މިދިޔަ އަހަރުގެ ޖެނުއަރީ މަހަށް ވުރެ، މިއަހަރުގެ ޖެނުއަރީ މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެ މިނިސްޓްރީގެ ތަފާސް ހިސާބުން ދައްކާ ގޮތުގައި މިދިޔަ މަހު ރާއްޖެ އަށް ވަނީ 130،000 ޓޫރިސްޓުން ޒިޔާރަތްކޮށްފއެވެ. އެއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހަށް ވުރެ ގާތްގަނޑަކަށް 30 ޕަސެންޓް އިތުރު އަދަދެކެވެ.
މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރާއްޖެއަށް 92،000 ފަތުރުވެރިން އައިސްފައިވެއެވެ.
މިދުވަސްވަރު ރާއްޖެއަށް އެންމެގިނައިން ފަތުރުވެރިން އަންނަނީ ރަޝިއާ، އިނގިރޭސިވިލާތް އަދި އިންޑިއާ ފަދަ ގައުމުތަކުންނެވެ.
މުޅި ދުނިޔެއަށް ކުރިމަތިވި ޢާލަމީ ވަބާ، ކޮވިޑުގެ ސަބަބުން ރާއްޖޭގެ ބޯޑަރު ވެސް ބަންދުކޮށްފައި އޮތުމަށްފަހު، އަލުން ހުޅުވާލުމާއެކު ރާއްޖެއަންނަ ފަތުރުވެރިންގެ ޢަދަދު ވެސް އަންނަނީ އިތުރުވަމުންނެވެ.
'ސޭފް ޓޫރިޒަމް ޑެސްޓިނޭޝަން" ގެ ގޮތުގައި ރާއްޖޭގެ ފަތުރުވެރިކަން ދުނިޔޭގެ މާކެޓުގައި އިޝްތިހާރުކުރުމުން އަންނަ އިރު، މި އަހަރުގެ ބަޖެޓުގައި ލަފާކޮށްފައިވަނީ 1.6 މިލިއަން ޓޫރިސްޓުން ގެނައުމެވެ. އަދި ޓޫރިޒަމް މިނިސްޓްރީގެ އަމާޒަކީ މި އަހަރު ދެ މިލިއަން ޓޫރިސްޓުން ގެނައުމެވެ.
ކޮވިޑްގެ ކުރިން 2019 ވަނަ އަހަރު ރާއްޖެއަށް 1.7 މިލިއަން ޓޫރިސްޓުން އައެވެ.
މި ވަގުތު ޓޫރިޒަމް ދާއިރާގައި 55،000 އެނދު ހުރި އިރު ޚިދުމަތް ދެނީ 50،000 އެނދުންނެވެ. މީގެ ތެރޭގައި ރިސޯޓާއި ގެސްޓްހައުސް އަދި ސަފާރީތައް ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް