ދަ ޑިމޮކްރެޓްސްގެ މަޖިލިސް ޕްރައިމަރީއަށް ކުރިމަތިލާން ހުޅުވާލައިފި

މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި ވާދަކުރާނެ ފަރާތްތައް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީއަށް ކުރިމަތިލުމަށް އެ ޕާޓީ އިން ހުޅުވާލައިފިއެވެ. 20 ވަނަ ރައްޔި...

04 Jan 2024 | 11:36

މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި ވާދަކުރާނެ ފަރާތްތައް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީއަށް ކުރިމަތިލުމަށް އެ ޕާޓީ އިން ހުޅުވާލައިފިއެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި ވާދަކުރާނެ ފަރާތްތައް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައވަނީ 17 ފެބްރުވަރީ 2024 ގައެވެ. ޕްރައިމަރީއަށް ކުރިމަތިލުމަށް މިއަދު ހުޅުވާލާފައިވާއިރު، އެ ޕާޓީ އިން ބުނީ 4 ފެބްރުވަރީ 2024 ގެ ހަވީރު 16:00 ގެ ނިޔަލަށް ފޯމު ހުށަހެޅުން ހުޅުވާލާފައިވާ ކަމަށެވެ.

މި ޕްރައިމަރީއަށް ކުރިމަތިލުމަށް އެދޭ މެމްބަރުންނަކީ 4 ފެބްރުއަރީ 2024 ވާ އާދިއްތަ ދުވަހުގެ ހަވީރު 16:00 ނިޔަލަށް އެ ޕާޓީގެ ދަފްތަރުގައި ޖެހިފައިވާ މެމްބަރަކަށްވުމުގެ އިތުރުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 73 ވަނަ މާއްދާއާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނުގެ 8 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލާ މީހެއްގެ ކިބައިގައި ހުންނަންޖެހޭކަމަށް ބަޔާންކުރާ އެންމެހާ ޝަރުތުތައް ފުރިހަމަ މެމްބަރަކަށް ވާންވާނެ ކަމަށް ދަ ޑިމޮކްރެޓްސް އިން ބުނެއެވެ.

ދަ ޑިމޮކްރެޓްސް އިން ބުނީ ޕްރައިމަރީގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާނީ 4 ފެބްރުއަރީ 2024 ވާ އާދިއްތަ ދުވަހުގެ ހަވީރު 16:00 ނިޔަލަށް އެ ޕާޓީގެ ދަފްތަރުގައި ޖެހިފައިވާ މެމްބަރުންނަށް ކަމަށެވެ. ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މެމްބަރުންގެ ވަގުތީ ލިސްޓް އާއްމުކޮށް، ޝަކުވާއަށް ހުޅުވާލެވޭނީ 6 ފެބްރުއަރީ 2024 ވާ އަންގާރަ ދުވަހު ކަމަށާއި އަދި ޝަކުވާ ހުށަހެޅުމުގެ އެންމެ ފަހު ގަނޑިއެއް ކަމަށް ކަނޑައެޅިފައިވަނީ 10 ފެބްރުއަރީ 2024 ވާ ހޮނިހިރު ދުވަހުގެ ހަވީރު 16:00 ކަމަށް އެ ޕާޓީ އިން މައުލޫމާތުދެއެވެ. ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މެމްބަރުންގެ ދާއިމީ ލިސްޓް އިއުލާނުކުރަން ކަނޑައެޅިފައިވަނީ 11 ފެބްރުއަރީ 2024 ވާ އާދިއްތަ ދުވަހުއެވެ.

ޕްރައިމަރީގައި ވާދަކުރުމަށް އެދި އެންމެ މެމްބަރަކު ކުރިމަތިލާ ދާއިރާތަކުގައި، ޕްރައިމަރީއަކާ ނުލާ އެ މެމްބަރަކަށް ދަ ޑިމޮކްރެޓްސްގެ ޓިކެޓް ހަވާލުކުރެވޭނެ ކަމަށް އެ ޕާޓީ އިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް