ނ. ލަންދޫގައި ތަރައްޤީ ކުރި ބަނދަރު ރަސްމީ ކޮށް ހުޅުވައި ފިއެވެ.
ލަންދޫގެ ބަނދަރު ރަސްމީކޮށް ހުޅުވާފައި ވަނީ އެކަމަށްޓަކައި މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްއެވެ.
ލަންދޫ ބަނދަރު ހެދުމުގެ މަޝްރޫޢު ކުރިއަށް ގެން ގޮސްފައި ވަނީ ސަރުކާރުގެ މައި ކޮންސްޓްރަކްޝަން ކުންފުނި އެމްޓީސީސީންނެވެ.
މި މަޝްރޫޢުގެ ދަށުން 227 މީޓަރގެ އެއްގަމު ތޮށި ލައި، ލަންދޫ ހާބަރަށް އިތުރުވި 41,251 ކިޔުބިކް މީޓަރުގެ ބޭސިން ފުންކޮށް، 1000 ކިޔުބިކް މީޓަރުގެ މިހާރު ހުރި ހާބަރ ބޭސިން ފުންކޮށް، 5000 ކިޔުބިކް މީޓަރުގެ ނެރު ފުންކޮށްފައި ވެއެވެ.
މީގެ އިތުރުން، 387 މީޓަރުގެ ބޭރުތޮށި ލައިި، 73 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖަހައި، 80 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖަހައި، ޖުމްލަ 1750 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓް ހަދައި، ބަނދަރު ބައްތި ޖެހުމުގެ އިތުރުން، ރޭމްޕެއް ހެދުމުގެ މަސައްކަތް ވަނީ މި މަޝްރޫޢުގެ ދަށުން ފުރިހަމަ ކޮށްފައިި ކަމުގައި އެމްޓީސީސީން ހާމަކުރެއެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމްއާއި، ލަންދޫ ކައުންސިލްގެ ރައީސް ޢަބްދުލްޢަޒީޒް މުޙައްމަދު އާއި، އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމްއާއި، މިނިސްޓްރީ އޮފް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާރ އަދި އެމްޓީސީސީގެ އިސްވެރިންނާއި، ލަންދޫ ކައުންސިލް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް