ހިޔާފްލެޓުތަކުގެ ކުލި ބޮޑު ކަމަށް ގަބޫލު ކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ހިޔާ ފްލެޓު ސަރަހައްދުގައި ބޭއްވި އެމްޑީޕީ ޕްރައިމަރީގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން އޮންނާނީ މިމަހުގެ29 ވަނަ ދުވަހު އެވެ.
ނަޝީދު ވިދާޅުވީ ހިޔާ ފްލެޓުތަކުގެ ކުލި ބޮޑު ކަމަށްވިޔަސް މާލެ ސަރަހައްދުން ބޯހިޔާވަހިކަމެއް ލިބުމަކީ ކޮންމެ މީހަކަށްވެސް ލިބިގެންދާ ނަސީބެއްކަމަށެވެ. ނަޝީދު ވިދާޅުވީ ފްލެޓުތަކުގެ ކުލި ބޮޑުވެފައިވަނީ ފްލެޓުތައް އަޅާފައިވާ އަގުބޮޑު ކަމުން ކަމަށެވެ.
މާލެ ސަރަޙައްދުގައި އުޅޭ މީހުން ދިރިއުޅެމުންދަނީ ވަރަށް ބިކަ ހާލުގައި ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވާ ގޮތުގައި ހިޔާ ފްލެޓުތަކުގައި އުޅޭ މީހުންނަށް މި ވަގުތު އޮތް އެންމެ ބޮޑު އެއް ތަކުލީފަކީ އާމްދަނީ މަދުވުމާއި، ތަކެތީގެ އަގު ބޮޑުވުމާއި، އެކަންކަމުގެ ސަބަބުން ދިރިއުޅުމަށް ދިމާވާ ހާސްކަމެވެ.
އެ ކަންކަމުން އަރައިގަތުމަށްޓަކައި ކުލި ދެއްކުމުގައި އިތުރު އެހީއެއް ދިނުމަކީ ސަރުކާރަށް ކުރެވެން އޮތް ކަމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެއީ އެމްޑީޕީގެ ދެން އަންނަ ސަރުކާރެއްގައި ކޮންމެހެން ކުރަން ޖެހޭ ކަމެއްކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދުގެ މިއަދުގެ ކެމްޕެއިން ކުރިޔަށް ގެންދިޔަ އިރު އެމަނިކުފާނާއި ދެކޮޅަށް ވަރަށް ގިނަ ބަޔަކު މުޒާހަރާ ކުރި އެވެ. އެއީ ހިޔާ ފްލެޓުތަކަކީ ކޮތަރުކޮށިތަކެއް ކަމަށް ބުނެ ވާހަކަފުޅު ދެއްކެވުމަށް ފަހު ވޯޓަށް އެ ސަރަހައްދަށް ވަޑައިގެންނެވުމުންނެވެ.
ނަޝީދާއި ދެކޮޅަށްް އަޑު އުފުލަން ފެށުމުން ފުލުހުން ވަނީ އޭގެ ތެރެއިން ބައެއް މީހުން އެ ސަރަހައްދުން ދުރަށްވެސް ޖައްސާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް