ޕޮންޒީ ސްކީމްގެ މައްސަލައާއި ގުޅިގެން ފާޑުކިޔުންތައް އަމާޒުވާތީ މަޖިލިސް އިންތިހާބުގައި ވާދަނުކުރާ ގޮތަށް އަލްހާން ފަހުމީ ނިންމަވައިފިއެވެ.
މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓުގައި ކާށިދޫ ދާއިރާއަށް ވާދަކުރަން ނިންމަވާފައިވާކަން އަލްހާން އިއުލާންކުރެއްވީ މިދިޔަ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ. އަލްހާން މަޖިލީހަށް ވާދަކުރަން ނިންމި އިރު، ޕޮންޒީ ސްކީމްގެ މައްސަލައިގައި ސިވިލް ކޯޓުން ވަނީ އެ ސްކީމަށް އިންވެސްޓްކުރި ތިން މީހަކަށް 7 ލައްކައަށްވުރެ ގިނަ ރުފިޔާ ދިނުމަށް އަލްހާންގެ މައްޗަށް ހުކުމް ކޮށްފައެވެ.
އަލްހާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކިންގްސް ކެޕިޓަލް ހޯލްޑިންގްސް އާއި ކުރިމަތިވި މައްސަލަ އާއި ގުޅިގެން އެކުންފުންޏާއެކީ މުޢާމަލާތް ކުރި ބައެއް ފަރާތްތަކަށް ދޭންޖެހޭ ފައިސާގެ މުޢާމަލާތުތައް ނުނިމި ހުއްޓާ، މަޖިލީހުގެ ގޮނޑިއަކަށް ކުރިމަތިލުމާމެދު ބައެއް ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައިވާކަމަށެވެ.
"އަޅުގަނޑު ރައްޔިތުންގެ މަޖްލިސް ގޮނޑިއަކަށް ކުރިމަތިލުމާމެދު ފާޑު ވިދާޅުވާތީ، އެ މުޢާމަލާތާއި ގުޅިގެން ކުންފުނިން އަދާކުރަންޖެހޭ ޒިންމާތައް ނުނިންމާ، މިފަދަ އިންތިޚާބެއްގައި ވާދަކުރުމަކީ ހިތަށް އެހާ ފަސޭހަ ކަމަކަށް ނުވީތީ، އަޅުގަނޑުގެ ނަން އަނބުރާ ގެންނަ ވާހަކަ އެންމެ ބޭފުޅުންގެ މަޢްލޫމާތަށްޓަކައި ނުހަނު ހިތާމައާއިއެކު ދެންނެވީމެވެ." އަލްހާން އެކްސްގައި ވިދާޅުވިއެވެ.
މި ޖެނުއަރީ މަސް ތެރޭގައި އިންވެސްޓަރުންނަށް ފައިސާ ދޭން ފަށާނެ ވާހަކަ އަލްހާން ކުރިން ވިދާޅުވެފައިވީ ނަމަވެސް މި މަހުގެ ދެވަނަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެކަން ފެށޭނެ ވަރުގެ ބަޖެޓު ނެތުމާއެކު މި މަސް ތެރޭގައި ފައިސާ ދޭން ނުފެށޭނެ ކަމަށެވެ. އަދި ފެބްރުވަރީ މަހުގެ ނިޔަލަށް ކޮންމެވެސް މިންވަރަކަށް އިންވެސްޓަރުންނަށް ފައިސާ ފެށޭނެކަމުގެ އުންމީދާއެކު މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް