މާފަރު ޞިއްޙީ މަރުކަޒާ ގުޅިގެން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވުމުގެ މަސައްކަތް މިއަހަރު ކުރެވިގެންދާނެކަމަށް ރަައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ނ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެ އަތޮޅު މާފަރަށް ވަޑައިގެން، މާފަރު ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވަނީ މާފަރަކީ ގިނަ ޢަދަދެއްގެ ބަޔަކު އަރާފައިބާ ރަށަކަށްވެފައި، ރަށުގައި ފުރިހަމަ ޞިއްހީ ނިޒާމެއް ޤާއިމުވެފައި އޮތުމުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ.
ރައީސް ވިދާޅުވީ މިއަހަރުގެ ބަޖެޓުގައި މާފަރު ސިއްހީ މަރުކަޒު އެކްސްޓެންޑްކޮށް، ރަނގަޅު ފެންވަރުގެ ހޮސްޕިޓަލަކަށް ބަދަލުކުރުން ހިމަނާފައިވާކަމަށެވެ. އަދި މިހާރުވެސް ސިއްހީ މަރުކަޒުން ޚިދުމަތްދޭ ވަގުތު 16 ގަޑިއިރަށް ބަދަލުކުރުމަށް ބޭނުންވާ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް މިއަހަރުގެ ބަޖެޓުގެ ތެރެއިން ކުރިއަށްދާނެކަމަށް ވިދާޅުވިއެވެ.
މި ބައްދަލުކުރެެއްވުމުގައި މާފަރު ރައްޔިތުންގެ ފަރާތުން ހުރި ކަންބޮޑުވުންތައް ރައީސްއަށް ދެންނެވުމުން އެކަންކަމަށް ވަނީ މަޝްވަރާކުރައްވާފައެވެ.
އެގޮތުން މާފަރު ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާއި، ޕްރިންސިޕަލަކު ނެތުމުގެ ދަތިކަމާއި، މަސްވެރިންނާއި އޮނޑިވެރިންނަށް މާފަރު ބަނދަރު ބޭނުންކުރުމުގައި ހުރި ދަތިތައް ރައްޔިތުން ވަނީ ފާހަގަކޮށްފައެވެ.
މި ދަތުރުފުޅުގައި ރައީސް ވަނީ މާފަރު ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެންބަރުންނާ ވެސް ބައްދަލުކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް