އިންޑިއާގެ މަޝްހޫރު ފިލްމީ ތަރިން ކަމަށްވާ ވިޖޭ ދެވަރޮކޮންޑާ އާއި ރަޝްމިކާ މަންޑަނާ ރާއްޖޭގައި އެއްކޮށް ޗުއްޓީ ހޭދަ ކުރިކަން ނުސީދާކޮށް ޔަގީން ކޮށްދީފި އެވެ.
އެ ދެމީހުން ވަރަށް ސިއްރުން ރާއްޖެ އައީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ. ޗުއްޓީ ހޭދަ ކުރީ ބޮލިފުށި މޯލްޑިވްސްގައި އެވެ.
ދެ ލޯބިވެރިން ކަމަށް ޝައްކު ކުރެވިފައި އޮންނަ ވިޖޭ އާއި ރަޝްމިކާގެ ގުޅުމަށް ދެމީހުން ދުވަހަކުވެސް އެއްބަހެއް ނުވެ އެވެ. އެ ދަތުރު އަންނަން މުމްބާއީ އެއާޕޯޓަށްވެސް ދެމީހުން ދިޔައީ ވަކިންނެވެ.
ދެ މީހުންގެ ޗުއްޓީ ދަތުރުގެ ވާހަކަ އަދިވެސް އިންޑިއާ މީޑިއާއަށް ޔަގީން ނުކުރެވިގެން އުޅެނިކޮށް ވިޖޭ އާ އަހަރުގެ ތަހުނިޔާކިޔައި ކުރި ޕޯސްޓަކާއި އެކު ވަނީ ނުސީދާކޮށް އެކަން ޔަގީން ކޮށްދީފައި އެވެ. ވިޖޭ އާންމު ކުރި ފޮޓޯގައި ފެންނަނީ ސްވިމިން ޕޫލެއްގައި އޭނާ ބުއިމެއް ހިފައިގެން އިންނަ ތަނެވެ.
ފަހަތުން ފެންނަނީ ރާއްޖޭގެ ހިތްގައިމު މޫދުގެ މަންޒަރެވެ. އެ ފޮޓޯއިން ރަޝްމިކާ އާއި އެކު ޗުއްޓީ ހޭދަ ކުރިކަން ޔަގީންވީ އެ ދަތުރުގެ ތެރެއިން ހަމަ އެ ތަނުގައި އޭނާ ފޮޓޯއެއް ނަގާފައިވާތީ އެވެ.
އެކަމަކު ރަޝްމިކާގެ ފޮޓޯ އާންމު ކުރީ އޭރު ޗުއްޓީ ހޭދަކުރަމުން ދަނިކޮށެވެ.
https://www.instagram.com/p/CjfkQmgK9c0/
https://www.instagram.com/p/Cm3Y8wFrDBA/
ޕޯސްޓަށް ކޮމެންޓު ކުރި ދެމީހުންގެ ސަޕޯޓަރުން ދަނީ ވިޖޭގެ ފޮޓޯ ނަގައިދިނީ ރަޝްމިކާ ކަމަށް ބުނެފައި އެވެ. އަދި މިހާރު ފޮޓޯ ޝެއާ ކުރީ އޭރު ދެމީހުން އެއްކޮށް ނޫޅޭކަން ދެއްކުމަށާއި އާ އަހަރު ފާހަގަ ކުރަންވެސް ދެމީހުން އެއްކޮށް ތަނަކަށް ނުދާކަން ޔަގީން ކޮށްދިނުމުގެ ގޮތުން ކަމަށެވެ.
ރާއްޖޭގެ ދަތުރުގެ ފަހުން ނޮވެމްބަރު މަހު ވަނީ އެ ދެ މީހުންގެ ކައިވެނީގެ ރަސްމިއްޔާތެއް ކަމަށް ބުނެވެސް ފޮޓޯއެއް ދައުރުކޮށްފައި އެވެ. ސައުތް އިންޑިއާއަށް ނިސްބަތްވާ އެ ދެމީހުން ފޮޓޯގައި ތިބީ ވަރަށް ސަގާފީކޮށް ހެދުން އަޅައިގެންނެވެ.
އެކަމަކު ފަހުން ވަނީ އެއީ ފޭކު ފޮޓޯއެއްކަން ހާމަވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް