ހުކުރު ނަމާދަކީ މަތިވެރި އަޅުކަމެއް

ހުކުރުނަމާދަކީ ފިރިހެނުންގެ ތެރެއިން ބުއްދި ސަލާމަތުންހުރި، އަދި ހުކުރު ނަމާދުކުރުމަށް ކުޅަދާނަވެގެންވާ ކޮންމެ މުސްލިމް ފިރިހެނެއްގެ މައްޗަށް ފަރުޟުކުރައްވާފައިވާ ނަމާދެކެވެ. މުޅި ހަފްތާދުވަސްތަކުގެ ތ...

04 Feb 2022 | 03:39

ހުކުރުނަމާދަކީ ފިރިހެނުންގެ ތެރެއިން ބުއްދި ސަލާމަތުންހުރި، އަދި ހުކުރު ނަމާދުކުރުމަށް ކުޅަދާނަވެގެންވާ ކޮންމެ މުސްލިމް ފިރިހެނެއްގެ މައްޗަށް ފަރުޟުކުރައްވާފައިވާ ނަމާދެކެވެ. މުޅި ހަފްތާދުވަސްތަކުގެ ތެރެއިން ކުރެވޭ އެންމެ މަތިވެރި މާތް ނަމާދެވެ.

މާތްﷲ ވަޙީކުރައްވާފައިވެއެވެ. "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ހުކުރުދުވަހު (ހުކުރު) ނަމާދަށް ގޮވައިލެވޭހިނދު ފަހެ، ﷲ ހަނދުމަކުރުމަށް (އެބަހީ: ޚުޠުބާ އަޑުއެހުމާއި، ނަމާދަށް) ތިޔަބައިމީހުން ހިނގައިގަންނާށެވެ! (ޖުމްޢަ).

ހުކުރު ނަމާދަށް އަވަހަށް ދިއުމަކީ ޘަވާބާއި ދަރުމަ އިތުރުވާ ކަމެކެވެ. ހުކުރު ނަމާދަށް ދިޔަ މީހުންގެ ލިސްޓުގައި ތިބާގެ ނަން އޮންނާނީވެސް އޭރުންނެވެ. ހުކުރު ދުވަހުގައި މަލާއިކަތުން މިސްކިތުގެ ދޮރުމަތީ ތިއްބަވާނެތެވެ. އަދި ހުކުރަށް އަންނަ މީހުން، އެމީހުން އަންނަ ތަރުތީބުން ލިޔުއްވަވާނެތެވެ. އިމާމު މީހާ މިންބަރަށް އެރުމުން މަލާއިކަތް ބޭކަލުންވެސް ފަތްތައް ލައްޕަވާލެއްވުމަށްފަހު ޚުޠުބާ އަޑުއެއްސެވުމަށް ތިއްބަވާނެއެވެ. ހަމަގައިމުވެސް ދުނިޔަވީ ކަމެއްގައި ތިބާއަށް ފައިދާއެއް ލިބެން އޮތިއްޔާ އެތަނަކަށް އެންމެ އަވަހަށް ދާނެއެވެ. މިކަމަކީ އެއަށްވުރެވެސް ފައިދާ ބޮޑު ކަމެކެވެ. ޘަވާބާއި ދަރުމައިގެ ގޮތުންނެވެ. ގެއްލިގެން ނުދާނެ ދަރުމައެކެވެ.

ހުކުރު ނަމާދަށް ރައްކާތެރި ވުމަކީ ކޮންމެ މުސްލިމު ފިރިހެނެއްގެ މައްޗަށް ވާޖިބު ކަމެކެވެ. އެހެނީ، ޝަރުޢީ ޢުޛުރަކާ ނުލައި ހުކުރު ނަމާދު އަޅައިފި މީހަކު ފާފަވެރިވާނެއެވެ. އަދި ކިއެއްތަ އެއީ އެންމެ ބޮޑުވެގެންވާ ފާފަތަކުގެ ތެރެއިންވާ ފާފައެކެވެ. ރަސޫލުﷲ صلى الله عليه وسلم  ޙަދީޘްކުރައްވާފައިވެއެވެ. "ފަރުވާކުޑަކަމާއެކު ތިން ހުކުރު އަޅައިފިމީހާ ދަންނައެވެ. ﷲ ތަޢާލާ އޭނާގެ ހިތުގައި ސިއްކަ ޖައްސަވާ ހުއްޓެވެ."  ހަމައެހެންމެ ހުކުރު ނަމާދަށް ދިއުމަށްޓަކައި ދަތް އުނގުޅުމާއި، ރީތިވުމާއި، މީރުވަސް ދުއްވުމާއި، އަދި އެންމެ ރީތި ހެދުމެއްލުމަކީ ސުންނަތްވެގެންވާ ކަންތައްތަކެވެ. އަދި ހުކުރު ނަމާދަށް ދިއުމަށްޓަކައި ހިނައިގަތުމަކީ ސުންނަތްވެގެންވާ ކަމެކެވެ. އަދި ޚުޠުބާ ކިޔަމުންދާ ވަގުތުގައި ވާހަކަދައްކާ ހެދުމަކީ މަކުރޫހަ ވެގެންވާ ކަމެކެވެ.

ވީމާ، އެ ދުވަހުގެ ހެޔޮކަން ފުރިހަމަ ގޮތުގައި ލިބިގަތުމަށް އަވަސްވެ ގަންނާށެވެ.

މި ލިޔުމަށް މަޢުލޫމާތު ނަގާފައިވަނީ ދީނީ ޢިލްމުވެރިންގެ ފަތުވާތަކުން

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް