ބޮލީވުޑްގެ ޖޯޑުން ކަމަށްވާ ސިދާތް މަލޯތްރާ އާއި ކިއަރާ އަދްވާނީގެ ކައިވެނި މާދަމާ ކުރާނެ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
ރަސްމީކޮށް ހާމަ ނުކުރިނަމަވެސް ދެމީހުން ރައްޓެހިވެގެން އުޅޭތާ މިހާރު އަހަރުތަކެއް ވެއްޖެ އެވެ. ކައިވެނި ކުރާ ވާހަކަވެސް ސިދާތާއި ކިއަރާ މިހާތަނަށްވެސް ޔަގީން ނުކޮށްދެ އެވެ.
ރިޕޯޓުތައް ބުނާގޮތުގައި ދެމީހުންގެ ކައިވެނި އޮތީ އިންޑިއާގެ ރާޖިސްތާނުގެ ހޮޓަލެއް ކަމަށްވާ ސޫރްޔަގާ ހޮޓެލްގައި އެވެ. އެއީ 83 ކޮޓަރީގެ ހޮޓަލެވެ. އެ ތަނުގައި ދެ ބަގީޗާ އޮންނައިރު ކައިވެނި އޮންނާނެ ކަމަށް ބެލެވެނީ އެތަނުން ބަގީޗާއެއްގައި އެވެ.
ސިދާތާއި ކިއަރާގެ ކައިވެނީގެ ރަސްމިއްޔާތުތައް މިއަދުން ފެށިގެން ހޯމަ ދުވަހުގެ ނިޔަލަށް އެ ހޮޓެލްގައި ކުރިޔަށް ދާނެ އެވެ. ދެމީހުން އެކި ހަފްލާތަކުގައި ލާ ހެދުންތަށް ޑިޒައިން ކުރީ ބޮލީވުޑްގެ މަޝްހޫރު ޑިޒައިނާ މަނީޝް މަލޯތްރާ އެވެ.
ވަރަށް ހައި ސެކިއުރިޓީގައި ކުރިޔަށް ގެންދާ ދެތަރިންގެ ކައިވެނި ހަފްލާއަށް ދައުވަތުދީފައިވަނީ ހާއްސަ، މުހިންމު އަދި ގާތް މީހުންނަށް އެކަންޏެވެ.
ބެލެވޭގޮތުގައި މި ފަހުން ކައިވެނި ކުރާ ބޮލީވުޑް އެހެން ތަރިންނެކޭ އެއްގޮތަށް ދެމީހުން ކައިވެނި ކުރިކަން މާދަމާ ރަސްމީކޮށް ސިދާތާއި ކިއަރާ އިއުލާނު ކުރާނެ އެވެ.
ދެ ތަރިންގެ ފިލްމީ މަސައްކަތަށް ބަލާއިރު ސިދާތް އެންމެ ފަހުން ފެނިގެން ދިޔައީ ނެޓްފްލިކްސްގައި ރިލީޒް ކުރި ފިލްމު "މިޝަން މަންޖޫ" އިންނެވެ. ކިއަރާ އެންމެން ފަހުން ފެނިގެން ދިޔައީ ފިލްމު "ގޯވިންދާ ނާމް މޭރާ" އިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް