ގޭތެރެ ސާފު، ތަރުތީބުތަނެއްގެ ގޮތުގައި ބެހެއްޓުމަކީ އެއްމެންވެސް އެދޭނެ ގޮތެވެ. އެހެންނަމަވެސް ދިރިއުޅުމުގެ ހާލަތު ހުންނަ ގޮތުން ވަގުތު ނުލިބުމާއި ނުވަތަ މާ ބިޒީވުމުގެ ސަބަބުން ނުވެ އޮންނަ ކަމަކީވެސް އެ އެވެ.
މިލިޔުމުގައި އަލިއަޅުވާލާނީ ސާފުތާހިރުކޮށް އަދި ތަރުތީބުކޮށް ގެތެރޭގެ ތަކެތި އާދަވެގެން ބެހެއްޓުމަށްޓަކައިކުރެވިދާނެ ކަންކަމެވެ.
ސާފުކުރުމަށް ބޭނުންކުރާ ތަކެތި ހަމަކުރުން:
ތަފާތު ތަންތަން ސާފުކުރުމަށްޓަކައި ބޭނުންކުރާ އެކި އުކުޅުތައް ހުންނަ ބީދައިން ތަފާތު ތަންތަން ސާފުކުރުމަށް ބޭނުންވާ ވަސީލަތްތައްވެސް ތަފާތުވާނެއެވެ. އެގޮތުން ސާފުކުރުމަށް ބޭނުންކުރާ ހުރިހާ ތަކެއްޗެއް އެއްތަނަކު ބެހެއްޓުމަކީ ގެ ސާފު ކުރުމަށް މަގުފަހިވެގެނަދާނެ ކަމެކެވެ.
ކުރާ އެއް މަސައްކަތެއް ނިންމުމަށްފަހު އަނެއްކަމެއް ފެށުން:
ސާފުކުރަން ބޭނުންވެފައި އެކަމަށް ފެށުމަށްފަހު މަސައްކަތްކުރަންވާނީ ފަހަރަކު ކަމެއް ނިންމޭތޯއެވެ. އެގޮތުން ކުނި ކަހަމުންދާނަމަ ގޭގެ ހުރިހާ ތަނެއް ކުނިކަހާ ނިންމާލާށެވެ.
އަދި ކުނިކެހުމުގެ ކުރިން ހިރަފުސް ފޮޅާނަމަ އެކަން ކުރުމަށްފަހު ދެން އޮތް ކަމަކަށް ސަމާލުކަންދިނުމަކީ ފަސޭހަކަމާއި ލުއިކޮށް މަސައްކަތް ނިންމާލެވިދާނެ ގޮތެވެ. ފަހަރަޖު ތަނެއް ސާފުކުރަމުން ގެންދިއުމަކީވެސް އަވަސްވެގެންދާނެ ގޮތެކެވެ.
ސާފުކުރުމުގެ އާދަ ހަރުލެއްވުން:
ކޮންމެ ވަގުތަކީވެސް ކުރާ ކޮންމެ ކަމަކީވެސް އުޅޭ މާހައުލު ހަޑިނުވާގޮތަށް ކުރެވޭ މަސައްކަތެއްކަމުގައި ހެދުމަށް އާދަކުރެވިދާނެއެވެ. ފަހުން ސާފުކުރުމަށް ދޫކޮށްލުމުގެ ބަދަލުގައިވަގުތުން ސާފުކޮށްލުމަށް އާދަކުރެވިދާނެއެވެ.
ވަގުތެއް ކަނޑައަޅާފައި އެގޮތަކަށް މަސައްކަތްކުރުން:
އާދަވެގެން ކޮންމެ ދުވަހަކުވެސް ވަކި ވަގުތެއް ސާފުކުތުމަށް ކަނޑައެޅުމަކީ ކުރެވިދާނެ ކަމެކެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް ވަކި ގަޑިއެއް ކަނޑައެޅުމުގެ ބަދަލުގައި ވަގުތެއް ނިންމާށެވެ. ކޮންމެ ދުވަހަކު ވަކި ކަމެއް ކުރުމަށްފަހު ސާފުކުރުމަށް ކަނޑައެޅިދާނެއެވެ. ނުވަތަ ދުވާލަކު 15 މިނެޓް ދޭ ގޮތަށްވެސް ނިންމި ދާނެއެވެ.
މާހައުލުގައި ދިރިއުޅޭ އެންމެންގެ މަސްއޫލިއްޔަތެއް ކަމުގައި ދެކުން:
ސާފުތާހިރު ކުރުމަކީ ދިރިއުޅޭ މާހައުލެއްގަައި ކުދިބޮޑު އެންމެންގެ އަމިއްލަ ޒިންމާއެއްގޮތުގައި ބެލުމަކީ ތަރުތީބު މާހައުލަކަށް މަގުފަހިވެގެންދާނެ ކަމެކެވެ. އެގޮތުން އެމީހަކަށް ކުރެވޭނެ ވަރުގެ ޒިންމާތައްހަވާލުކުރުމަކީ ގޭގެ ބޮޑުންގެ މަސްއޫލިއްޔަތުގެ ގޮތުގައި އަދާކުރެވިދާނެއެވެ.
އަބަދުވެސް ވިސްނަންވާނީ ތަނެއް ބޭނުންވާ ގޮތަކަށް ބޭއްވޭނީ އެތަނެއްގެ އެންމެންވެސް މަސައްކަތްކުރުމުން ކަމުގައެވެ. އެކަމަކީ ސާފުތާހިރުކޮށް ދިރިއުޅޭ މާހައުލު ބޭއްވުން ނަމަވެސްމެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް