ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިލަދުންމަޑުލު ދެކުނުބުރިއަށް ފުރާވަޑައިގެންފިއެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރައްވާ މި ދަތުރުފުޅެއްގައި އެމަނިކުފާނު ފުރާވަޑައިގެންނެވީ މިއަދު ހެނދުނުއެވެ.
ރައީސް ސޯލިހުގެ މި ދަތުރުފުޅުގައި ނ. މާފަރަށާއި، ލަންދޫއަށާއި، މަނަދޫއަށާއި، މަގުދޫ އަދި ހޮޅުދޫއަށް ވަޑައިގަންނަވާނެއެވެ.
މި ރަށްތަކަށް ކުރައްވާ ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ ނ. އަތޮޅު ކައުންސިލާއި، ވަކި ވަކި ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، ބައެއް ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރަށްރަށުގެ ބައެއް މުއައްސަސާތަކަށް ޒިޔާރަތްކުރައްވައި އެތަންތަނުގެ ޙާލަތު ބައްލަވާލެއްވުމަށް ހަމަޖެހިފައިވެއެވެ.
މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ލަންދޫ މިސްކިތާއި، ބަނދަރު ހުޅުއްވައި ދެއްވުމަށާއި، މަގޫދޫގައި އަލަށް ޢިމާރާތްކޮށްފައިވާ އިންޖީނުގެ ހުޅުއްވައި ދެއްވުމަށާއި، ހޮޅުދޫ ފުޓްބޯޅަދަނޑު ރަސްމީކޮށް ހުޅުއްވައި ދެއްވުމަށް ހަމަޖެހިފައެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅުގައި، ކެބިނެޓް މިނިސްޓަރުންނާއި، ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެ ވަޑައިގަންނަވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް