އަލަމްގިީރުގެ ވީޑިއޯތަކުން ފައިސާ ހޯދި ތުހުމަތުގައި ހައްޔަރުކުރި މީހުން ދޫކޮށްލައިފި

ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑީއޯތައް ބޭނުންކޮށްގެން ގިނަ ބަޔަކު ބްލެކްމެއިލްކޮށް ފައިސާ ހޯދި ކަމަށް ބުނާ މީހުން ދޫކޮށްލައި މައްސަލަ ފުލުހުން ފައި...

04 Jan 2023 | 07:58

ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑީއޯތައް ބޭނުންކޮށްގެން ގިނަ ބަޔަކު ބްލެކްމެއިލްކޮށް ފައިސާ ހޯދި ކަމަށް ބުނާ މީހުން ދޫކޮށްލައި މައްސަލަ ފުލުހުން ފައިލްކޮށްފިއެވެ.

މާލޭގައި އަލަމްގީރު ދިރިއުޅުނު ކޮޓަރީގައި ގިނަ ބަޔަކާ އެކު އޭނާ އެއްޖިންސުން ގުޅުން ހިންގައި އެ މަންޒަރު  ވަނީ ސިއްރުން ރެކޯޑުކޮށްފައެވެ.

އަދި މި ވީޑިއޯތައް އެހެން ބައެއްގެ އަތަށް އަރައި، އޭގައި ހިމެނޭ ބައެއް މީހުން ބްލެކްމެއިލްކޮށްގެން  ބޮޑެތި އަދަދުތަކުން ފައިސާ ހޯދާ އަދި ބައެއް ވީޑިއޯތައް އާންމުކުރި ކަމުގެ ތުހުމަތުގައި،ފުލުހުން ވަނީ ތިން މީހެއްގެ ވަނަވަރު އާންމުކޮށްފައެވެ.

އެގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރ 20ގައި  މި މައްސަލައިގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކޮށް ވަނަވަރު އާންމުކުރި ތިން މީހުނަކީ، ށ. ފުނަދޫ، ސީސްޓާ، މައުމޫން މޫސާ އާއި ބ. ދަރަވަންދޫ، ހީމަ، މުހައްމަދު މިހާދު މުސްތަފާ، 24، އާއި މައްސަލައިގެ މޭސްތިރިޔާ ކަމަށް ބެލެވޭ ބ. ދަރަވަންދޫ، އަކިރި، ހަމްދޫން އަބްދުﷲ، 37 އެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅޭ ގޮތުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި މަޝްވަރާކުރުމުން، ލިބިފައިވާ ހެކިތަކަކީ ޖިނާއީ ދައުވާއެއް އުފުލޭ ވަރުގެ ބުރަދަންދެވޭނެ ހެކިތަކެއް ނޫން ކަމަށް އެ އޮފީހުން ލަފާދީފައިވާތީ މައްސަލައިގައި ހައްޔަރު ކުރި މީހުން މިދިޔަ ނޮވެމްބަރު މަހު ދޫކޮށްލުމަށްފަހު މިހާރު މައްސަލަ ފައިލްކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން މި މައްސަލައާއި ގުޅިގެން އިތުރު މަޢުލޫމާތެއް ލިބިއްޖެނަމަ މައްސަލަ އަލުން ބެލުމުގެ ފުރުސަތު އޮތް ކަން ފުލުހުން ވަނީ ހާމަކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް