26 އަހަރުވީ ފޯކައިދޫގެ ބާ އިންޖީނުގެއަށް ނިމުން ގެނެސް، އައު އިންޖީނުގެ އާއި އޮފީސް އިމާރާތް ހުޅުވައިފި

26 އަހަރުވީ ށ. ފޯކައިދޫގެ ބާ އިންޖީނުގެއަށް ނިމުން ގެނެސް އައު އިންޖީނުގެ އާއި އޮފީސް އިމާރާތް ހުޅުވައިފިއެވެ. އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި އައު އިންޖީނުގެ އާއި އޮފީސް ޢިމާރާތް ހުޅުވުމުގެ ރަސް...

04 Feb 2022 | 08:54

26 އަހަރުވީ ށ. ފޯކައިދޫގެ ބާ އިންޖީނުގެއަށް ނިމުން ގެނެސް އައު އިންޖީނުގެ އާއި އޮފީސް އިމާރާތް ހުޅުވައިފިއެވެ.

އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި އައު އިންޖީނުގެ އާއި އޮފީސް ޢިމާރާތް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، އެރަށަށް ވަޑައިގެން މި އުޅުއްވަނީ ކޮމަންޑޫ ދާއިރާ ބައި އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީ ކެނޑިޑޭޓްގެ ކެމްޕެއިނަށެވެ.

ފޯކައިދޫގެ އާ އިންޖީނުގެ ހުޅުވައިދެއްވުމަށް ފަހު ރައީސް ސޯލިހު ވިދާޅުވީ ފެނަކައިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކަރަންޓުގެ ޚިދުމަތް ދިނުމަށް ކުރަމުން ގެންދާ މަސައްކަތުގައި އެ ކުންފުނީގެ ހީވާގި މުވައްޒަފުންގެ ދައުރު ވަރަށް ބޮޑު ކަމަށެވެ.

އެހެންކަމުން އެ ކުންފުނީގެ ހީވާގި ހުރިހާ މުވައްޒަފުންނަށް އެ މަނިކުފާނާއި ސަރުކާރުގެ ނަމުގައި އިޚްލާސްތެރި ކަމާއެކުގައި ވަނީ ޝުކުރު ދަންނަވާފައެވެ.

ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ރައީސް ސޯލިހުގެ ވަޢުދުފުޅެއްކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ ފެނަކައިން މިއަދު ކުރަމުން ގެންދަނީ އެ މަސައްކަތް ކަމަށެވެ. އަދި ފެނަކައިން ކުރަމުންދާ މަސައްކަތުގެ ތެރޭގައި 39 ރަށެއްގައި އައު އިންޖީނުގެ ހަދާ ނިންމާފައި ވާއިރު އިތުރު 31 ރަށެއްގައި އައު އިންޖީނުގެ ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ފޯކައިދޫގައި މީގެކުރިން ޚިދުމަތްދެމުން ގެންދިޔަ އިންޖީނުގޭގެ ކެޕޭސިޓީއަކީ 1370 ކިލޯ ވޮޓެވެ. އެހެންނަމަވެސް ރޭ ފޯކައިދޫގައި ހުޅުވި އާ އިންޖީނުގެއާއެކު އެ ކެޕޭސިޓީ 1520 ކިލޯ ވޮޓަށް ވަނީ އިތުރުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް