20 ޕޮއިންޓް ލިބިގެންނެވެ. އަދި ލިވަޕޫލް 10 ވަނާގައި އޮތީ 20 މެޗުން 29 ޕޮއިންޓް ލިބިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް