ވެރިކަން ނިންމާނީ ސުވަރުގެ ދެވޭވަރަށް ވެރިކަން ކުރުމަށްފަހު: އުމަރު

ވެރިކަން ނިންމަވާނީ ސުވަރުގެ ދެވޭވަރަށް ވެރިކަން ކުރެއްވުމަށްފަހު ކަމަށް ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ކެމްޕެއިން ކުރައްވަމުންދާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއް...

04 Feb 2023 | 08:18

ވެރިކަން ނިންމަވާނީ ސުވަރުގެ ދެވޭވަރަށް ވެރިކަން ކުރެއްވުމަށްފަހު ކަމަށް ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ކެމްޕެއިން ކުރައްވަމުންދާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު މިހެން ވިދާޅުވީ "އާ މިސްރާބަކަށް، އުމަރު 2023″ ރިޔާސީ ކެމްޕޭން ލޯންޗު ކުރުމަށް ރޭ ސަލްޓަން ޕާކުގައި ސަޕޯޓަރުންނާއެކު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ރިޔާސީ ވައުދުތައް އިއުލާނު ކުރައްވަމުން އުމަރު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ރާއްޖެއަށް ބޮޑު 50 ބަދަލެއް ގެނެސް ދެއްވާނެކަމަށެވެ. ނަމަވެސް އޭގެ ތެރެއިން ރޭގެ ޖަލްސާގައި އޭނާ އިއުލާން ކުރައްވާފައިވަނީ 25 ވަރަކަށް ބަދަލެވެ.

އެގޮތުން ރޭގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އުމަރު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި އިސްލާމީ ޝަރީއަތުގައި ހިފާ، އަމަލު ކުރަމުން ދާނީ ޤުރުއާންގައި އަންގަވާފަ އޮތް ގޮތަށް ކަމަށެވެ.

އަދި ވެރިކަން ކޮށްފައި ދާނީ ސުވަރުގެއަށް ދެވޭވަރަށް ވެރިކަން ކޮށްފައި ކަމަށާއި އޭނާގެ ވެރިކަމުގައި އިސްލާމީ އުސޫލުތަކާއި އިސްލާމީ ޝަރީއާގެ ހަމަތައް ވެގެން ދާނީ ދައުލަތުގެ އެންމެ މަތީ އުންސުރަށް ކަމުގައެވެ.

ދިވެހި ދައުލަތް ހިންގާނީ އިސްލާމީ ވެރިއެއް ކަމަށާއި އޭނަ ދޮގެއް ނަހަދާނެ ކަމަށާއި އޭނަ ރަލެއް ނުބޯނެ ކަމަށާއި އޭނަ ވައްކަމެއް ނުކުރާނެ ކަމަށާއި އަދި އޭނަ ޝަހުވަތުގެ ފަހަތަކުން ނުދުވާނެ ކަމަށް އުމަރު ވިދާޅުވެފައި ވެއެވެ.

މިގޮތުން މިއީ އިސްލާމީ ވެރިއެއްގެ ގައިގަ ހުންނަންޖެހޭ ސިފަތައް ކަމަށާއި ﷲ އިރާދަ ކުރެއްވިއްޔާ ރައްޔިތުންނަށް އެ ސިފަތައް އުމަރުގެ ކިބައިން ދައްކާނަން ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން އުމަރު ވިދާޅުވީ އޭނާގެ ވެރިކަމުގައި މީހުން މެރުމާއި، ރޭޕް ކުރުމާއި މަސްތުވާ އެއްޗެހި އެތެރެކޮށް ކޮރަޕްޝަން ހިންގާ މީހުންނާ ދޭތެރޭ އިސްލާމީ ޝަރީއަތުގަ ހުރި ހުކުމްތައް ގާއިމް ކުރާނެ ކަމަށެވެ.

ހަމަ އެހެންމެ ފްލެޓް ލިބޭނީ އެންމެ ހައްގު މީހާއަށް ކަމަށާއި، ވަޒީފާ ލިބޭނީ އެންމެ ގާބިލް މީހާއަށް ކަމަށް އުމަރު ވިދާޅުވެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް