އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލް އާއި ނިއުކާސަލް ޔުނައިޓެޑް ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވިއިރު، އެފްސީ ބޯންމައުތްއާއި ދެކޮޅަށް ކުޅުނު މެޗު މެންޗެސްޓަރ ޔުނައިޓެޑުން ކާމިޔާބު ކޮށްފިއެވެ.
އާސެނަލް ދަނޑުގައި ރޭ ނިއުކާސަލް އާއި ދެކޮލަށް ކުޅުނު މެޗު އެއްވަރުވީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި 0-0 ގެ ނަތީޖާއިންނެވެ. އަދި އެފްސީ ބޯންމައުތް އަތުން ޔުނައިޓެޑް މޮޅުވީ އަމިއްލަ ދަނޑުގައި 0-3 ގެ ނަތީޖާއިންނެވެ.
އާސެނަލް އަދި ނިއުކާސަލް ބައްދަލުކުރި މެޗުގައި ފޯރިގަދަ ކުޅުމެއް ދެ ޓީމުގެ ފަރާތުން ވެސް ވަނީ ފެނިގެން ގޮސްފައެވެ. އެގޮތުން މުޅި މެޗަށް ބަލާއިރު، އާސެނަލުން ޖުމުލަ 11 ހަމަލާއެއް ނިއުކާސަލްގެ ގޯލަށް ފޮނުވާލިއެވެ. ނަމަވެސް އޮންޓާގެޓަށް ފޮނުވާލެވުނީ ހަތަރު ހަމަލާއެވެ. މި މެޗުގައި ލަނޑުޖަހާނެ ގިނަ ހުސް ފުރުސަތުތައް ތަނަވަސްކުރީވެސް އާސެނަލުންނެވެ. އެގޮތުން ލަނޑު ޖަހަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ވެސް އެޓީމަށެވެ. އާސެނަލްގެ އެޑްވަޑް ނިކީޓާ ނިއުކާސަލްގެ އޭރިޔާތެރޭގައި ހުސްކޮށް ހުރެ ފޮނުވާލި ހަމަލާ ދިފާއުކުރީ ނިއުކާސަލްގެ ކީޕަރު ނިކް ޕޯޕްއެވެ. ނިއުކާސަލުން ވެސް މި މެޗުގައި އާސެނަލް ގެ ގޯލަށް ހަ ހަމަލާއެއް ފޮނުވާލިއެވެ. ނަމަވެސް އޮންޓާގެޓަށް އަމާޒުކޮށް ފޮނުވާލެވުނީ އެއްމެ ހަމަލާއެކެވެ. އެ ހަމަލާ އާސެނަލްގެ ކީޕަރު މަތަކުރީއެވެ.
މި ނަތީޖާއާއި އެކު ވެސް އާސެނަލް އޮތީ ތާވަލްގެ އެއްވަނާގައެވެ. އެޓީމު ތާވަލްގެ އެއްވަނާގައި އޮތީ އަށް ޕޮއިންޓުގެ ލީޑަކާއިއެކުގައެވެ. އާސެނަލް އަށް ވަނީ ކުޅުނު 17 މެޗުން 44 ޕޮއިންޓް ލިބިފައެވެ. ނިއުކާސަލް އޮތީ އާސެނަލް އަށް ވުރެ އެއްމެޗު އިތުރަށް ކުޅެގެން ލިބުނު 35 ޕޮއިންޓާއި އެކު ތާވަލްގެ ތިން ވަނާގައެވެ.
ރޭ މެންޗެސްޓަރ ޔުނައިޓެޑުން އެފްސީ ބޯމްމައުތް އަތުން މޮޅުވި މެޗަށް ބަލާއިރު، ޔުނައިޓެޑުން އެޓމުގެ ފުރަތަމަ ލަނޑު ޖަހާ ލީޑުނެގީ މެޗުގެ 23 ވަނަ މިނެތުގައި ކަސަމީރޯ ޖަހައިދިން ލަނޑުންނެވެ. ކަސަމީރޯ މި ލަނޑު ޖެހީ ކްރިސްޓިއަން އެރިކްސަން ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ. ޔުނައިޓެޑުގެ ދެވަނަ ލަނޑު ޖަހައިދީ ލީޑު ފުޅާކޮށްދިނީ މެޗުގެ 49 ވަނަ މިނެޓުގައި ލުކް ޝޯ ޖަހައިދިން ލަނޑުންނެވެ. އަދި ޔުނައިޓެޑުގެ ތިން ވަނަ ލަނޑު މެޗުގެ 86 ވަނަ މިނެޓުގައި ޖަހައިދިނީ މާކަސް ރަޝްފޯޑްއެވެ.
މި ނަތީޖާއާއި އެކު ޔުނައިޓެޑުން ވަނީ ތިން ވަނާގައި އޮތް ނިއުކާސަލްއާއި ޕޮއިންޓުގެ ގޮތުން އަރާ ހަމަހަމަކޮށްފައެވެ. އެއީ ނިއުކާސަލް އަށްވުރެ އެއްމެޗުން މަދުން ކުޅެގެންނެވެ. ޔުނައިޓެޑް ހަތަހަރުވަނާގައި އޮތީ 17 މެޗުން ލިބުނު 35 ޕޮއިންޓާއި އެކު ގައެވެ. އަދި ނިއުކާސަލް ތިން ވަނާގައި އޮތީ 18 މެޗު ކުޅެގެން ލިބުނު 35 ޕޮއިންޓާއި އެކުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް