ހދ. ނެއްލައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް 30 ޑިސެމްބަރ 2021 ވަނަ ދުވަހު ނިމިއްޖެ ކަމަށް އެ މަސައްކަތް ކުރާ ކުންފުނި އެމްޓީސީސީ އިން ބުނެފިއެވެ.
މި މަޝްރޫޢުގެ ދަށުން، 398 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 103 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމާއި، 204 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށިލުން ހިމެނެއެވެ.
މީގެ އިތުރުން، 1812 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، މަގުބައްތި ހަރުކުރުމުގެ މަސައްކަތް މި މަޝްރޫއުގައި ހިމެނޭ ކަމަށް ކުންފުނިން ބުނެއެވެ.
މިއީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދިޔަ 55.4 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
ވޭތުވެދިޔަ ތިން އަހަރުތެރޭ އެމްޓީސީސީން ވަނީ ބަނދަރު ތަރައްޤީ ކުރުމުގެ 26 މަޝްރޫޢެއްގެ މަސައްކަތް ނިންމާފައެވެ.
1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިއްމު މަރުޙަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީއިން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް