ރައއްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަކީ ލާދީނީ މީހެކޭ ކިޔުމުގެ މަގުސަދަކީ ޖާނަށް ނުރައްކާ ކުރުން ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިހެން ވިދާޅުވީ ޖަމިއްޔަތުލް އިއްތިހާދުގެ ނަމުގައި އެމަނިކުފާނާއި ދެކޮޅަށް ފުލުހުންގެ އިދާރާއަށް މައްސަލައެއް ހުށަހެޅުމުންނެވެ. އެ މައްސަލަ ހުށަހެޅީ ނަސޯރާއިންގެ އީދު ކަމަށްވާ ކްރިސްމަސްގެ ތަހުނިޔާ ނަޝީދު އާންމުކޮށް ފޮނުއްވާފައިވާތީ އެވެ.
މަޖިލީހުގެ އިދާރާ މެދުވެރިކުރައްވާ ނަޝީދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެމަނިކުފާނަކީި އިސްލާމްދީނާ ދެކޮޅު ބޭފުޅެއްގެ ގޮތުގައި ސިފަކުރަން މަސައްކަތް ކުރާތާ އަހަރުތަކެއް ވެއްޖެ ކަމަށެވެ. އެމަނިކުފާނަކީ ލާދީނީ މީހެއް ކަމަށް ބުނެ ފަތުރާ އިލްޒާމުތަކަށް ފިޔަވަޅު އަޅާނެ ކަމުގެ އުއްމީދު ކުރައްވާ ކަމަށް ބަޔާނުގައި ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ދީނީ ހަރުކަށި މީހުން ހިތްރުހޭ ރާގަށް އެމަނިކުފާނާ މެދު އެފަދަ ތުހުމަތުތައް ކުރަމުންދާތީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ.
އޭގެ ބޭނުމަކީ އެމަނިކުފާނުގެ ފުރާނައަށް ނުރައްކާ ކުރުން ކަމަށާއި އެހެންވެ، އެކަންކަން ބަލައި، ފިޔަވަޅު އަޅަން އެދިވަޑައިގަންނަވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް