އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕިންސް ނަރުސް މޭރީ ގްރޭސް މަރާލި މައްސަލައިގަ ފިރިމީހާ މާވިން އެސްވައި ވާގަސްގެ މައްޗަށް މަރުގެ ދައުވާ އުފުލައި އޭނާގެ ލޯބިވެރިޔާ ހަލީމަތު ލަމްހާގެ މައްޗަށް އެކަމަށް އެހީތެރިވުމުގެ ދައުވާތަކެއް އުފުލައިފި އެވެ.
މާވިން އާއި އޭނާގެ ދިވެހި ލޯބިވެރިޔާ ލަމްހާ އަކީވެސް އައިޖީއެމްއެޗުގެ ނަރުހުންނެވެ. މޭރީ ދަންޖެހިގެން މަރުވީ ކަމަށްބުނެ މާވިން އޭނާގެ ހަށިގަނޑު އައިޖީއެމްއެޗަށް ގެންދިޔައީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަދި މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު ވިދާޅުވީ އެ މައްސަލައިގަ މާވިންގެ މައްޗަށް އެނގިހުރެ މީހަކު މެރުމުގެ ދައުވާ ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ކަމަށެވެ. އެ ދައުވާ އުފުލީ ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތުގެ 10 ވަނަ މާއްދާގެ ދަށުންނެވެ.
އެ ދައުވާ އޭނާއާއި ދެކޮޅަށް އުފުލީ އެ ދެމަފިރިން ދިރިއުޅުނު މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގެ ތެރޭގައި މޭރީގެ ބޮލާއި ކަރަށް ހަމަލާދީގެންނާއި، ނޭވާ ހާސްކޮށްގެން މަރާލާފައިވާތީ އެވެ. މި ދައުވާ ސާބިތުވެއްޖެ ނަމަ މާވިންއަށް 10 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
ޝާފިއު ވިދާޅުވީ ޅ. ހިންނަވަރު، މާފިނި އުމުރުން 24 އަހަރުގެ ހަލީމަތު ލަމްހާ އަބްދުއްރަހްމާންގެ މައްޗަށް އުފުލާފައިވަނީ އެނގި ހުރެ މީހަކު މެރުމުގަ ބައިވެރިވުމުގެ ދައުވާ އާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދަޢުވާގެ އިތުރުން ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާ އެވެ.
މީގެ ތެރެއިން އެނގި ހުރެ މީހަކު މެރުމުގަ ބައިވެރިވުމުގެ ދައުވާ އުފުލީ އުދުހޭކޮކާގޭތެރޭގައި މޭރީ މަރާލުމުގައި އެހީތެރިވެދީފައިވާތީއާއި، މޭރީ މަރާލުމަށް ރޭވި ރޭވުމުގައި ބައިވެރިވެ، އޭނާ މަރާލުމުގެ ޢަމަލު ހިންގުމަށް މާވިންއަށް މަގުފަހިކޮށްދީފައިވާތީ އެވެ. މި ދައުވާ ސާބިތުވެއްޖެ ނަމަ ލަމްހާއަށް ހަ އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާ އުފުލީ ލަމްހާ ދިރިއުޅޭގެ ބަލައި ފާސްކުރިއިރު، އޭނާގެ ކޮޓަރީ ތެރެއިން ފެނުނު ސިޓީ އުރައެއްގެ ތެރެއިން، އައިޖީއެމްއެޗުގެ ހުއްދައަކާ ނުލައި، އެ ހޮސްޕިޓަލުން އޭނާ ނަގާފައިވާ، ހޮސްޕިޓަލުން ބޭރަށް ގެންދިއުން މަނާ، އަދި ހޮސްޕިޓަލުގެ ބޭނުމަށް އެކަނި ދޫކުރެވޭ އިންޖެކްޝަންތަކެއް ފެނިފައިވާތީ އެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ ދެ މަހާއ ި12 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާ ލަމްހާ އާއި ދެކޮޅަށް އުފުލީ އޭނާގެ ކޮޓަރިން ހޮސްޕިޓަލް އަދި ފަރުވާދޭ މަރުކަޒުތަކުގެ ބޭނުމަށް އެކަނި ދޫކުރެވޭ ބާވަތުގެ ބޭސްތަކެއް ފެނިފައިވާތީ އެވެ. މި ދައުވާ ސާބިތުވެއްޖެ ނަމަ ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
މޭރީގެ މަރާއި މެދު ފުލުހުން ޝައްކު ކުރީ ދަންޖެހިފައިވާ ކަމުގެ އެއްވެސް ނިޝާނެއް ހަށިގަނޑުގައި ފެންނަން ނެތުމުންނެވެ. އަދި އޭނާ ދަންޖެހުނު ކަމަށްބުނާ ކޮޓަރީގައި ދަން ޖެހެވޭނެ ގޮތެއް ނެތުމާއި މާވިން އެތަން ސާފު ކުރި ކަމަށް ބުނުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް