ކ. ގުރައިދޫ ގެއަކުން ބުރުމާއަކާއި ގްރޭންޑަރެއް ވަގަށް ނެގި މީހަކު 2 އަހަރާއި 6 މަސްދުވަހަށް ޖަލަށްލުމަށް ޙުކުމްކޮށްފިއެވެ.
ކ. ގުރައިދޫ ކޯޓުން މި ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހު ޙުކުމްކޮށްފައިވަނީ ކ. ގުރައިދޫ، ބެރުގެ މުޙައްމަދު ރަޝީދު (23އ) ގެ މައްޗަށެވެ.
މި މައްސަލައާ ގުޅިގެން ދަޢުލަތުން މުޙައްމަދު ރަޝީދުގެ މައްޗަށް އުފުލާފައިވަނީ މީހުން ދިރިއުޅޭ ތަނަކުން ވައްކަންކުރުމުގެ ކުށުގެ ދަޢުވާއެވެ. މި ދަޢުވާ އުފުލާފައިވަނީ، މުޙައްމަދު ރަޝީދު 2014 ޖުލައި 25 ވަނަ ދުވަހުގެ ވަގުތެއްގައި ގުރައިދޫ ގެއަކަށް ވަދެ އެގޭ ސިޓިންގރޫމުގައި ހުރި އަލާމާރިއެއްގެ ތެރޭގައި އޮތް ކަރަންޓް ބުރުމާއަކާއި ގްރޭންޑަރެއް ވަގަށް ނަގާފައިވާ މައްސަލައާ ގުޅިގެންނެވެ.
މި ދަޢުވާ ބެލުމަށްފަހު ގުރައިދޫ މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ ޙުކުމްގައި މުޙައްމަދު ރަޝީދު މި ދަޢުވާއަށް އިންކާރުކޮށްފައިވީނަމަވެސް ހެކިންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވާކަމަށް ބުނެފައިވެއެވެ.
މީގެއިތުރުން މުޙައްމަދު ރަޝީދު މީހުން ދިރިއުޅޭ ތަނަކުން ވައްކަން ކުރުމުގެ ކުށުން ކުށްވެރި ވެއްޖެކަމަށް ކަނޑައަޅައި މިއީ މިބާވަތުގެ ކުށެއް ސާބިތުވި ދެވަނަ ފަހަރުކަމަށްވާތީ، މި ކުށުގެ އުޤޫބާތެއްގެ ގޮތުން، ޤާނޫނުލް ޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) ގެ ދަށުން 2 އަހަރު ދުވަހަށް، އަދި މި ވައްކަން ކޮށްފައިވަނީ މީހުން ދިރިއުޅޭ ތަނަކުންކަމަށްވާތީ އެޤާނޫނުގެ 138 ވަނަ މާއްދާގެ ދަށުން 6 މަސް ދުވަސް، މުޅި ޖުމްލަ 2 އަހަރާއި 6 މަސްދުވަހަށް ޖަލަށް ލުމަށް ޙުކުމްކުރާކަމަށް އެޙުކުމްގައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް