އެމްޓީސީސީ ރަށްވެހި ޗެލެންޖް 2021 ގެ ޗެމްޕިއަންކަން އެން.ވައި.ޖީ ހޯދައިފިއެވެ.
އެޓީމުން ޗެމްޕިއަންކަން ހޯދީ ނިލަންދޫ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ފައިނަލް މެޗުގައި ސްޕޯރޓްސް ކްލަބް ފަހުލަވާނާއި ބައްދަލުކޮށް މޮޅުވެގެންނެވެ.
މި މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު ދެޓީމު އެއް ލަނޑު އެއް ލަނޑުން އެއްވަރުވުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި އެން.ވައި.ޖީ މޮޅުވީ 8 ލަނޑު 7 ލަނޑުންނެވެ.
މި މެޗު ޝަރަފްވެރިކޮށްދެއްވީ ނިލަންދޫ ދާއިރާގެ މެމްބަރު ޢަބްދުލް މުހުސިން ޙަމީދެވެ.
މެޗު ފަށައިގެން ދެޓީމުގެ ފަރާތުން ވެސް ރީތިކުޅުމެއް ކުޅުމަށް މަސައްކަތް ކުރިއިރު ފުރަތަމަ ހާފުގައި ދެޓީމަ ށްވެސް ގޯލް ޖަހާނެ މާގިނަ ފުރުޞަތުތަކެއް ލިބިފައެއް ނުވެއެވެ. ނަމަވެސް ދެ ޓީމަށް ވެސް ކޮންމެވެސް ވަރަކަށް ފުރުޞަތުތަކެއް ލިބިގެން ދިޔައެވެ.
ދެވަނަ ހާފުގައި އެން.ވައި.ޖީއަށް ފަހުލަވާނަށްވުރެ ގިނަ ފުރުޞަތު ލިބުނު އިރު، ފުރަތަމަ ގޯލު ޖެހީ ވެސް އެޓީމުންނެވެ. މިއީ އެން.ވައި،ޖީގެ ކުޅުންތެރިއަކު ބޯޅަ ހިފައިގެން އޭރިޔާ ތެރެއަށްވަދެ ކުރިއަށް ފޮނުވާލަން އުޅުމުގެ ތެރޭގައި ކީޕަރު ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ. މިޕެނަލްޓީ ފޮނުވާލައިގެން ލީޑު ނަގައިދިނީ ކެޕްޓަން ފަރުހާދު އިސްމާޢީލް (ފަރޭ)އެވެ.
އެން.ވައި.ޖީން ލީޑު ނެގުމާއެކު ފަހުލަވާނުން ވެސް ކުރިއަށްޖެހި ގޯލު ޖެހުމަށް ކުރި މަސައްކަތުން ކާމިޔާބު ވީ 86 ވަނަ މިނެޓުގައެވެ. އެން.ވައި.ޖީގެ ކީޕަރު ފަހުލަވާނުގެ ޙުސައިން އިބްތިޝާމަށް ކުރި ފައުލަކާ ގުޅިގެން ލިބުނު މިޕެނަލްޓީ ކާމިޔާބުކޮށް ނަތީޖާ ހަަމަހަމަކޮށްދިނީ މެދުތެރެއަށް ކުޅޭ ޒައިދުއެވެ.
ފައިނަލް މެޗު ނިމުމުން މުބާރާތަށް އެކިގޮތްގޮތުން އެހީތެރިވެދިން ފަރާތްތަކަށާއި ވަނަވަނަ ހޯދި ކުޅުންތެރިންނަށާއި ޓީމުތަކަށް ޢިނާމު ހަވާލުކޮށްފައިވެއެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފަހުލަވާނުގެ ޙުސައިން ޞާރިފްއެވެ. އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވުނީ ފަހުލަވާނުގެ އަޙުމަދު ރާބިޢުއެވެ. އެންމެ މޮޅު ޑިފެންޑަރަކަށް އެން.ވައި.ޖީގެ ފާރޫގު އިސްމާޢީލް ހޮވުނުއިރު، އެންމެ މޮޅު މިޑްފީލްޑަރަކަށް ހޮވުނީ ފަހުލަވާނުގެ އަޙުމަދު ޒައިދުއެވެ.
އެންމެ މޮޅު ފޯވާޑަކަށް ފަހުލަވާނުގެ ޢާދިލް ޢަލީ ހޮވުނު އިރު، އެންމެ އުއްމީދީ ކުޅުންތެރިއަކަށް ހޮވުނީ އެން.ވައި،ޖީގެ މުޞްލިޙު މޫސާއެވެ. ޓީމަށް އެންމެ ފައިދާ ހޯދަދިން ކޯޗަކަށް އެން.ވައި،ޖީގެ ޢަބްދުލް ޖަލީލު ހޮވުނުއިރު، ޓޮޕްސްކޯރަރއަކަށް ވޭލް ސަބްމެރިން އިން ހުށަހަޅާފައިވާ ފްރީ ޑައިވް އަދި ރަން ބޫޓް ލިބުނީ 4 ގޯލް ޖަހައިގެން އެން.ވައި.ޖީގެ ފަރުހާދު އިސްމާޢީލް (ފަރޭ) އަށެވެ. ފަރޭ 4 ގޯލު ވެސް ޖަހާފައިވަނީ މެޗުތަކުގައި އެޓީމަށް ލިބުނު ޕެނަލްޓީތަކުންނެވެ.
ފެއަރޕްލޭ ޓީމަކަށް އެސް.ޖީ.ސީ ހޮވުނުއިރު، މުބާރާތުގެ މޮޅު ކުޅުންތެރިޔާއަށް ވޭލް ސަބްމެރިން އިން ހުށަހަޅާފައިވާ ފްރީ ޑައިވް އާއި ނިލަންދޫގައި ގެސްޓް ހައުސް ވިޔަފާރި ފެށުމަށް ތައްޔާރުވަމުން އަންނަ އެވިލާ އިން ހުށަހަޅާފައިވާ ފައިސާގެ ޢިނާމާއި ޓްރޮފީ ލިބުނީ އެން.ވައި.ޖީގެ ފާރޫޤް އިސްމާޢިލްއަށެވެ. ރަނަރަޕް ޓީމަށް ރަށްވެހި ގްރޫޕްގެ ފަރާތުން ހުށަހަޅާފައިވަނީ 10000 ރުފިޔާގެ ފައިސާގެ ޢިނާމާއި ޓްރޮފީއާއި ރިހިމެޑަލްއެވެ.
މިމަޤާމުތަކަށް ޢިނާމުތައް ޙަވާލުކޮށްދެއްވީ މެޗު ބައްލަވާލެއްވުމަށް ވަޑައިގެންނެވި އެކި އިދާރާތަކުގެ އިސްވެރިންނާއި ޝަރަފްވެރިންނެވެ.
ޗެމްޕިއަންޓީމަށް ޢިނާމު ޙަވާލުކޮށްދެއްވީ މެޗުގެ ޝަރަފްވެރި މެހެމާނު ނިލަންދޫ ދާއިރާގެ މެމްބަރު ޢަބްދުލް މުޙުސިން ޙަމީދެވެ. ޗެމްޕިއަން ޓީމަށް ރަށްވެހި ގްރޫޕުން ހުށަހަޅާފައިވަނީ 20000 ރުފިޔާގެ ފައިސާގެ ޢިނާމާއި ހަނދާނީ ލިޔުން އަދި މިލްކުވާ ތަށްޓާއި ރަންމެޑަލްއެވެ.
މިރަސްމިއްޔާތުގައި ރަށްވެހި ގްރޫޕުން ވަނީ ދެން އެންމެ އަވަހަށް ބާއްވާނެ މުބާރާތެއް އިޢުލާނު ކޮށްފައެވެ. އެގޮތުން ފެބްރުއަރީ މަހު ކުޑަކުދިންނަށް އަމާޒުކޮށްގެން ފ. އަތޮޅަށް ހުޅުވާލައިގެން ފުޓްސަލް މުބާރާތެއް ބޭއްވުމަށްވަނީ އިޢުލާނުކޮށްފައެވެ.
މީގެ އިތުރުން މިއަދުގެ ރަސްމިއްޔާތުގައި ނިލަންދޫ ސްޕޯޓްސް ކްލަބުގެ ފަރާތުން ވަނީ ފ. އަތޮޅުގެ ކޮންމެރަށަކަށް ފުޓްސަލް ފަސް ބޯޅަ ހަދިޔާކޮށްފައެވެ.
މިމުބާރާތުގެ މެއިން ސްޕޮންސަރއަކީ އެމްޓީސީސީއެވެ. ކޯސްޕޮންސަރއަކީ ބޭންކް އޮފް މޯލްޑިވްސްއެވެ. އޮންލައިން މީޑިއާ ޕާޓްނަރއަކީ ދުވަސްއެމްވީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް