ތިއާގޯ ސިލްވާ ޗެލްސީއާއި އެކު ހަދާފައިވާ އެއްބަސްވުން އާކޮށްފި

ޗެލްސީއާއި އެކު ހަދާފައިވާ އެއްބަސްވުން ތިއާގޯ ސިލްވާ އާކޮށްފި އެވެ. ސިލްވާ އެއްބަސްވުން އާކުރިކަން ޗެލްސީން ހާމަކުރީ މިއަދު އެވެ. ފްރާންސްގެ ޕީއެސްޖީގައި ފަސް އަހަރު ހޭދަކުރުމަށްފަހު ސިލްވާ ޗެލްސީއަށ...

04 Jan 2022 | 06:17

ޗެލްސީއާއި އެކު ހަދާފައިވާ އެއްބަސްވުން ތިއާގޯ ސިލްވާ އާކޮށްފި އެވެ. ސިލްވާ އެއްބަސްވުން އާކުރިކަން ޗެލްސީން ހާމަކުރީ މިއަދު އެވެ.

ފްރާންސްގެ ޕީއެސްޖީގައި ފަސް އަހަރު ހޭދަކުރުމަށްފަހު ސިލްވާ ޗެލްސީއަށް ބަދަލުވީ 2020 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 28 ވަނަ ދުވަހުު 4.8 މިލިއަން ޕައުންޑުގެ އަގަކަށެވެ. އެފަހަރު އޭނާ ޗެލްސީއަށް ބަދަލުވީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ގަށުންނެވެ. ނަމަވެސް ސިލްވާ ދައްކަމުން އައި މޮޅު ކުޅުމުގެ ސަބަބުން އޭނާ އިތުރު އެއް އަހަރު ޗެލްސީގައި ބައްހައްޓަން ނިންމާ ދެވަނަ ފަހަރަށް އެއްބަސްވުން އާކުރިއެވެ. އެފަހަރުގެ އެއްބަސްވުން އާކުރީ މިހާރު ކުރިޔަށްދާ ފުޓްބޯޅަ ސީޒަނުގެ ނިޔަލަށެވެ. ނަމަވެސް މިހާރު އަނެއް ކާވެސް ސިލްވާގެ އެއްބަސްވުން އިތުރު އެއް އަހަރަށް މިވަނީ އިތުރުކޮށްފައެވެ. އެހެން ކަމުން އަންނަ ސީޒަނުގެ ނިޔަލަށް ސިލްވާ ޗެލްސީގައި މަޑުކުރާނެއެވެ.

ޗެލްސީގެ އެއްބަސްވުން އާކުރުމަށްފަހު ތިއާގޯ ސިލްވާ ބުނީ ދުނިޔޭގެ އެންމެ ވަރުގަދަ ލީގުގައި ކުޅެން އިތުރު ފުރުސަތެއް ލިބުމަކީ އުފާކުރާ ކަމެއް ކަމަށާއި، އޭނާގެ ފަރާތުން ކުލަބަށް ލިބެންޖެހޭ ހުރިހާ އެއްބާރުލުމެއް ވެސް ދޭއް ތައްޔާރަށް ހުރި ކަމަށް ތިއާގޯ ސިލްވާ ބުންޏެވެ.

" ކުލަބުގައި މަޑުކުރަން އިތުރު ފުރުސަތެއް ލިބުމުން ވަރަށް އުފާކުރަން. މިއީ ދުނިޔޭގައި އޮތް އެންމެ ވަރުގަދަ ލީގު. އަހަރެންގެ ފަރާތުން ކުލަބަށް ލިބެންޖެހޭ ހުރިހާ އެއްބާރުލުމެއް ދޭނަން." ތިއާގޯ ސިލްވާ ބުންޏެވެ.

ޗެލްސީއަށް ބަދަލުވުމަށް ފަހު ކުޅުނު 56 މެޗުގައި ތިއާގޯ ސިލްވާ ވަނީ ހަތަރު ލަނޑު ޖަހައިފަ އެވެ. ޗެލްސީއާއި އެކު ޗެމްޕިއަންސް ލީގު ތައްޓާއި، ޔޫއެފާ ސުޕަކަޕް ތަށި ތިއާގޯ ސިލްވާ ވަނީ ކާމިޔާބުކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް