މާލޭގައި ހިންގާ ބައެއް ޕްރީ ސްކޫލްތަކުގެ ވެރިންނާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ބައްދަލު ކުރައްވައިފި އެވެ.
މި ބައްދަލުވުން އޮތީ އެޑިއުކޭޝަން މިނިސްޓްރީގައި އެވެ.
އެ މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި އެ ސްކޫލްތައް ހިންގުމުގައި ދިމާވެފައިވާ ދަތިތަކަކީ ކޮބައިތޯ މިނިސްޓަރު އޮޅުންފިލުވާފައިވާ ކަމަށެވެ. އަދި އެފަދަ ދަތިތައް ދެފަރާތުން ގުޅިގެން ހައްލުކުރެވިދާނެ ގޮތްތަކާބެހޭގޮތުން މަޝްވަރާކުރި އެވެ.
މިނިސްޓަރު މާލޭ ބައެއް ޕްރީ ސްކޫލްތަކުގެ ވެރިންނާއި ބައްދަލު ކުރެއްވި އިރު ކޯވިޑް-19 އާއި ގުޅިގެން މާލޭ ޕްރީ ސްކޫލްތަކުގައި ކިޔަވައި ދިނުން ބަންދު ކުރިތާ 10 މަސްވީ އެވެ. އަންނަ އާދިއްތަ ދުވަހު 2020-2021 ވަނަ އަހަރުގެ ދެ ވަނަ ޓާމުގެ ކިޔެވުން ފަށާއިރު މާލޭ ސްކޫލްތަކުގައި އެލްކޭޖީ އަދި ޔޫކޭޖީ ދަރިވަރުންނަށް ކިޔަވައިދޭން ފެށުމުގެ ހުއްދަ މިއަދު އެޑިއުކޭޝަން މިނިސްޓްރީން ވަނީ ދީފައި އެވެ.
އެ މިނިސްޓްރީން ބުނީ މިގޮތަށް ނިންމި ނަމަވެސް ސްކޫލްތަކުގައި ކިޔަވައިދޭނީ އެ ރަށެއްގައި ކޯވިޑްގެ ހާލަތަށް ބަލައިގެން ކަމަށެވެ.
https://twitter.com/MoEdumv/status/1346097121829605377
މާލޭގެ ގިނަ ޕްރީ ސްކޫލްތަކަކީ އަމިއްލަ ފަރާތްތަކުން ހިންގާ ސްކޫލްތަކެވެ. އެ ސްކޫލަތަކުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން ދައުލަތުން ފީދައްކައިދީ ސްޓޭޝަނަރީސް ހިލޭ ފޯރުކޮށްދެނީ އެލްކޭޖީ އަދި ޔޫކޭޖީ ދަރިވަރުންނަށެވެ.
ކޯވިޑް-19 އާއި ގުޅިގެން ޕްރީ ސްކޫލްތަކާއި ޤުރުއާން ކްލާސްތަކަށް ބޮޑެތި މާލީ ދަތިތައް ދިމާވެފައި އެވެ. އެހެންވެ މާލީ އެހީތެރިކަމަށް އެދުނު ޕްރީ ސްކޫލްތަކާއި ޤުރުއާން ކްލާސްތަކަށް އެޑިއުކޭޝަން މިނިސްޓްރީ އާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން ޒަކާތު ފަންޑުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް