ގައުމީ އެއާލައިން މޯލްޑިވިއަންގެ އޭޓީއާރު ދެ ބޯޓު ރާއްޖެ ގެނެސްފި އެވެ.
މި ދެ މަތިންދާ ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސީ މިއަދު ހަވީރު 4:00 ގައި އެވެ. ބޯޓަށް މަރުހަބާ ކިޔުމަށް ނައިބު ރައީސް ފައިސަލް ނަސީމް އެއާޕޯޓަށް ވަޑައިގެންނެވި އެވެ.
މި ބޯޓުތައް އުފެއްދީ ރީޖަނަލް އެއާކްރާފްޓް އުފެއްދުމުގައި ދުުނިޔޭގައި އެންމެ މަގުބޫލު އޭޓީއާރު ކުންފުނިންނެވެ. މި ބޯޓުތަކުގެ އިންޖީނަކީ އޭޓީއާރްގެ އެންމެ ފަހުގެ އިންޖީނުތަކެވެ.
މޯލްޑިވިއަން އިން ބުނީ ކުރީގެ ބޯޓުތަކަށް ވުރެ މެއިންޓަނެންސް ހަރަދު 20 ޕަސެންޓް ކުޑަވާނެ ކަމަށާއި ތެޔޮ ބޭނުން ކުރާ ވަރު ތިން ޕަސެންޓް ކުޑަކޮށްދޭނެ ކަމަށެވެ. އަލަށް ގެނައި ކޮންމެ ފްލައިޓެއްގައި އެއް ފަހަރާ 72 މީހުން އުފުލޭނެ އެވެ.
މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ ވިދާޅުވީ އާ ބޯޓުތަކާ އެކު މޯލްޑިވިއަންގެ ބޯޓުތަކުގެ އިން-ފްލައިޓް ހިދުމަތްތައް މިހާރަށް ވުރެ ރަނގަޅުވާނެ ކަމަށެވެ. އޭނާ ވިދާޅުވީ، ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ޑޭޝް މަރުކާރުގެ ބޯޓުތައް އާ ބޯޓުތަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.
އެގޮތުން މި އަހަރު ތެރޭގައި އޭޓީއާރްގެ އާ ބޯޓުތަކެއް ގެނައުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް ވިދާޅުވި އެވެ. އޭރުން އާ ބޯޓުތައް ލިބޭ ވަރަކުން ޑޭޝް މަރުކާރުގެ ބޯޓުތައް ބޭނުން ކުރުން ހުއްޓާލަމުންދާނެ ކަމަށެވެ.
އަލަށް ގެނައި ދެ ބޯޓުގެ އިތުރުން އޭޓީއާރްގެ 42 ޖާގައިގެ ބޯޓެއް ވެސް މި މަހު ތެރޭ މޯލްޑިވިއަން އަށް ލިބޭނެ އެވެ. އެ ބޯޓާ އެކު ގައުމީ އެއާލައިންގެ ފްލީޓް 14 ބޯޓަށް އިތުރުވާނެ އެވެ.
މިހާރު މޯލްޑިވިއަންއިން ބޭނުން ކުރާ ޑޭޝް މަރުކާގެ ބޯޓުތަކަކީ20 އަހަރުވެފައިވާ ބޯޓުތަކެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް