މާދަމާ ބާއްވާ ތިން އިންތިޚާބުގެ ޖުމްލަ ނަތީޖާ އިޢުލާން ކުރާނީ މާލޭގައި ހުންނަ އިލެކްޝަންސް ކޮމިޝަންގެ މައި އިދާރާގައި ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
މާދަމާ ބޭއްވުމަށް ނިންމާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާއި ތ. ވިލުފުއްޓާއި ގއ. ގެމަނަފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި އިލެކްޝަނެވެ.
އީސީން ބުނީ އިންތިޚާބު ބާއްވާ ރަށްތަކަށް ފޮނުވަންޖެހޭ އެންމެހައި ތަކެއްޗާއި އޮފިޝަލުން ވެސް މިހާރު އެރަށްރަށަށް ގޮސްފައިވާކަމަށެވެ. އަދި އަމާންކަމާއިއެކު ކުރިއަށް ގެންދެވޭނެ އިންތިޚާބުތަކަކަށް ވެގެންދާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.
އެ ކޮމިޝަނުން އިތުރަށް ބުނީ އިލެކްޝަން ކޮމިޝަނުން ކޮންމެ އިންތިޚާބެއްގައި ވެސް ވޯޓު ގުނުމުގެ ކަންކަން ކުރިއަށް ގެންދާ އުސޫލުން މިއިންތިޚާބުތަކުގައި ވެސް ވޯޓު ގުނުން ކުރިއަށްދާނީ، ވޯޓުލާ މަރުކަޒަށް ވަންނަން ބޭނުންވާ ކޮންމެ މީހަކަށް އެޖާގަ ދީގެންކަމަށެވެ.
އެހެންނަމަވެސް އިންތިޚާބުގައި ކުރިމަތިލާ ކެނޑިޑޭޓުންނާއި، ކެނޑިޑޭޓުންގެ މަންދޫބުންނާއި، ސިޔާސީ ޕާޓީތަކުގެ އޮފިޝަލުންނާއި، މީޑިއާތަކަށް ވޯޓު ގުނާ ސަރަހައްދަށް ވަނުމަށް އިސްކަން ދެވޭނެކަމަށް ވެސް ބުންޏެވެ.
"ކޮންމެ ރަށެއްގެވެސް ނަތީޖާ އެރަށަކުން އިއުލާން ކުރުމަށްފަހު، އިންތިޚާބުގެ ޖުމްލަ ނަތީޖާ މާލޭގައި ހުންނަ އިލެކްޝަން ކޮމިޝަންގެ މައި އިދާރާއިން އިއުލާން ކުރާނީ. ޤާނޫނުގައި ބުނެފައިވާ ގޮތުގެ މަތީން މިއަދު އިރުއޮއްސި 6 އިން ފެށިގެން ކެމްޕެއިންގެ އެއްވެސް ހަރަކާތެއް އެއްވެސް ބޭފުޅަކު ހިންގުމަކީ ޤާނޫނީ ކުށެއް. އެކަން އެގޮތަށް ނުކުރުމަށް ހުރިހާ ބޭފުޅުންނަށް އިލްތިމާސް ކުރަން." އީސީން ބުންޏެވެ.
މި އިންތިޚާބުތަކުގެ ތެރެއިން ކޮމަންޑޫ ދާއިރާގެ އިންތިޚާބުގައި ބެހެއްޓޭ ވޯޓު ފޮށިތަކުގެ އޮފިޝަލުންނަކީ ސީދާ އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުންކަމަށް ވެސް އީސީން ބުނެއެވެ.
އިލެކްޝަން ކޮމިޝަނުން ވަނީ ވޯޓުލުން ކުރިއަށްދާއިރު، އިންތިޚާބާގުޅޭ ޝަކުވާ ނުވަތަ މައްސަލަ ހުށަހަޅަން ބޭނުންވެއްޖެ ހިނދެއްގައި، އިލެކްޝަންސް ކޮމިޝަނަށް މައްސަލަ ހުށަހެޅުމުގެ އިންތިޒާމް ހަމަޖައްސާފައެވެ.
މާދަމާ ބާއްވާ ތިން އިންތިޚާބުގައިވެސް ވޯޓުލުން ކުރިއަށްދާނީ ހެނދުނު 8 އިން ހަވީރު 4 ޖަހަންދެނެވެ. މެންދުރުފަހު 3 އިން ފެށިގެން ވޯޓުލުމަށް ޚާއްސަ ކޮށްފައިވަނީ ކޯވިޑަށް ޕޮޒިޓިވްވެފައިވާ މީހުންނާއި، ކަރަންޓީނުގައި ތިބޭ މީހުންނަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް