ކޮމަންޑު ދާއިރާގެ ކެމްޕެއިން ނިންމާލައިފި - އިންތިޚާބު މާދަމާ ހެނދުނު އޮންނާނެ

ރައްޔިތުންގެ މަޖިލީހުގެ ށ. ކޮމަންޑޫ ދާއިރާގެ ކެމްޕެއިން ނިންމާލައިފިއެވެ. ޤާނޫނުގައި ބުނެފައިވާ ގޮތުގެ މަތީން މިއަދު އިރުއޮއްސި 6 އިން ފެށިގެން ކެމްޕެއިންގެ އެއްވެސް ހަރަކާތެއް އެއްވެސް ފަރާތަކުން ހިނ...

04 Feb 2022 | 14:08

ރައްޔިތުންގެ މަޖިލީހުގެ ށ. ކޮމަންޑޫ ދާއިރާގެ ކެމްޕެއިން ނިންމާލައިފިއެވެ.

ޤާނޫނުގައި ބުނެފައިވާ ގޮތުގެ މަތީން މިއަދު އިރުއޮއްސި 6 އިން ފެށިގެން ކެމްޕެއިންގެ އެއްވެސް ހަރަކާތެއް އެއްވެސް ފަރާތަކުން ހިންގުމަކީ ޤާނޫނީ ކުށެކެވެ.

މި އިންތިޚާބުގެ ވޯޓުލުން މާދަމާ ކުރިއަށް ގެންދާނީ ހެނދުނު 8 އިން ހަވީރު 4 ޖަހަންދެނެވެ. އަދި މެންދުރުފަހު ތިނަކުން ފެށިގެން ވޯޓުލުމަށް ޚާއްސަކޮށްފައިވަނީ ކޯވިޑަށް ޕޮޒިޓިވްވެފައިވާ މީހުންނާއި ކަރަންޓީނުގައި ތިބޭ މީހުންނަށެވެ.

އިލެކްކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާއި ތ. ވިލުފުއްޓާއި ގއ. ގެމަނަފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި އިލެކްޝަން މާދަމާ ކުރިއަށްދާއިރު، އިންތިޚާބު ބާއްވާ ރަށްތަކަށް ފޮނުވަންޖެހޭ އެންމެހައި ތަކެއްޗާއި އޮފިޝަލުން ވެސް މިހާރު އެރަށްރަށަށް ގޮސްފައިވާކަމަށެވެ. އަދި އަމާންކަމާއެކު އިންތިޚާބު ކުރިއަށް ގެންދެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

މީގެ އިތުރުން ކޮންމެ އިންތިޚާބެއްގައި ވެސް ވޯޓު ގުނުމުގެ ކަންކަން ކުރިއަށް ގެންދާ އުސޫލުން މިއިންތިޚާބުތަކުގައި ވެސް ވޯޓު ގުނުން ކުރިއަށްދާނީ، ވޯޓުލާ މަރުކަޒަށް ވަންނަން ބޭނުންވާ ކޮންމެ މީހަކަށް އެޖާގަ ދީގެންކަމަށް ވެސް އީސީން ބުނެފައިވެއެވެ. އެހެންނަމަވެސް އިންތިޚާބުގައި ކުރިމަތިލާ ކެނޑިޑޭޓުންނާއި، ކެނޑިޑޭޓުންގެ މަންދޫބުންނާއި، ސިޔާސީ ޕާޓީތަކުގެ އޮފިޝަލުންނާއި، މީޑިއާތަކަށް ވޯޓު ގުނާ ސަރަހައްދަށް ވަނުމަށް އިސްކަން ދެވޭނެކަމަށް ވެސް ބުންޏެވެ.

މި އިންތިޚާބުތަކުގެ ތެރެއިން ކޮމަންޑޫ ދާއިރާގެ އިންތިޚާބުގައި ބެހެއްޓޭ ވޯޓު ފޮށިތަކުގެ އޮފިޝަލުންނަކީ ސީދާ އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުންކަމަށް ވެސް އީސީން ބުނެއެވެ.

އިލެކްޝަން ކޮމިޝަނުން ވަނީ ވޯޓުލުން ކުރިއަށްދާއިރު، އިންތިޚާބާގުޅޭ ޝަކުވާ ނުވަތަ މައްސަލަ ހުށަހަޅަން ބޭނުންވެއްޖެ ހިނދެއްގައި، އިލެކްޝަންސް ކޮމިޝަނަށް މައްސަލަ ހުށަހެޅުމުގެ އިންތިޒާމް ހަމަޖައްސާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް