ރޭ ވެހުނު ބޯ ވިއްސާރައިގައި ރަސްފަންނު ސަރަހައްދުގައި ވަރަށް ބޮޑަށް ފެންބޮޑުވެ އެ ސަރަހައްދުގައިވާ ގެތަކާއި ވިޔަފާރީ ހިންގާ އިމާރާތްތަކަށް ފެން ވަންނާތީ، ބަޔަކު ނިކުމެ ވަނީ ރަސްފަންނު ސަރަހައްދުން ކޯރެއް ކަނޑާފައެވެ.
ރޭ ފެންބޮޑުވުމުގެ ސަބަބުން ރަސްފަންނު ސަރަހައްދުން ކެނޑި ކޯރުގެ ސަބަބުން ފެން ހިއްކުމަށް ވަނީ ވަރަށް ބޮޑަށް ލުޔެއް ލިބިފައެވެ.
ގިނަ މަސްދަރުތަކުން ބުނާގޮތުގައި މިކަން ކުރީ އާއްމު މީހަކު އިސްވެ ހުރެ، އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކާއި ވިޔަފާރީ ކުރާ ބައެއް ފަރާތްތަކުގެ ބައިވެރިވުމާއި އެކުއެވެ.
އެހެން ނަމަވެސް ސަރުކާރުގެ ބައެއް އިސް ބޭފުޅުން ދަނީ އެކަން ކުރީ ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ އެމްޑަބްލިއުއެސްސީން ކަމަށް ބުނަމުންނެވެ.
މިކަމާއި ގުޅިގެން ކޯރު ކެނޑުމުގައި އިސްވެ ހުރި ކަމަށް ބުނާ ފަރާތް، ރިލްވާން ވަނީ އެކަމަށް ރައްދުދީ ކޯރު ކެނޑި ގޮތުގެ ތަފްސީލު ކިޔައިދީފައެވެ. ރިލްވާން ބުނަނީ އެކަން ކުރީ އޭނާ އިސްކޮށް ހުރެ އެހެން އާއްމުން ތަކަކާއި އެކު ޓީމް ވޯކެއްގެ ގޮތުގައިކަމަށެވެެ. އަދި އެކަމުގައި ސަރުކާރުގެ އެއްވެސް ބައިވެރިވުމެއް ނުވާ ކަމަށް އޭނާ ބުނެފައި ވެއެވެ.
އެހެން ނަމަވެސް ސަރުކާރުގެ ބައެއް ބޭފުޅުން ވަނީ އެމްޑަބްލިއުއެސްސީގެ މުވައްޒަފަކު އެ ސަރަހައްދަށް ވަންނަ ސީސީޓީވީ ފުޓޭޖެއް ހިއްސާ ކޮށްފައެވެ. އަދި އެކަން ކުރީ ރިލްވާނު ނޫން ކަމަށާއި އެއީ އެ ކުންފުނީގެ މުވައްޒަފުން ކުރި ކަމެއް ކަމަށް ސަރުކާރުގެ ބައެއް ބޭފުޅުން ދަނީ ބުނަމުންނެވެ.
ރެކޯޑި އަދަދަކަށް ވާރޭ ވެހުނު އ ދަނޑިވަޅުގައި ކޯރު ކަނޑާއި ފެންގަނޑު ހިންދުމަށް އެހީތެރިވި ފަރާތްތަކަށް ގިނަ ބަޔަކު ޝުކުރު އަދާ ކުރާ އިރު ކޯރު ކެނޑީ އާއްމުން ނިކުމެ ކަމެއް ނުވަތަ ސަރުކާރުން ކަމެއް ނޭނގެއެވެ.
ފެންގަނޑު ހިއްކުމަށް ގިނަ ވަގުތު ތަކެއް ހޭދަވެގެން ދިޔައި އިރު ފިހާރަތަކާއި އެހެނިހެން ވިޔަފާރީ ކުރާ ތަންތަނުގެ އިތުރުން ގެތަކަށް ވެސް ފެން ވަދެ ވަނީ ވަރަށް ބޮޑަށް ގެއްލުން ތަކެއް ލިބިފައެވެ.
އެގޮތުން ފެންހިއްކުމުގަޔާއި ވެލި ބަސްތާ ޖެހުމުގައި ސަލާމަތީ އިދާރާތަކުން ދިޔައީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެހެން ނަމަވެސް ފެން ހިންދުމުގައި ވަނީ ގިނަ ވަގުތު ތަކެއް ނަގާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް