ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން މާދަމާ ބާއްވަން ވަގުތު ކުޑަތަންވެފައިވާއިރު ށ. ކޮމަންޑޫ ކައިރީގައި މަސްކަނދު ފައްޗެއް އަޅައިފިއެެވެ.
ކޮމަންޑޫ ކައިރީގައި އަޅާފައި އޮންނަ ކަނދުފަތި ކަނޑައިގެން ގޮސްފައި އޮންނަތާ ގިނަ ދުވަސްތަކެއް ފަހުން އެރަށް ކައިރީގައި ކަނދުފަތި އަޅާފައި ވަނީ މިއަދު ހެނދުނެވެ.
ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވީ ކެނޑިފައިވާ ކޮމަންޑޫ ކަނދުފަތި، ކޮމަންޑޫގެ ހުޅަނގު އުތުރުން 14 މޭލު ދުރުމިނުގައިވާ ސަރަހެއްދެއްގައި މިއަދު ޤާއިމް ކޮށްފައިވާ ކަމަށެވެ.
https://twitter.com/DrHussainHassan/status/1489468714047406080
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާއި މާދަމާ ބާއްވަން ހަމަޖެހިފައިވާއިރު އެދާއިރާގެ ރަށްތަކުގެ ތަރައްގީއަށް މިފަހުންް ސަރުކާރުން ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދަން އިއުލާނުކޮށްފައި ވެއެވެ. އެގޮތުން ދެ ކޮމަންޑު ގުޅާލުމާއި، ފުޓްސަލް ދަނޑުތައް ހެދުމާއި، ބަނދަރުތައް އަޕްގްރޭޑް ކުރުމާއި، އެ ދާއިރާގެ ތިން ރަށުގައި ފެނާއި ނަރުދަމާ އެޅުމާއި ކޮމަންޑުގައި އައިސް ޕްލާންޓެއް ޤާއިމުކުރުމާއި، ކޮމަންޑޫ ކައިރި ތިން ރަށުގައި ރިސޯޓު ހެދުން ހިމެނެއެވެ.
މީގެ އިތުރުން ކޮމަންޑޫ ސިއްހީ މަރުކަޒަަށް ބުދަ ދުވަހު އެސްޓީއޯ އިން ކުލަ އާއި ދަވާދު ހަދިޔާ ކޮށްފައިވާއިރު ފެނަކައިން ވެސް މިދިޔަ ހަފްތާގައި ވަނީ އެރަށު ސްކޫލަށް ޓީވާއަކާއި އޭސީ އެއް ހަދިޔާ ކޮށްފައެވެ.
ކޮމަންޑޫ ދާއިރާގެ ބައި- އިލެކްޝަނުގައި ވޯޓުލުން އަންނަ ހޮނިހިރު ދުވަހަށް ހަމަޖެހިފައިވާއިރު އެ ދާއިރާ އަށް ވާދަ ކުރާ ތިންޕާޓީންވެސް ދަނީ ފޯރިގަދަ ކެމްޕޭނު ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ.
އެގޮތުން ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނުގައި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ މުޙައްމަދު ރާޝިދެވެ. އިދިކޮޅު ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީ އާދަމް ވާދަކުރައްވާ އިރު، އެމްއެންޕީގެ ފަރާތުން ވާދަކުރައްވަނީ އަބްދުލް ހަންނާން އިދުރީސެވެ. މި ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުއެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަނީ އެ ދާއިރާގެ މެމްބަރު ހުސައިން ވަހީދު ކެންސަރު ބަލީގައި އަވަހާރަވުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް