ވާހަކަ: އެދެވޭތީ އަދު ބުނަމޭ – ބާވީސްވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... " ރޫބީގެ ހެޔަށް ގޮތްވެއްޖެ ކަންނޭނގެ.." ޒޫނީ ބުނި އަޑުއިވުނެވެ. އާކިން އަވަސް އަވަހަށް ރޫބީ އަތްމައްޗަށް އުފުލައިލިއެވެ. އޭރު ރޫބީ ހަބަރު ހުސްވެއްޖެއެވެ. ރޫބީގެ ފައިގެ ހާލަތު ފ...

04 Jan 2022 | 16:15

ކުރީގެ އަދަދާއި ގުޅޭ...

" ރޫބީގެ ހެޔަށް ގޮތްވެއްޖެ ކަންނޭނގެ.." ޒޫނީ ބުނި އަޑުއިވުނެވެ. އާކިން އަވަސް އަވަހަށް ރޫބީ އަތްމައްޗަށް އުފުލައިލިއެވެ. އޭރު ރޫބީ ހަބަރު ހުސްވެއްޖެއެވެ. ރޫބީގެ ފައިގެ ހާލަތު ފެނުމުން އަމްރާއާއި ޒޫނީއަށް އަނގަމަތީގައި އަތްއަޅައިލިއެވެ. އަރީކް އަވަސްއަވަހަށް އެއްގަމާ ދިމާއަށް ފަތައިގަތީ އާކިން ރޫބީ ގޮވައިގެން އައުމުގެ ކުރިން އެމްބިއުލޭންސަށް ގުޅާށެވެ.

**************************

މާގިނައިރެއްނުވެ ހޮސްޕިޓަލަށް ދެވުނެވެ. ލަސްނުކޮށް ފަރުވާދޭން ފެށުނެވެ. އެތެރޭގައި އެކަކު މަޑުކުރަން ބުނުމުން އާކިން ބަހައްޓާފައި އެހެން އެންމެން ނިކުތެވެ. ޑޮކްޓަރު ރޫބީ ބަލަމުން ދިޔައިރު އާކިން އެނދުގައި ކައިރީގައި ކޮޅަށް ހުއްޓެވެ. ބުނެދޭން ނޭނގޭ ސަބަބަކާ ހުރެ އާކިންގެ ހިތް ނުތަނަވަސްވެފައިވިއެވެ. އޭނާގެ ނަޒަރު ރޫބީގެ މޫނުން އެންމެ ހިނދުކޮޅަކަށްވެސް ވަކިނުވެއެވެ. މާގިނަރެއް ނުވެ ރޫބީ ހޭއެރިއެވެ. ކަނޑައިގެން ގޮއްސަ ހުރިތަން ބޮޑުވެފައި ފުންކަމުން ފަހަން ޖެހުނެވެ. ރޫބީގެ ފައިގައި ބޭސް އެޅުމަށްފަހު ކަންބޮޑުވާން ޖެހޭ އެއްވެސް ކަމެއް ނެތް ކަމަށް ޑޮކްޓަރު ބުންޏެވެ. އަދި ކުޑައިރުކޮޅަކުން ގެއަށް ގެންދިޔަސް އެންމެ ރަނގަޅުކަމުގައި ބުނެލިއެވެ. އަދި ހަފްތާއެއް ވަންދެން ފައިގައި ފެން ނުޖެއްސުމަށާއި އެހާ ވަރަށް ހިނގާބިގާވެ ނޫޅުމަށް ބުންޏެވެ.

" އަލްޙަމްދުލިﷲ.. ރޫބީ ފެއިންޓްވީމަ ދޮންތަ ހާދަ ބިރުގަތޭ..." އެތެރެއަށް ވަދެގެން އައި އަމްރާ ރޫބީގެ އެނދުކައިރީގައި ހުއްޓެމުން ބުންޏެވެ.

" ލޭ ފެނުނީމަ އަހަރެންނަށް ވާގޮތެއް އެއީ.. އައި އެމް ފައިން ދޮންތާ..." ރޫބީ ހީނލަމުން ބުންޏެވެ.

" އެހެން ހެދުމެއް ގެނައިންތަ؟ ގެއަށް ދެވޭނީ ތެތް އެއްޗެހި ބަދަލުކޮށްގެން.. ޑޮކްޓަރު ބުނެފަ އިނީ ފައިގައި ފެން ނުޖައްސަން" ރޫބީގެ މޫނަށް ނުބަލަން މަސައްކަތް ކުރަމުން އާކިން އަހައިލިއެވެ.

" ދަބަހުގައި ހުންނާނެ..." ރޫބީ ބުނެލިއެވެ.

" އޯކޭ ދޮންތަމެންވެސް އެބައަންނަން ހެދުން ބަދަލުކޮށްލައިގެން.. ޒޫނީ ހުރީ ރޯގާވެސް ޖެހިފަ ފިނިވެގެން.." އަމްރާ ބުނެލިއެވެ.

" އާކި ހެލްޕް ރޫބީ ޗޭންޖް... މިތާ ކައިރި ގެސްޓްހައުސްއަކަށް މިދަނީ.... ދޮންތަމެން އަންނަމުން އާކި ލާނެ އެއްޗެހިވެސް ގެންނާނަން..." އެހެންބުނުމަށްފަހު އަމްރާ ދާން ހިނގައިގަތެވެ. އާކިން މޫނުމަތިން ކަންބޮޑުވުން ފާޅުވެލިއިރު ރޫބީވެސް އޮތީ ހަމައެފަދަ ހާލެއްގައެވެ. އާކިން އާ އެކު ފާހާނައަށް ދާން ޖެހުމުން ހިސާބަކަށް ލަދުވެސް ގަތެވެ.

" ޑޫ އިޓް ޔުއަރސެލްފް.. އަހަރެންގެ ކިބައިން ތިކަމަށް އުއްމީދު ކުރާނެ ކަމެއް ނެތް.." ރޫބީ ގައިން ދޫކޮށްލަމުން އާކިން ބުނެލިއެވެ. އެހިނދު ރޫބީ އަރިއަޅައިލިއެވެ. އާކިންއަށް ރޫބީ އާ ދިމާލަށް އަތް އުފުލައިލެވުނީ ބޭއިޙްތިޔާރުގައެވެ. ދެވަނަ ހިނދުގައި އެއަތް ތިރިވެސްކޮށްލައިފިއެވެ. ވެއްޓެން ދިޔަ ރޫބީ ހޯދީ ފާރުގެ އެހީއެވެ. އާކިން ކަންތައް ކުރިގޮތުން ރޫބީ ރުޅިއައެވެ. ދަތްކުޑިވިކައިލަމުން އާކިން އާ ދިމާލަށް ބަލައިލިއެވެ.

" އަހަރެން އާކިންގެ އެހީ ބޭނުމެއްވެސް ނޫން... އައި ކެން މެނޭޖް " ރޫބީ ބުނެލިއެވެ.

" ދެން ތިކުރާކަމެއް އަވަސްކުރޭ.. މިހާރުވެސް ވަރަށް ވަގުތު ބޭކާރުވެއްޖެ. އަހަރެން ނަމާދުވެސް ނުކުރަން އަދި..." އާކިން ބުނެލިއެވެ. ރޫބީ ވަކި އެއްޗެއް ނުބުނެ ފާހާނާއަށް ވަނެވެ. އެއްޗެހި ބަދަލުކޮށްގެން ނިކުތްއިރު އާކިން ފާރުގައި ލެގިލައިގެން ހުއްޓެވެ. އާކިން ރޫބީއާ ދިމާލަށް އަތްދިއްކޮށްލިއެވެ. ނަމަވެސް އެއަތުގައި ހިފާކަށް ރޫބީ ނޫޅުނެވެ. ފާރުގެ އެހީ ހޯދަމުން އެތަނުން ނިކުންނާން ހިނގައިގަތެވެ. އާކިންއަށް ދެބުމަ ގޮށްޖަހައިލެވުނެވެ. ފޮނި އަންހެނެކޭ ހިތަށް އެރިއެވެ. ރޫބީއަށް އެހީވާން އުޅުނީ އިންސާނިއްޔަތަށްޓަކައެވެ. ނަމަވެސް އެވަރު ރޫބީ އިހުސާސްނުވީތީ ހިތާހިތުން ރޫބީއަށް ކުދިކިޔައިލެވުނެވެ.

***********************

ގޭގެ ޕޯޓިކޯ ތެރެއަށް ކާރު މަޑުކޮށްލުމާއެކު އާކިން ފޭބިއެވެ. އެހިނދު އަނެއް ދެކާރުވެސް އައިސް އެމީހުންގެ ކާރުގެ ފަހަތުގައި މަޑުކޮށްލިއެވެ. އާކިން އުޅުނީ ރޫބީ އެކަނި އަންނަން ދޫކޮށްލުމަށްފަހު ގެއަށް ވަންނާށެވެ. ނަމަވެސް އެހެންމީހުން ތިބުމުން އެގޮތަށް ކަންތައްކުރާކަށް ނުކެރުނެވެ. ހިތާދެކޮޅަށް ނަމަވެސް ކާރުން ފައިބަން ރޫބީއަށް އެހީތެރިވެދެން ޖެހުނެވެ. އެމީހުން ބަލަން ތިބުމުން ރޫބީއަށްވެސް ދެކޮޅު ހަދާކަށް ނުކެރުނެވެ.

" އާކިން ރޫބީ އަތްމައްޗަށް ނަގަންވީނު.. ކޮރުޖަހަމުން ފެރީ ޓާމިނަލްއާ ހިސާބަށްވެސް ދިޔައީ.. މިހާރު ރޫބީ ފަޔަށް ވަރުބަލިވެފައި ހުންނާނީ... " އަމްރާ ބުނެލިއެވެ.

" ނޫން ދޮން...." ރޫބީއަށް ބުނެވުނީ އެހިސާބަށެވެ. ކުއްލި ހަރަކާތަކާއެކު އާކިން ރޫބީ އަތްމައްޗަށް އުފުލައިލިއެވެ. ރޫބީ އާކިންއަށް ބަލައިލީ ހައިރާންވެފައެވެ. ކުރިއަށް ނަޒަރު ހުއްޓާލައިގެން ހުރެ އާކިން ސިޑިން މައްޗަށް އެރިއެވެ. ކޮޓަރިއަށް ވަދެ ރޫބީ އެނދުގައި ބާއްވައިލިއެވެ.

" އަހަރެން ހީކުރީ އެނދުމައްޗަށް އެއްލާލާނީ ކަމަށް..." ރޫބީ ބުނެލިއެވެ.

" އެއްލާލަން އުޅުނީ.. އެނދަކަށް ނޫން.. ބެލްކަނިން ބޭރަށް.. ދެން ހިތަށް އެރީ ތިއޮއް ފަލަމީހާ އެއްލާލައިފިއްޔާ ވަގުތުން މަރޭވަނީ.. " ވަށާލާފައި ގޮސް އެނދުގެ އަނެއްފަރާތުގައި އިށީނދެ ބޫޓު ބާލަމުން އާކިން ބުންޏެވެ. ރޫބީއަށް ދެބުމަ ގޮށްޖަހައިލެވުނެވެ.

" ހައު ޑެއަރ ޔޫ ކޯލް މީ ފެޓް... " ރޫބީ ރުޅި އައިސްފައި ބުނެލިއެވެ.

" ކޮންކަމެއް ކުރެވޭނީ.. ތީ ހަމަ ފެޓީއެއް... " ރޫބީ އިތުރަށް ރުޅި އަރުވައިލުމުގެ ގޮތުން އާކިން ބުންޏެވެ.

" ކޯލް މީ ފެޓް ވަންސް މޯރ އެންޑް ޔޫ އާރ ގޮނަ ރިގްރެޓް އިޓް.. " ރޫބީ ބުނެލިއެވެ.

" ނުކުޅެދޭ މީހަކަށް ކޮންކަމެއް ކުރެވޭނީ.. މިހާރު ކިޔޭނެ ދޯ ތީ ކޮރު ފެޓީއެކޭ..." އާކިން އިންތަނުން ތެދުވަމުން ބުނެލިއެވެ. ރޫބީ ކައިރިއަށް އައި ރުޅިން ކައިރީގައި އޮތް ބާލިސް ނަގާ އާކިން އާ ދިމާލަށް ހޫރައިލިއެވެ. އެހިނދު ހުށިޔާރުވެ ހުރެ އާކިން ބަލީހުގައި ހިފިއެވެ. ބާލީސް އެނދުމަތީގައި ބާއްވައިލަމުން މަލާމާތުގެ ގޮތަކަށް ރޫބީ އާ ދިމާލަށް ހީލިއެވެ. އިންތިހާއަށް ރުޅި އައި ނަމަވެސް ދަތްކުޑިވިކާލައިގެން އިނުން ނޫން ކަމެއް ރޫބީއަކަށް ނުކުރެވުނެވެ. ރޫބީއަށް މަލާމާތް ކުރަމުން އާކިން ކޮޓަރިން ނިކުމެގެން ދިޔައިރުވެސް ރޫބީއަށް ލޯއަޅައިގެން އިނުން ނޫންކަމެއް ނުކުރެވުނެވެ.

ކޮޓަރިން ނިކުމެވުމާއެކު އާކިން އަށް އެތައް އިރެއްވަންދެން ހެވުނެވެ. ދުވަސްގަނޑަކަށްފަހުން އެހާވަރަށް ހީލެވުމުން ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް އާކިންއަށް ލިބުނެވެ.

*************

ހަފްތާއެއް ވެގެން ދިޔައިރު ރޫބީގެ ފައި ބޮޑުތަނުން ރަނގަޅުވެއްޖެއެވެ. އެއްޗެތި ގޮވަމުން ނަމަވެސް އާކިންގެ އެހީ ކޮންމެވެސް ވަރަކަށް ލިބުނީތީ ރޫބީ ޝުކުރުކުރިއެވެ. ފިރިއެއްގެ އަޅައިލުން ލިބުމުން އަނބިމީހާއަށް ލިބޭ ހިތްހަމަޖެހުން ރޫބީއަށް ތަޖުރިބާ ކޮށްލެވިއްޖެއެވެ. އެކަމާ އިންތިހާއަށް އުފާވެސް ވިއެވެ. ކަންކަމުގައި އާކިން އާ ރޫބި ދެބަސްވި ނަމަވެސް ހަޤީގަތަކީ ރޫބީ އާކިން ދެކެ ރުޅި ނާންނަކަމެވެ. ބޭނުންވަނީ ކުރިންވެސް އޮތް އެކުވެރިކަމެވެ. ބޭރު ފުށުން އާކިން ކިތަންމެ ހަރިކަށިކަމެއް ދެއްކިޔަސް އެތެރެއިން އާކިން އަކީ އޯގާތެރި ހިތްހެޔޮމީހެއްކަން ރޫބީ އަށް އެނގެއެވެ. އުއްމީދުކުރަނީ ކޮންމެވެސް ދުވަހަކުން އާކިން އޭނާއަށް މާފުކޮށް ރީތިގޮތުގައި އާކިންއާ އެކީ ދިރިއުޅުމަށެވެ.

ނަޖުވާ ކިހިނެއްތޯ އަހާފައި ރޫބީ ސައިފަށް މެސެޖެއް ފޮނުވައިލިއެވެ. ވަރަށް ބޮޑުތަން ރަނގަޅޭ ބުނުމުން ރޫބީއަށް ލިބުނީ ބަޔާންކުރަން ދަތި ހިތްހަމަޖެހުމެކެވެ. ކުރިން އޮތް ގޮތަށް އޭނާ އާ ނަޖުވާގެ ގުޅުން އިއާދަ ނުވިނަމަވެސް އުއްމީދަކީ ނަޖުވާއަށް އުފާވެރި ރަނގަޅު ދިރިއުޅުމެއް ލިބުމެވެ.

****************

އެރަށަށް އައިތާ ހަފްތާއެއް ފާއިތުވެގެން ދިޔައިރުވެސް ނަޖުވާ އެއްގޮތަކަށް ގެއަކުން ނުނިކުމެއެވެ. ނަމަވެސް ދެފަހަރެއްގެ މަތިން އަވައްޓެރިއަކު އައިސް ހާލު އަހުވާލު އޮޅުން ފިލުވާލައި ވާހަކަ ދައްކާލައި ހެދައިލުމުން ހިތްހަމަޖެހުނެވެ. އަވަށްޓެރިން ހީކުރާ ގޮތުގައި އޭނާއާއި ސައިފްއަކީ ދެމަފިރިންނެވެ. ނަޖުވާއާއި ސައިފް ވާހަކަދެއްކުމަށްފަހު ނިންމީ އެމީހުންގެ ހަޤީގަތް އަވައްޓެރިންގެ ކުރިމަތީގައި ފާޅުނުކުރުމަށެވެ. މަސްލަހަތަށްޓަކައެވެ.

އިންޓަވިއުއަކަށް ސައިފް ދިއުމުން ނަޖުވާ ގޭގައި އެކަނިވިއެވެ. އެހިނދު އާކިންގެ ހަނދާންތައް އޭނާ ވަށައިލިއެވެ. ރޫބީއާއި އާކިންގެ ބޭވަފާތެރިކަން ހަނދާންވާން ކޮންމެ ފަހަރަކު އޭނާގެ ލޮލުން އޮހެނީ ލޭކަރުނައެވެ. އެދުވަހު ރޫބީ އޭނާއަށް ދިން ހިތް ހަލާކު ކުރުވާވަރުގެ ޖަވާބަށް ފަހު އޭނާގެ ހިތްމުޅިން ކުދިކުދިވިއެވެ. އޮތް ހަމައެކަނި އުއްމީދުވެސް ފުނޑުފުނޑުވީ އާކިން އޭނާގެ ކޯލުތަކާއި މެސެޖްތަކަށް ޖަވާބު ނުދިނުމުންނެވެ. އެހިސާބުން އާކިންވެސް އޭނާ ދޫކޮށްލީކަމުގައި ޔަގީންވިއެވެ. ލޯތްބައްޓަކައި އޭނާ އާދޭސް ނުކުރަނީ ކާކު ކައިރީގައި ހެއްޔެވެ؟ އެންމެންވެސް އޭނާ ބާކީކޮށްލީއެވެ. ދިރިއުޅުން ބަނަވެ މުޅިން މާޔޫސްވިއެވެ. އެންމެ ލޯބިވާކަމަށް ހީކުރިމީހުން ދިން ކެއްސަށްފަހު އެގޭގައި މަޑުކުރާކަށް އޭނާ ބޭނުމެއްނުވިއެވެ. އަމުދުން އާކިން އާއި ރޫބީގެ ކައިވެނިކުރެވޭއިރު އެތަނުގައި ހުންނާކަށް އަމުދުން ބޭނުންނުވީއެވެ.

އާކިން އާއި ރޫބީގެ ކައިވެނީގެ ދެދުވަސް ކުރިން ދަބަހަށް އެއްޗެހި އަޅައިގެން އޭނާ ނިކުތީ ދަންވަރުއެވެ. ފުރަން ތައްޔާރުވެފައި އޮތް ބޯޓަކަށް އެރިއިރު އެއީ ކޮންތަނަކަށް ދަތުރުކުރާ ބޯޓެއްކަމެއްވެސް އޭނާއަކަށް ނޭނގެއެވެ. ބޯޓު މާލެއަށް ކައިރިކުރީ މާރުކޭޓު ތަކާ ދިމާލަށެވެ. ވޮލެޓް ނެގީ ކާރެއް ނަގަން ފައިސާ ހުރިތޯ ބަލާށެވެ. އެހިނދު އައި ނައި ތަނެއް ނޭނގި މީހަކު އޭނާގެ ވޮލެޓް ޖަހައިގަނެގެން ދުއްވައިގަތެވެ. ނަސީބަކުން އޭގެތެރެއިން އޭނާގެ ކޭޝްކާޑު ވެއްޓުނެވެ. އޭ ޓީ އެމް ހުރިތަނެއް ނޭނގޭތީ މީހުން ކައިރީގައި އަހަން ޖެހުނެވެ. އޭނާއަށް އެހީވީ ރީޝާ ކިޔާ އަންހެންކުއްޖެކެވެ. އޭނާ ނަޖުވާ އޭޓިއެމް އާ ހަމައަށް ގެންގޮސްދިނެވެ. އެކައުންޓްގައި އިން ފަސްހާސް ރުފިޔާ އެއްކޮށް ނެގުމަށްފަހު ކުލީ ކޮޓަރިއެއް ހުރިތަން ބުނެދިނުމަށް އެދުނެވެ. ނަމަވެސް ރީޝާ އެދުނީ އޭނާއާ އެކު އޭނާގެ ގެއަށް ދިއުމަށެވެ. ނަޖުވާ ބޭނުން ދުވަހެއް ވަންދެން އެގޭގައި ހުރެވޭނެ ކަމަށް ބުނުމުން ނަޖުވާގެ ހިތް ރީޝާއަށްޓަކައި ޝުކުރުން ފުރުނެވެ. ގާތްމީހުންނަށް ދުރުމީހުންވެސް މާ ރަނގަޅޭ ހިތަށް އެރިއެވެ. ނަމަވެސް ރީޝާ އޭނާއަށް ތައާރަފްކޮށްދިނީ އޭނާ ދުވަހަކުވެސް ނުކުރާ ކަމަކަށެވެ. ރީޝާގެ އެދުމުގެ މަތިން އެންމެ ފަހަރަކު އެކަން "ޓްރައި" ކޮށްލިއެވެ. އެކަންވީ ހިނދުކޮޅަކަށް ނަމަވެސް ހުރިހާ ހިތާމަތަކެއް ހަނދާން ނައްތާލުވި ކަމަކަށެވެ. މުސީބާތެއް ޖެހުމުން ހެއްދެވި ފަރާތަށް ރުޖޫއަވުމުގެ ބަދަލުގައި ނަޖުވާއަށް އިހުތިޔާރުކުރެވުނީ މުޅިން ގޯސް މަގެކެވެ. ކޮންމެ ރެއަކުހެން ރީޝާ ނަޖުވާއަށް އެފަދަ ތަކެތި ގަނެގެން ގެނެސްދެނީ ނަޖުވާގެ ލާރިންނެވެ. ނަޖުވާގެ ހުރިހާ ލާރިއެއް ހުސްވުމުން ރީޝާ ނަޖުވާ ގެއިން ނެރެލިއެވެ. އެހިސާބުން ރީޝާގެ އަސްލު ބޭނުމަކީ ކޮބައިކަން ނަޖުވާއަށް އިހުސާސްވިއެވެ. އެހެންނަމަވެސް އޭރު ވަގުތު ފާއިތުވެއްޖެއެވެ. ސައިފްއާ އޭނާ ކޮޓަރީގައި ބަންދުކޮށްގެން ގެންގުޅުނީތީ ފުރަތަމަ ރުޅިއައި ނަމަވެސް ފަހުން އޭނާއަށް ވިސްނެން ފެށިއެވެ. ސައިފްގެ އަގުހުރި ނަސޭހަތްތަކަށް ފަހު ފުރިހަމަ ތައުބާއަކުން ތައުބާ ވެވުނެވެ. ސައިފް އެކޮށްދޭ ކަންތައްތަކުގެ އަގު އަދާކޮށްދޭނީ ކިހިނެއްކަމެއްވެސް އޭނާއަކަށް ނޭނގެއެވެ.

ނުނިމޭ... ވާހަކައިގެ އާބައެއް، އިންޝާﷲ، ހައެއް ޖަނަވަރީ ވާ ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ....

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް