ޕްރިމިއާ ލީގު: ރޭ ކުޅުނު މެޗުތަކުން ބްރައިޓަން އާއި ފުލަމް މޮޅުވެއްޖެ

އިނގިރެސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން ބްރައިޓަން އާއި ފުލަމް މޮޅުވެއްޖެއެވެ. ބްރއަިޓަން ރޭ ރަށުން ބޭރުގައި އެވަޓަންއާއި ދެކޮޅަށް ކުޅުނު މެޗުން މޮޅުވީ 1-4 ގެ ނަތީޖާއިންނެވެ. އަދި ފުލަމް ރޭ ލ...

04 Jan 2023 | 02:31

އިނގިރެސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން ބްރައިޓަން އާއި ފުލަމް މޮޅުވެއްޖެއެވެ.

ބްރއަިޓަން ރޭ ރަށުން ބޭރުގައި އެވަޓަންއާއި ދެކޮޅަށް ކުޅުނު މެޗުން މޮޅުވީ 1-4 ގެ ނަތީޖާއިންނެވެ. އަދި ފުލަމް ރޭ ލެސްޓަރ ސިޓީއާއި ދެކޮޅަށް ކުޅުނު މެޗުން މޮޅުވީ 0-1 ގެ ނަތީޖާއިންނެވެ.

ރޭގެ މެޗުގައި ބްރައިޓަން އިން ރަނގަޅު ކުޅުމެއް ދެއްކިއިރު، އެޓީމުން މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ މެޗުގެ 14 ވަނަ މިނެޓުގައެވެ. ބްރައިޓަން އަށް މެޗުގެ ލީޑު ނަގައިދިން މި ލަނޑު ޖަހައިދިނީ ކައިސެޑޯގެ އެހީތެރިކަމާއި އެކު ކައޮރޫ މިޓޮމާއެވެ. ބްރައިޓަންގެ ދެވަނަ ލަނޑު ޖަހައިދީ ލީޑު ފުޅާކޮށްދިނީ މެޗުގެ 51 ވަނަ މިނެޓުގައި އީވަން ފާގަސަންއެވެ. ބްރައިޓަންގެ ތިން ވަނަ ލަނޑު މެޗުގެ 54 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ސޮލީ މާޗްއެވެ. އަދި އެޓީމުގެ ހަތަރުވަނަ ލަނޑު ޖަހައިދިނީ މެޗުގެ 57 ވަނަ މިނެޓުގައި ޕާސަކަލް ގްރޮބްއެވެ. މި މެޗުގައި އެވަޓަންގެ ހަމަ އެކަނި ލަނޑު މެޗުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއެއް ގައި ޖަހައިދިނީ ޑެމަރާއީ ގްރޭއެވެ.

މި ނަތީޖާއާއި އެކު 17 މެޗުން ލިބުނު 27 ޕޮއިންޓާއި އެކު ބްރައިޓަން އޮތީ ތާވަލްގެ އަށްވަނާގައެވެ. އަދި އެޓީމުއަތުން ބަލިވި އެވަޓަން އޮތީ ކުޅުނު 18 މެޗުން ލިބުނު 15 ޕޮއިންޓާއި އެކު 16 ވަނާގައެވެ.

ލެސްޓަރ ގެ ދަނޑުގައި ރޭ ކުޅުނު މެޗު ފުލަމް އިން ކާމިޔާބު ކުރިއިރު، މި މެޗުގައި ފުލަމް އިން ލަނޑު ޖަހާ ލީޑު ނަގާފައިވަނީ މެޗުގެ ވަރަށް ކުރީކޮޅުގައެވެ. އެއީ މެޗުގެ 17 ވަނަ މިނެޓުގައެވެ. ފުލަމްގެ ހަމަ އެކަނި ލަނޑު މި މެޗުގައި ކާމިޔާބު ކޮށްދިނީ ވިލިއަންގެ އެހީތެރިކަމާއި އެކު އަލެކްސެންޑަރ މިޓްރޮވިޗްއެވެ.

މި ނަތީޖާއާއި އެކު ފުލަމް އޮތީ ކުޅުނު 18 މެޗުން ލިބުނު 27 ޕޮއިންޓާއި އެކު ތާވަލްގެ ހަތް ވަނާގައެވެ. އަދި ލެސްޓަރ ސިޓީ އޮތީ 18 މެޗުން 17 ޕޮއިންޓު ލިނިގެން 13 ވަނާގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް