ރާއްޖޭގައި އަހަރަކު މަރުވާ މީހުންގެ 17 ޕަސެންޓް މީހުންނަކީ ކެންސަރު ބަލީގައި މަރުވާ މީހުން ކަމަށް ހެލްތް މިނިސްޓްރީން ބުނެފި އެވެ.
މިއަދަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަ ކުރާ ކެންސަރު ބައްޔަށް ހޭލުންތެރި ކުރުވުމުގެ ދުވަހެވެ. މިއަހަރު ކެންސަރު ދުވަހުގެ ޝިއާރެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައަޅާފައިވަނީ "ފަރުވާގެ ފަރަގު ކުޑަކުރަމާ" އެވެ.
މިދުވަހާއި ގުޅިގެން ހެލްތް މިނިސްޓްރީގެ ދަށުން ހިންގާ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ރާއްޖޭގައި އަހަރަކު17 ޕަސެންޓު މީހުން ބަލީގައި މަރުވާއިރު އެންމެ ގިނަ މީހުން މަރުވާ ތިން ބަލީގެ ތެރޭގައި ކެންސަރު ހިމެނޭ ކަމަށެވެ. މި މައުލޫމާތަކީ ޑަބްލިއުއެޗްއޯއިން އެއްކުރި މައުލޫމާތުތަކަމަށް ފަހު ހާމަ ކުރި ހިސާބުތަކެކެވެ.
އާސަންދަ ކުންފުނީގެ ތަފާސް ހިސާބަށް ބަލާއިރު 2016-2019 ގެ ނިޔަލަށް ރާއްޖެއިން 7،500 އަށްވުރެ ގިނަ މީހުން ކެންސަރު ބައްޔަށް ފަރުވާ ހޯދާފައިވެ އެވެ.
އެޗްޕީއޭއިން ބުނީ ރާއްޖޭގައި އަންހެނުންނަށް އެންމެ ގިނައިން ޖެހެނީ އުރަމަތި، ކޮލޮރެޓްރަލް، ފުއްޕާމޭ، ރަހިމުގެ ދޮރަށް ޖެހޭ ކެންސަރު އަދި ތައިރޮއިޑް ކެންސަރެވެ. ފިރިހެނުންނަށް އެންމެ ގިނައިން ޖެހެނީ ފުއްޕާމޭ، ޕްރޮސްޓޭޓް، ކޮލޮރެޓްރަލް އާއި ބަނޑާއި ފުރަމޭގެ ކެންސަރެވެ.
އެޗްޕީއޭ އިން ބުނީ މި ބަލިން މީހުން ރައްކާތެރިކޮށް ކޮންޓްރޯލްކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި ދުޅަހެޔޮ ދިރިއުޅުމަކަށް މީހުން އަހުލުވެރިކުރުމުގެ ގޮތުން ހޭލުންތެރި ޕްރޮގްރާމުތައް ހިންގުމާއި ދުރާލާ ބަލި ދެނެގަތުމަށް ސްކްރީނިން ޕްރޮގްރާމުތައް ހިންގުމާއި ރަހިމުގެ ދޮރަށް ޖެހޭ ކެންސަރުން ދިފާއުވުމަށް ދޭ އެޗް.ޕީ.ވީ ވެކްސިން ގައުމީ ވެކްސިން ޝެޑިއުލުގައި ހިމަނާ ގަވާއިދުން އަންހެން ކުދިންނަށް ދެމުން އަންނަ ކަމަށް ބުންޏެވެ.
އެޗްޕީއޭ އިން ބުނި ގޮތުގައި ނޭޝަނަލް ކެންސާ ކޮންޓްރޯލް ޕްލޭނެއް އެކުލަވާލައި، ކެންސަރު ޖެހޭ މިންވަރާއި ކެންސަރުގެ އާންމު ވައްތަރުތަކާއި ކެންސަރު ބައްޔަށް ހުށަހެޅޭ މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިއާ ބެހޭ މައުލޫމާތު އެއްކޮށް އެކަމާ ގުޅިގެން ދޭންޖެހޭ ފަރުވާގެ އެހީތެރިކަން ވިލަރެސްކޮށް، "ކެންސަރު ރަޖިސްޓްރީ" އެއް ވެސް ވަނީ ގާއިމުކޮށްފަ އެވެ.
ކެންސަރު ބަލި ޖެހެނީ ހަށިގަނޑު ތެރޭގައި ސެލްތައް އުފެދޭ އުފެދުން ކޮންޓްރޯލުން ނެއްޓި އާދަޔާ ހިލާފަށް ގިނައިން ސެލް އުފެދުމުން ޖެހޭ ބަލިތަކުގެ ތެރެއިން ބައްޔެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް