މި ސަރުކާރުން މަސައްކަތްކުރަނީ ރައްޔިތުން އެންމެ ބޭނުންވާ ގޮތަށް: ރައީސުލްޖުމްހޫރިއްޔާ

މި ސަރުކާރުން މަސައްކަތްކުރަނީ ރައްޔިތުން އެންމެ ބޭނުންވާ ގޮތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ނ. އަތޮޅަށް ކުރައްވަމުން ގެންދަ...

04 Jan 2022 | 11:28

މި ސަރުކާރުން މަސައްކަތްކުރަނީ ރައްޔިތުން އެންމެ ބޭނުންވާ ގޮތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނ. ލަންދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ލަންދޫ ސްކޫލުގައި މިއަދު މެންދުރު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ލަންދޫގައި ސަރުކާރުން ހިންގުމަށް ނިންމާފައިވާ މަޝްރޫޢުތަކުގެ ފަހުގެ މަޢުލޫމާތު ކައުންސިލާ ހިއްސާކުރައްވާފައެވެ.

އެ ގޮތުން ލަންދޫ ބަނދަރަކީ ދުވަސްވީ މަސައްކަތެއްކަން ފާހަގަކުރައްވައި، މިފަދަ މަސައްކަތްތައް ކުރުމުގައި މި ސަރުކާރުން ރައްޔިތުންނާއި ކައުންސިލުގެ ޚިޔާލާއި މަޝްވަރާ ހޯއްދަވާނެކަމުގައި ވިދާޅުވިއެވެ. އަދި މި އަހަރަށް ބަޖެޓްކުރެވިފައިވާ ފުޓްބޯޅަ ދަނޑު ޤާއިމުކުރުމުގެ މަސައްކަތް އަވަސްކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށާއި ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން އެދިލެއްވި ކަންކަމުގައި ކަމާގުޅޭ ފަރާތްތަކާ މަޝްވަރާކުރެއްވުމަށްފަހު އެދެވޭ ޙައްލެއް ހޯއްދަވައިދެއްވާނެ ކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ލަންދުއަށް މި ކުރައްވާ ދަތުރުފުޅަކީ މިލަދުންމަޑުލު ދެކުނުބުރީގެ ފަސް ރަށަކަށް މިއަދު ފެއްޓެވި ދެ ދުވަހުގެ ދަތުރުފުޅުގެ ދެވަނަ މަންޒިލެވެ. އެ މަނިކުފާނުގެ އަރިހުގައި ކެބިނެޓް މިނިސްޓަރުންނާ ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް