އުރީދޫ މޯލްޑިވްސް އިން "ގޯލްޑަން އިޔަރ ސިމް ޕެކް" ތަޢާރަފްކޮށްފިއެވެ.
މި ޕެކް ތަޢާރަފްކޮށްފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރުމުގެ ގޮތުން ފަތުރުވެރިންނަށް ޚާއްސަކޮށްގެންނެވެ.
އެ ކުންފުނިން ތަޢާރަފްކުރި މި ސިމް ޕެކް އިފްތިތާޙްކޮށްދެއްވީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރު.ސީ) ގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުޙައްމަދެވެ.
މި ސިމް ޕެކްގައި އެއް މަސް ދުވަހުގެ ވެލިޑިޓީއަކާއެކު ބޮޑެތި ޑޭޓާ އެލަވަންސްތައް ވަނީ ހިމަނާފައެވެ. އަދި ސޯޝަލް މީޑިއާއަށް ޚާއްސަ ޑޭޓާ ވެސް ވަނީ ހިމަނާފައެވެ.
މި ޕެކޭޖާއެކު ރާއްޖެ ޒިޔާރަތްކުރާ ފަރާތްތަކަށް ދުރުގައި ތިބި ޢާއިލާއާއި ރައްޓެހިންނަށް ފަސޭހަކަމާއެކު ގުޅުވައިލަދީ ރާއްޖޭގައި ކުރާ ހިތްގައިމު ދަތުރު ހިއްސާކޮށްލެވޭނެއެވެ.
އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމަރޝަލް އޮފިސަރ، ހުސައިން ނިޔާޒް ވިދާޅުވީ ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރުމަށް މުޅި ގައުމު ތައްޔާރުވަމުންދާއިރު، އެ ކުންފުނިން ވެސް ތިބީ މި އުފަލުގައި ބައިވެރިވެ، މި އަހަރަކީ އިތުރަށް ކުލަގަދަ އަހަރަކަށް ހެދުމުގެ އުއްމީދުގައި ކަމަށެވެ. އަދި މަގޭ ރާއްޖެ ކަލަންޑަރާއި ގޯލްޑަން އިޔަރ ސިމް ޕެކް ލޯންޗް ކުރުމަކީ މި އަހަރަށް ރާވާފައިވާ ހަރަކާތްތަކުގެ ފެށުން ކަމަށެވެ.
" އަޅުގަނޑުމެންނަކީ އަބަދުވެސް ރާއްޖޭގެ މުޖުތަމައުތަކަށް ދިރިއުޅުން ފަހިކޮށްދީ ރާއްޖޭގެ ކޮންމެ އުފަލެއްގައި ބައިވެރިވެ ދިވެހިންނާއެކު ދެމިތިބޭނެ ބައެއް. އަޅުގަނޑުމެންގެ އުންމީދަކީ މިއަހަރު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އިތުރު ކުރިއެރުން ލިބިގެންދިއުން." ނިޔާޒު ވިދާޅުވިއެވެ.
އެމް.އެމް.ޕީ.އާރު.ސީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުޙައްމަދު ވިދާޅުވީ އޫރިދޫގެ ފަރާތުން އިސްނަގައިގެން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ރަން ޔޫބީލްގެ މުނާސަބާގައި ފަތުރުވެރިންނަށް ޚާއްސަކޮށް ތައާރަފްކުރި މި ސިމް ކާޑަކީ ފަތުރުވެރިންނަށް ލިބިގެންދާނޭ ވަރަށް ބޮޑު ފަސޭހައެއް ކަން ކަށަވަރު ކަމަށެވެ.
އުރީދޫ މޯލްޑިވްސް އަކީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި ގުޅިގެން ދާއިރާއަށް ބޭނުންވާ އީޖާދީ ހައްލުތަކާއި، ދާއިރާގެ ޑިޖިޓަލް ޓްރާންސްފޮމޭޝަނަށް މަގުފަހިކޮށްދިނުމުގައި އިސް ދައުރެއް އަދާކުރާ ކުންފުންޏެކެވެ.
2020 ވަނަ އަހަރު ފަތުރުވެރިންނަށް ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއެކު އުރީދޫ މޯލްޑިވްސްއިން ވަނީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އާއި ޓޫރިޒަމް މިނިސްޓްރީ އަދި އޯރކާ މީޑިއާ ގްރޫޕާއި ގުޅިގެން ޑެސްޓިނޭޝަން މާކެޓިންގ ކެމްޕޭނެއް "ވިޒިޓް މޯލްޑިވްސް ނައު" ގެ ނަމުގައި ދުނިޔޭގެ 10 ގައުމެއްގައި ތިބި 117 މިލިއަނަށްވުރެ ގިނަ ކަސްޓަމަރުންނަށް އަމާޒުކޮށްގެން ފަށާފައެވެ.
ޕެންޑެމިކާއި ގުޅިގެން ކުރިމަތިލާންޖެހުނު ގޮންޖެހުންތަކާއެކުވެސް، ފަތުރުވެރިކަމުގެ ސިނާއަތުގެ ސްޓޭކް ހޯލްޑަރުން ގުޅިގެން ކުރި މަސައްކަތުން، ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖެއަށް ވަނީ ބޮޑެތި ކުރިއެރުންތަކެއް ލިބިފައެވެ.
އުރީދޫ މޯލްޑިވްސް އިން ވަނީ މި ކާމިޔާބީ އަށް މަރުހަބާ ދަންނަވައި، 2022 ވަނަ އަހަރު ފަތުރުވެރިކަމަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ކުރާ އުއްމީދުތައް ހިއްސާކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް