ދަރިފުޅު ގޮވައިގެން ވަޒީފާއަށް ނިކުތީ އެހެން ގޮތެއް ނެތިގެން ކަމަށް ޝަމްޢާ ބުނާއިރު އަހަރީ ޗުއްޓީއާއި އާއިލީ ޒިންމާގެ ދިހަ ދުވަސް ނުނަގާ އެބަ އޮތް: ޓްރައިބިއުނަލް

ދަރިފުޅު ގޮވައިގެން ވަޒީފާއަށް ނިކުތީ އެހެން ގޮތެއް ނެތިގެން ކަމަށް ވަޒީފާއާއިބެހޭ ޓްރައިބިއުނަލްގެ މެންބަރު މަރްޔަމް ޝަމްޢާ އިބްރާހީމް ބުނާއިރު އަހަރީ ޗުއްޓީ އާއި އާއިލީ ޒިންމާގެ ދިހަ ދުވަސް ނުނަގާ އ...

04 Feb 2023 | 16:27

ދަރިފުޅު ގޮވައިގެން ވަޒީފާއަށް ނިކުތީ އެހެން ގޮތެއް ނެތިގެން ކަމަށް ވަޒީފާއާއިބެހޭ ޓްރައިބިއުނަލްގެ މެންބަރު މަރްޔަމް ޝަމްޢާ އިބްރާހީމް ބުނާއިރު އަހަރީ ޗުއްޓީ އާއި އާއިލީ ޒިންމާގެ ދިހަ ދުވަސް ނުނަގާ އެބަ އޮތް ކަމުގައި އެ ޓްރައިބިއުނަލުން ބުނެފިއެވެ.

ޓްރައިބިއުނަލުން އެހެން ބުނެފައިވަނީ މެންބަރު މަރްޔަމް ޝަމްޢާ އިބްރާހީމް ވިހެއުމާގުޅިގެން އެ މެންބަރަށް މި އޮފީހުން ޗުއްޓީ ހަމަޖައްސައިދީފައި ނުވާކަމަށް ބުނެ އާއްމު ރައްޔިތުންގެ މެދުގައި މި އިދާރާގެ އިތުބާރު ގެއްލޭފަދަ މޭރުމުން 02 ފެބްރުއަރީ 2023 ވަނަ ދުވަހު ސޯޝަލް މީޑއާގައި ހިއްސާކުރައްވާފައިވާ މައުލޫމާތުގެ އިތުރުން ނޫސްތަކަށް އެ މެންބަރު މައުލޫމާތު ދެއްވާފައިވާކަމަށްބުނެ އެ ޓްރައިބިއުނަލުން ނެރެފައިވާ ނޫސްބަޔާނެއްގައެވެ.

އެ ނޫސްބަޔާނުގައި ބުނެފައިވަނީ ވަޒީފާއާބެހޭ ޓްރިބިއުނަލްގެ މުވައްޒަފުންނަކީ ދިވެހި ސިވިލް ސާވިސްގައި ނުހިމެނޭ ބައެއް ކަމުގައިވާތީއާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ހަތް މެންބަރުންނަކީ ފަސް އަހަރުގެ ދައުރަކަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ފަރާތްތަކެއް ކަމުގައިވުމުން ދިވެހި ސިވިލް ސާވިސްގެ މުވައްޒަފުންނާމެދު އަމަލުކުރުމަށް ކަނޑައެޅިފައިވާ އުސޫލުތައް މި އިދާރާގެ މުވައްޒަފުންގެ އިތުރުން މުވައްޒަފުންގެ މައްޗަށް ތައުބީގު ނުކުރެވޭނެކަން ވަޒީފާއާއި ބެހޭ ގާނޫނުގެ 89 ވަނަ މާއްދާގެ (ލ) ގެ ސަރީހަ ނައްސުން ހާމަވެގެން ދާކަމަށެވެ.

"ވަޒީފާއާބެހޭ ގާނޫނަށް ހަވަނަ އިސްލާހު ގެނައުގެ ގާނޫނަށް 22 ސެޕްޓެމްބަރު 2020 ގައި އަމަލުކުރަން ފެށުމާއެކު، އެ ގާނޫނުގެ ދަށުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުން ތަބާވާންޖެހޭ ސުލޫކީ މިންގަނޑެއް ހެދުމަށް ލާޒިމުކޮށްފައިވާތީ "ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުންގެ ސުލޫކީ މިންގަނޑު ބަލަހައްޓަންޖެހޭ ގޮތުގެ އުސޫލު" ގެ ނަމުގައި މި ޓްރައިބިއުނަލްގެ އާންމު މަޖިލީހުން އުސޫލެއް ފާސްކޮށް 25 އޯގަސްޓް 2021 ގައި ދިވެހި ސަރުކާރުގެ ގެޒެތްގައި ވަނީ ޝާއިޢުކޮށްފައެވެ. މި އުސޫލު ފާސްކުރެވުނީ މެންބަރު މަރްޔަމް ޝަމްޢާ އިބްރާހިމް ހިމެނޭހެން މިވަގުތު މި އިދާރާގެ މެންބަރުންގެ ގޮތުގައި ތިއްބެވި ހުރިހާ ފަރާތްތަކުގެ އިއްތިފާގުންނެވެ.

މި ޓްރައިބިއުނަލުގެ ހަތް މެންބަރުންގެ ތެރެއިން ފަސް މެންބަރުންނަކީ އަންހެން ބޭފުޅުން ކަމަށްވެފައި، ހުރިހާ އަންހެން މެންބަރުން ހަ މަސްދުވަހުގެ މެޓާނިޓީ ލީވެއް ނެގުމުން އިދާރާގެ މަސައްކަތަށް ބުރޫއަރާ އާންމު ރައްޔިތުންގެ ހައްގުތަކަށް އެކަމުގެ ސަބަބުން ސީދާގޮތެއްގައި އަސަރު ކުރާނެ ކަމަށް މެންބަރުންނަށް ގަބޫލުކުރެވޭތީ، އިސްވެ ބަޔާންކުރެވުނު އުސޫލު އެކުލަވާލުމުގައި މި އިދާރާގެ މަސައްކަތްތަކަށް ބުރޫނާރާނެހެން ޗުއްޓީތައް ނެގުމަށް ހުރިހާ މެންބަރުން ވާނީ އެއްބަސްވެފައެވެ. އެގޮތުން އިސްވެ ދެންނެވުނު އުސޫލުގެ 20 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތަށ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުންނަށް ވިހެއުމާއި ގުޅިގެން ދޭ ޗުއްޓީގެ ގޮތުގައި ހައްގުވަނީ ވަޒީފާއާބެހޭ ގާނޫނުގެ 43 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން 60 ދުވަހުގެ ޗުއްޓީއެއްކަން އެނހެން އޮންނައިރު އިސްވެ ބަޔާންކުރެވުނު އުސޫލުގައި މެންބަރު މަރްޔަމް ޝަމްޢާ އިބްރާހިމް ސޮއިކޮށްފައި އޮތުމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުނަށް ލިބިދެވޭނީ ނުވަތަ ހައްގުވާނީ 60 ދުވަހުގެ ޗުއްޓީއެއްކަން ހުދު އެ ފަރާތުންވެސް އެއްބަސްވާކަން އެނގިގެންދެއެވެ." އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އެ ނޫސްބަޔާނުގައި ބުނެފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުން ވިހެއުމާއި ގުޅިގެން ދޭ ޗުއްޓީގެ ގޮތުގައި 60 ދުވަސް ދޭން ނިންމުނު ކަމުގައިވީނަމަވެސް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މުވައްޒަފުންނަށް ވިހެއުމާއި ގުޅިގެންދާ ޗުއްޓީގެ ގޮތުގައި ހަ މަސްދުވަސް ޗުއްޓީ ދިނުމަށް މެންބަރުންގެ އިއްތިފާގުން ނިންމާފައިވާތީ މުވައްޒަފުންނަށް ހަ މަސްދުވަހުގެ ޗުއްޓީ ދަނީ ދެވެމުން ކަމަށެވެ.

"މެންބަރު މަރްޔަމް ޝަމްޢާ އިބްރާހިމް ވިހެއުމާ ގުޅިގެން ދެވޭ ޗުއްޓީ އިތުރުކޮށްދިނުމަށް އެދި ހުށަހެޅިނަމަވެސް މެންބަރު މަރްޔަމް ޝަމްޢާ އިބްރާހިމް އެދުނު ފަދައިން ޗުއްޓީގެ މުއްދަތު އިތުރުކުރުމުގެ ބާރު ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރައީސަށް ލިބިފައިނުވާތީ، މެންބަރު މަރްޔަމް ޝަމްޢާ އިބްރާހިމް އެދިލައްވާފައިވާ ފަދައިން ޗުއްޓީގެ މުއްދަތު އިތުރުކުރެވެން ނެތްކަމާއި އެހެން ނަމަވެސް ދިމާވާ ކަންތައްތަކާ ގުޅިގެން އުސޫލުގެ ތެރެއިން ހާޒިރީއާ ގުޅޭ ކަންތައްތަކުގައި މެންބަރު މަރްޔަމް ޝަމްޢާ އިބްރާހީމް އަސް ލުއި ދެވިފައިވާނެއެވެ. ވަޒީފާއާ ބެހޭ ގާނޫނުގެ 45 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ވިހެއުމާ ގުޅިގެން ލިބޭ ޗުއްޓީ ހަމަކޮށް ވަޒީފާއަށް ނުކުންނަ ދުވަހުން ފެށިގެން ދަރިފުޅަށް ކޮށްދޭންޖެހޭ ކަންތައްތައް ކޮށްދިނުމަށްޓަކައި މުސާރައިން ނުކެނޑޭގޮތަށް، ދަރިފުޅުގެ އުމުރުން އެއް އަހަރު ފުރުމާ ހަމައަށް ކޮންމެ ދުވަހަކުވެސް ދަރިފުޅުގެ ގާތަށް ދިއުމަށް 30 މިނެޓުގެ ހުސްވަގުތުކޮޅެއް ދުވާލަކު ދެ ފަހަރު ލިބޭނެކަންވެސް ވާނީ އަންގާފައެވެ. މިހެންކަމުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުން އޮފީހަށް ހާސިރުވާންޖެހޭ ގަޑިއަކީ ހެނދުނު 08:30 ކަމުގައިވާތީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރު މަރްޔަމް ޝަމްޢާ އިބްރާހިމް ވަޒީފާއާބެހޭ ގާނޫނުން ހައްގުވާ އެކިއެކި ހުސްވަގުތު ބޭނުން ހިފުމުން ދުވާލަކު އެފަރާތުން މަސައްކަތްކުރަންޖެހޭނީ ދުވާލަކު ތިން ގަޑިއިރާ ތިރީސް މިނެޓުކަންވެސް ފާހަގަކުރަމެވެ." ޓްރައިބިއުނަލްގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އެ ނޫސްބަޔާނުގައި ބުނެފައިވަނީ ޓްރައިބިއުނަލުގެ ބައެއް މުވައްޒަފުންނަށް ހަމަޖައްސާފައިވާ ފަދައިން ގޭގައި ހުރެގެންވެސް މަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދީފައިނުވަނީ ޒާތީގޮތުން ކަމަށް މެންބަރު މަރްޔަމް ޝަމްޢާ އިބްރާހީމް ނޫސް މަޖައްލާތަކަށް ދީފައިވާ އިންޓަވިއުތަކުގައި ބަޔާންކޮށްފައިވީނަމަވެސް، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުންގެ މައިގަނޑު މަސްއޫލިއްޔަތަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތައް ބެލުންކަމުގައިވާތީއާއި، ވަޒީފާއާބެހޭ ގާނޫނުގެ 4-88 ވަނަ މާއްދާގެ ދަށުން ޓްރައިބިއުނަލްގެ އަޑުއެހުންތައް އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދެވޭނީ ވަކި ހާއްސަ ހާލަތްތަކެއްގައި ކަމުގައިވާއިރު، އެ ހާލަތްތަކުގެ ތެރފޭގައި މައްސަލަ ބައްލަވާ މެންބަރުން ބަލިވުމުގެ ސަބަބުން ނުވަތަ ވިހެއުމާއި ގުޅިގެން ދެވޭ ޗުއްޓީގައި ހުރުމުގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބަކާ ހުރެ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރަކަށް ގޭގައި ހުރެގެން މައްސަލަތަކުގެ އަޑުއެހުންތަކުގައި ބައިވެރިވުމަށް ވަޒީފާއާބެހޭ ގާނޫނު ތަން ނުދޭތީ، މެންބަރު މަރްޔަމް ޝަމްޢާ އިބްރާހީމަށް ގޭގައި ހުރެގެން މަސައްކަތް ކުރުމުގެ އިންތިޒާމް އެގޮތަށް ހަމަޖައްސައިދެވެން ނެތީއެވެ.

"މެންބަރު މަރްޔަމް ޝަމްޢާ އިބްރާހިމް ދީފައިވާ ބަޔާނުގައި ދަރިފުޅު ގޮވައިގެން އޮފީހަށް ހާޒިރުވެފައިވަނީ އިތުރު އެހެން ގޮތެއް ނެތިގެންކަމަށް ބަޔާންކޮށްފައިވީނަމަވެސް، އަހަރީ ޗުއްޓީގެ 30 ދުވަހާއި އާއިލީ ޒިންމާގެ ޗުއްޓީގެ ދިހަ ދުވަސް އެ ފަރާތައް ހައްގުވެ ބޭނުން ނުކޮށް އޮތް އިރު އެ ޗުއްޓީތަކުންވެސް އެ ފަރާތުން އެދިލައްވާފައިނުވާކަން ފާހަގަކުރެވޭ" އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ނޫސްބަޔާނުގައި ދެން ބުނެފައިވަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައި ދައުލަތުގެ އިދާރާތަކުން ކުޑަކުއްޖަކާ ގުޅޭ ކަންކަން ނިންމުމުގައި އެންމެ އިސްކަމެއް ދޭންވާނީ، އެ ކުއްޖާގެ މަސްލަހަތު ހިމާޔަތްކުރުމަށް ކަމަށް ބަޔާންކޮށްފައިވާއިރު، ތުއްތު ކުދިން ގެންގުޅުމަށް އެއްވެސް ވަރަކަށް އެކަށޭނެ މާހައުލެއް މި ހިނދަށް ޓްރައިބިއުނަލްގައި ގާއިމްވެފައި ނެތަކީ އެއްވެސް މެންބަރަކު އަދި މުވައްޒަފަކުވެސް ރަސްމީ ގަޑީގައި އޮފީހުގައި ބައިތިއްބާ ގޮތަށް ތުއްތު ކުދިން އޮފީހަށް ނުގެނައުމަށް އިރުޝާދު ދެވިފައިވާނެކަމަށެވެ.

"އިސްވެ ފާހަގަކުރެވުނު ފަދައިން ގާނޫނުތަކާއި އުސޫލުތަކާއި އެއްގޮތަށް މަރްޔަމް ޝަމްޢާ އިބްރާހީމަށް ދެވެން ހުރި ހުރިހާ ލުއިތައް މި ޓްރައިބިއުނަލުން ދިނުމަށް މަސައްކަތް ކޮށްފައިވާއިރު، އަދި ޓްރައިބިއުނަލްގެ މެންބަރެއްގެ ހައިސިއްޔަތުން އިސްވެ ފާހަގަކުރެވުނު ކަންތައްތަކަކީ މެންބަރު މަރްޔަމް ޝަމްޢާ އިބްރާހީމަށްވެސް އެނގިލައްވާނެ މައުލޫމާތުތަކެއް ކަމުގައިވާއިރު، ކަން ހިނގާފައިވާ ގޮތް އޮޅޭގޮތަށް، ޓްރައިބިއުނަލްގެ ނަން ބަދުނާމުވާނޭހެން ސޯޝަލް މީޑިއާތަކަށާއި ނޫސް މަޖައްލާތަކަށް މެންބަރު މަރްޔަމް ޝަމްޢާ އިބްރާހިމް މައުލޫމާތު ދިނުމަކީ މި ޓްރައިބިއުނަލުން ނުހަނު ކަންބޮޑުވާ ކަމެކެވެ." ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އިތުރަށް ބުނެފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރު މަރްޔަމް ޝަމްޢާ އިބްރާހީމް ވިހެއުމާ ގުޅިގެން ދެވޭ ޗުއްޓީއާ ގުޅޭ ކަންތައްތަކުގައި ޓްރައިބިއުނަލުން އަމަލުކޮށްފައިވަނީ ގާނޫނުތަކާއި އުސޫލުތަކާ އެއްގޮތަށްކަމަށް ވާއިރު، ޓްރައިބިއުނަލްގެ ބަހެއް ހޯދުމެއްނެތި ރައްޔިތުންގެ ހިތްތަކުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލާމެދު ޝައްކު އުފެދޭގޮތަށް ނޫސް މަޖައްލާތަކުން ހަބަރުތައް ޝާއިޢުކޮށްފައިވާތީ މި ޓްރައިބިއުނަލުން ހިތާމަ ކުރާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް