ކަމެއް ކާމިޔާބު ވާނީ ކަމަށް ކަމޭހިތައިގެން ހިތްވަރާއެކު ކުރާ މަސައްކަތުން: މެޑަމް ފަޒުނާ

"އޯޝަން 50|6" ހަރަކާތް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، އިފްތިތާޙު ކޮށްދެއްވައިފިއެވެ. ސޯލްޓް ކެފޭ ރެސްޓޯރެންޓްގައި ބޭއްވި މި ހަރަކާތް އިފްތިތާޙްކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގ...

04 Feb 2022 | 07:48

"އޯޝަން 50|6" ހަރަކާތް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، އިފްތިތާޙު ކޮށްދެއްވައިފިއެވެ.

ސޯލްޓް ކެފޭ ރެސްޓޯރެންޓްގައި ބޭއްވި މި ހަރަކާތް އިފްތިތާޙްކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި އެކަމަނާ ވަނީ މި ހަރަކާތް އެންމެން ޝާމިލުވާގޮތަށް ކުރިޔަށް ގެންދިއުމަށް އިސްކަންދެއްވުމަށް އެދިވަޑައިގެންފައެވެ.

އެގޮތުން އަންހެނުންނާއި ކުޑަކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރޭން ވެސް މިކަމުގައި ޝާމިލުވެވޭނެ ފަރާތްތަކުގެ ބައިވެރިވުން އޮތުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

ހަމަ އެހެންމެ މިކަމަކީ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ މުނާޞަބާވެސް ފާހަގަކުރުމުގެ ގޮތުން ކުރިޔަށްގެންދާ ކަމަކަށްވާއިރު ކުޑަކުދިންނަށް މިހަރަކާތަކީ ކިހާ މުހިންމު ހަރަކާތެއްކަން ކިޔައިދޭ އަދި ދައްކުވައިދޭން ޖެހޭކަން ވެސް އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި ކަމެއް ކާމިޔާބު ވާނީ ކަމަށް ކަމޭހިތައިގެން ހިތްވަރާއެކު ކުރާ މަސައްކަތުންކަން ކުދިންނަށް އަންގައިދިނުމުގެ މުހިންމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

އޯޝަން 6/50 އަކީ ރާއްޖޭގެ ފަތުރުވެރިކަމާއި ޑައިވިންގ އިންޑަސްޓްރީއަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ އެކްސްޓްރީމް ޑައިވިންގ އިވެންޓެކެވެ.

މި ހަރަކާތުގެ ސަބަބުން ޕްލާސްޓިކް ކުނިން ކަނޑު ތަޣައްޔަރުވުމާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ނެތިދިޔުމުގެ ބިރު ހީވެފައިވާ ކަނޑުގެ ދިރުންތައް އަދި މުޅި ކަނޑުފަޅުގެ ދިރުންތަކާމެދު ހޭލުންތެރިކަން އިތުރުކުރުމާއި މިކަންކަމަށް މާނަވީ އަދި ދެމެހެއްޓެނިވި ހައްލުތަކެއް ހޯދުމަށް ރާއްޖޭގެ އަދި ބައިނަލްއަޤްވާމީ ޑައިވިންކޮމިއުނިޓީއާއި، މެރިން ރިސަރޗަރުންނާއި، ތިމާވެށީގެ އެކްޓިވިސްޓުން އެއްތަނަކުން ބައްދަލުވެ ވަކާލާތުކުރުމަށް މަގުތަނަވަސް ވެގެންދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް