ޕްރިމިއާ ލީގު: ރޮނާލްޑޯގެ ކެޕްޓަން ކަމުގައި ޔުނައިޓެޑް ކުޅުނު މެޗުން ބަލިވެއްޖެ

އިނގިރޭސި ޕްރިމިއަރ ލީގުގައި ހޯމަ ދުވަހުގެ ރޭ ވުލްވަހެމްޓަން އާއި ދެކޮޅަށް ކުޅުނު މެޗުން މެންޗެސްޓަރ ޔުނައިޓެޑު ބަލިވެއްޖެ އެވެ. އަމިއްލަ ދަނޑުގައި ވުލްވަހެމްޓަންއާއި ދެކޮޅަށް ކުޅުނު މެޗުން ޔުނައިޓެޑް...

04 Jan 2022 | 02:47

އިނގިރޭސި ޕްރިމިއަރ ލީގުގައި ހޯމަ ދުވަހުގެ ރޭ ވުލްވަހެމްޓަން އާއި ދެކޮޅަށް ކުޅުނު މެޗުން މެންޗެސްޓަރ ޔުނައިޓެޑު ބަލިވެއްޖެ އެވެ.

އަމިއްލަ ދަނޑުގައި ވުލްވަހެމްޓަންއާއި ދެކޮޅަށް ކުޅުނު މެޗުން ޔުނައިޓެޑް ބަލިވީ 0-1 ގެ ނަތީޖާއިންނެވެ.

މިއީ ޔުނައިޓެޑުގެ އާ ކޯޗު ރަލްފް ރަންގްނިކްގެ އިރުޝާދުގެ ދަށުން ކުޅުނު ހަ މެޗުގެ ތެރެއިން އެޓީމު ބަލިވި ފުރަތަމަ މެޗެވެ.

ރޭގެ މެޗު ފެށިގެންވެސް ރަނގަޅަށް ކުޅެ ގިނަ ހަމަލާތައް އުފައްދަމުން ދިޔައީ ވުލްވަހެމްޓަނުންނެވެ. އެގޮތުން މެޗުގެ ފުރަތަމަ ހާފުގައި އެޓީމުން ވަނީ ޔުނައިޓެޑްގެ ގޯލާއި އަމާޒުކޮށް 15 ހަމަލާއެއް ފޮނުވާލާފައެވެ. މިއީ ޔުނައިޓެޑުގެ އަމިއްލަ ދަނޑުގައި ޔުނައިޓެޑާއި ދެކޮޅަށް ކުޅެ ހަމަ އެކަނި ފުރަތަމަ ހާފުގައި ޓީމަކުން މިހާ ގިނަ ހަމަލާ އުފެއްދި ފުރަތަމަ ފަހަރުވެސް މެއެވެ. ވުލްވްސްގެ ފަރާތުން ޔުނައިޓެޑުގެ ގޯލަށް ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެން ދިޔައީ ދެޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެ އޮވެއެވެ.

ރޮނާލްޑޯގެ ކެޕްޓަން ކަމުގެ ދަށުން ޔުނައިޓެޑް ކުޅުނު މި މެޗުގެ ފުރަތަމަ ހާފާއި އެއްގޮތަށް ފަހު ހާފުގައިވެސް އެޓީމުގެ ފަރާތުން ދައް ކުޅުމެއް ފެނިގެން ދިޔައިރު، މި މެޗުގައި ވުލްވްސްގެ ހަމައެކަނި ލަނޑު ފެނިގެން ދިޔައީ މެޗުގެ 82 ވަނަ މިނެޓުގައެވެ. މި ލަނޑު ވުލްވަހެމްޓަން އަށް ކާމިޔާބުކޮށްދިނީ ޖާއޯ މޮޓީނިއޯ އެވެ. އޭނާ މި ލަނޑު ކާމިޔާބުކޮށްފައިވަނީ ޔުނައިޓެޑްގެ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުންނެވެ.

މި މޮޅާއެކު ވުލްވްސް ވަނީ 19 މެޗުން ލިބުނު 28 ޕޮއިންޓާއެކު ތާވަލުގެ އަށްވަނައަށް ޖެހިލާފައެވެ. އެ ޓީމާއި ޖެހިގެން ހަތްވަނައިގައި އޮތީ ވުލްވަހެމްޓަން އަތުން ބަލިވި މެންޗެސްޓަރ ޔުނައިޓެޑެވެ. ޔުނައިޓެޑް ހަތް ވަނާގައި އޮތީ 19 މެޗުން ލިބުނު 31 ޕޮއިންޓާއެކުގައެވެ. ތާވަލުގެ އެއްވަނައިގައި އޮތީ މެންޗެސްޓަރ ސިޓީއެއެވެ. އެޓީމު އެއްވަނާގައި އޮތީ 21 މެޗުން ލިބުނު 53 ޕޮއިންޓާއެކު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް