2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ބާތިލްކުރަން ޕީޕީއެމް އިން އަނެއްކާ ވެސް ކޯޓަށް ދަނީ

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ބާތިލްކުރަން ޕްރޮގްރެސިވް ކޯލިޝަނުން އަނެއްކާ ވެސް ކޯޓަށް ދާން ނިންމައިފިއެވެ. އެ ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކްރިމިނަލް ކޯޓުގެ ކުރީގެ ގ...

04 Jan 2022 | 12:03

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ބާތިލްކުރަން ޕްރޮގްރެސިވް ކޯލިޝަނުން އަނެއްކާ ވެސް ކޯޓަށް ދާން ނިންމައިފިއެވެ.

އެ ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކްރިމިނަލް ކޯޓުގެ ކުރީގެ ގާޟީ މުހައްމަދު ރާޣިބު އަހުމަދު ވިދާޅުވީ ރިޔާސީ އިންތިޚާބުގައި އޮޅުވާލުންތަކާއި ވޯޓު ބާތިލް ކުރެވޭނެ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އަދި އެ މައްސަލަތައް ކޯޓުތަކާއި އެންމެހާ މުއައްސަސާތަކަށް ހުށަހެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

"އަލަށް ތިލަވެފައިވާ މައްސަލަތަކާއި ލީކުވި ކަމަށް ބުނާ ބަޔާންތަކަށް ބަލާއިރު ވޯޓު ބާތިލު ކުރެވޭ ކަންކަން އެބަހުރި. 2013 ވަނަ އަހަރު ރިޔާސީ އިންތިޚާބު ބާތިލު ކޮށްފައިވަނީ ހަމައެކަނި ލިސްޓުގައި މަރުވެފައި ތިބި މީހުން ހިމަނާފައިވާތީ. އެއަށްވުރެ މާ ގިނަ ކަންތައްތަކެއް މީގެ ތެރޭގައި އެބަހުރި. އެހެންވީމަ އެކަންތައްތަކުގެ އަލީގައި ޝަރީއަތަށް ހުށަހަޅަން ގަސްތު ކުރަނީ،" ރާޣިބު ވިދާޅުވިއެވެ.

އޭނާއިތުރަށްވިދާޅުވީ އެކަން އެންމެހާ މުއައްސަސާތަކަށް ހުށަހެޅުމަށް ނިންމީ ދިވެހި ރައްޔިތުންގެ ބޮޑު ނިންމުމެއް ބަދަލުކޮށް ބޮޑު ހައްގެއް ގެއްލިގެން ދިޔުމުގެ ސަބަބުން އެ ހައްގު ހޯދައި ދިނުމަށްޓަކައި ކަމަށެވެ.

ސެޕްޓެމްބަރު 2018 ގައި ބޭއްވި ރިޔާސީ އިންތިޚާބު ނާކާމިޔާބީވުމުން ވެސް އެ އިންތިޚާބު ބާތިލުކުރަން ޕީޕީއެމް އިން ކޯޓަށް ހުށަހެޅިއެވެ. ނަމަވެސް އިންތިޚާބުގެ ނަތީޖާއަށް ބަދަލު އަންނަ ވަރުގެ އެއްވެސް މައްސަލައެއްގެ ހެއްކެއް ނެތް ކަމަށާއި އެހެންވެ އިންތިޚާބު ބާތިލްކުރަން ނުޖެހޭ ކަމަށް ވަނީ ނިންމާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް